މިއެޓް ފުޓްސަލް ފިއެސްޓާ: ސެމީއަށް ދިޔަ ޓީމުތައް ކަށަވަރު ވެއްޖެ

މިއެޓް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ ތެރެއިން-- ފޮޓޯ: މިއެޓް

ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ މިއެޓް ފުޓްސަލް ފިއެސްޓާގެ ސެމީގައި ކުޅޭ ހަތަރު ޓީމު ކަށަވަރު ވެއްޖެ އެވެ.

ޖުމްލަ ހަތް ޓީމަކާ އެކު މި އަހަރު ކުރިއަށްދާ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ތިން ޓީމެވެ.

ގްރޫޕް އޭގައި ހިމެނެނީ ހިއްމަފުށި އެފްސީ، ކަންމަތި އެފްސީ، އެޕޮކަލިޕްސް އަދި ހުދުރަންފުށި އެވެ. ރޭ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު އޭ ގްރޫޕުގެ އެންމެ ކުރީގައި ހަތް ޕޮއިންޓާ އެކު އޮތީ ހިއްމަފުށި އެފްސީ އެވެ. ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ކަންމަތި އެފްސީ އެވެ. އެހެން ކަމުން އެ ދެ ޓީމު ވަނީ ސެމީއަށް ދަތުރު ކޮށްފަ އެވެ. ތިން ޕޮއިންޓާ އެކު ތިންވަނާގައި އޮތް އެޕޮކަލިޕްސް އާއި ޕޮއިންޓަކާ ނުލައި ގްރޫޕް ސްޓޭޖު ނިންމާލި ހުދުރަންފުށި ވަނީ ކަޓައިގެން ގޮސްފަ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ބްލެކް އީގަލްސް، ބޮޅު ކޮމިއުނިޓީ، އަދި އެފްސީ ޓްރައިބު އެވެ. ފޯރިގަދަ އެ ގްރޫޕުގެ މެޗުތައް ނިމުނު އިތު ތިން ޓީމަށް ވެސް ލިބިފައި އޮތީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ސެމީއަށް ބޯޅު ކޮމިއުނިޓީ އަދި އެފްސީ ޓްރައިބު ދަތުރު ކުރީ ގޯލް ޑިފަރެންސުންނެވެ.

މުބާރާތުގެ ސެމީގައި ހިންމަފުށި އެފްސީ ބައްދަލު ކުރާނީ ބޮޅު ކޮމިއުނިޓީ އާ އެވެ. އެ މެޗު އޮންނާނީ މާދަމާ ރޭ 20:30ގަ އެވެ. ދެވަމަ ސެމީގައި ބައްދަލު ކުރާނީ ބްލެކް އީގަލްސް އާއި ކަންމަތި އެފްސީ އެވެ. އެ މެޗު އޮންނާނީ މާދަމާ ރޭ 21:30ގަ އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 21:30 ގަ އެވެ.

ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިއެޓް ފުޓްސަލް ފިއެސްޓާ ފެށީ ޑިސެންބަރު އެއްވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ އަށް ދާ ޓީމަކަށް ދޭނީ 5000 ރުފިޔާގެ އިނާމެކެވެ.

comment ކޮމެންޓް