ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކާނަލް ނާޒިމް ވިދާޅުވ އަންނަ އަހަރު ބާއްވާ އާންމު އިންތިހާބުގައި ދަނގެތީ ދާއިރާ އަށް ވާދަކުރައްވާނެ ކަމަށެވެ. ނާޒިމް ވިދާޅުވެފައިވަނީ ދަނގެތި ދާއިރާ އަށް ކުރިމަތިލައްވަނީ އެ ދާއިރާގެ ރައްޔިތުންނާއި ކައުންސިލުތަކާއި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ނާޒިމް އަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. މިހާރު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ދަނގެތި ދާއިރާ އަށް ކުރިމަތިލައްވަނީ، އެ ދާއިރާ އަކީ މިހާރު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއަކަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވަށައިގެން ރިސޯޓްތައް ހުރިއިރު، ދާއިރާގެ ރައްޔިތުންނަށް ފަތުުރުވެރިކަމުގެ ހަގީގީ ނަފާ ނުލިބޭ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައްވެސް ނުލިބޭ ކަމަށެވެ.
ކައިރި މުސްތަގްބަލެއްގައި އެ ދާއިރާގެ ރަށްރަށައް ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މިހާރު ދަނގެތި ދާއިރާ ތަމްސީލުކުރައްވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްހާމު އަހުމަދެވެ. އެ ދާއިރާއަށް ކުރިއަށް އޮތް އިންތިހާބުގައި ކުރިމަތި ނުލައްވާނެކަމަށް އިލްހާމު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުރަތަމަ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ކާނަލް ނާޒިމް މަގާމުން ދުރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ސުޕްރީމް ކޯޓުން މިހާރު އެ މައްސަލަ ބަލަމުން އަންނާތީ ޖަލު ހުކުމް ތަންފީޒު ކުރުން ވަނީ މަޑުޖައްސާލައިފައެވެ.