ދީނީ ޗެނަލަށް ދިން ފައިސާއިން 1.4 މިލިޔަން ރުފިޔާ ގެއްލިފައި: އޮޑިޓް

ހަލީލް އަދި އިކްރާމް --- ސަންފޮޓޯ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގި "ދީނީ ޗެނަލް"އަށް އިކުއިޕްމެންޓް ގަތުމަށް ޕީއެސްއެމްއަށް ދޫކުރި 7.9 މިލިޔަން ރުފިޔާގެ ތެރެއިން 1.4 މިލިޔަން ރުފިޔާ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަން ހާމަވެއްޖެ އެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ކަމެއް އޮޑިޓަށް ފާހަގައެއް ނުކުރެވުނެވެ.

އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2017ގެ އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް "ދީނީ ޗެނަލް"ގެ ނަމުގައި ޗެނަލެއް އުފެއްދުމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުގައި ސޮއިކުރި ނަމަވެސް، އާ ޗެނަލްތަކެއް އުފައްދާފައިނުވެ އެވެ. އެހެން ނަމަވެސް ޕީއެސްއެމް އިން އޭރު ހިންގަމުން ދިޔަ ޗެނަލެއްގެ ނަން "މުންނާރު"ގެ ނަމަށް ބަދަލުކޮށް، ބްރޯޑްކާސްޓްކުރަން ފެށި ކަމަށް ރިޕޯޓުގައިވެ އެވެ.

މި ޗެނަލް އުފައްދައި ހިންގުމަށް ހިނގާނެ ހަރަދު ދެފަރާތުން ހިއްސާވާނެ ގޮތުގެ ތަފްސީލު، ދެފަރާތުން ސޮއިކުރި އެއްބަސްވުމުގައި ނެތް ނަމަވެސް، ޗެނަލަށް ލިބޭ އާމްދަނީ ދެފަރާތަށް ހަމަހަމަވާ ގޮތަށް އެއްވަރަށް އޮންނަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.

https://sun.mv/82992

ދީނީ ޗެނަލެއް އުފެއްދުމަށް ބޭނުންވާ 51 އިކުއިޕްމެންޓެއް ގަތުމަށް ޕީއެސްއެމްއިން އިސްލާމިކް މިނިސްޓްރީއަށް 7.9 މިލިޔަން ރުފިޔާގެ ކޯޓޭޝަނެއް ހުށަހެޅިކަމަށާއި، އެ ފައިސާ އެއްކޮށް ޕީއެސްއެމްއަށް ދޫކުރިކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ. އެހެން ނަމަވެސް 2017 ނޮވެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއެމް އިން ގަނެފައި ވަނީ 15 އައިޓަމު ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.

އެ ޗެނަލަކީ އޭރު ވެސް ހިންގަމުން ދިޔަ ޗެނަލެއް ކަމުން، ޕީއެސްއެމްއިން "ޗެނަލް އުފެއްދުމަށް" ކަމަށް ބުނެ ހޯދަން އެދުނު ލިސްޓުގައި ހިމަނާފައި ވަނީ ބޭނުންވާ ވަރަށް ވުރެ ގިނަ އިކުއިޕްމެންޓުކަމަށް ބެލެވޭކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ.

އޮޑިޓުގައި ބުނެފައި ވަނީ 15 އިކުއިޕްމެންޓު ގަތުމަށް ޕީއެސްއެމްއިން ހަރަދުކޮށްފައި ވަނީ 1.6 މިލިޔަން ރުފިޔާ ކަމަށާއި އެހެންކަމުން އެކަމަށް ޓަކައި ދޫކުރި 7.9 މިލިޔަން ރުފިޔާގެ ތެރެއިން ބާކީ 6.2 މިލިޔަން ރުފިޔާ ހުންނަންޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް އިކުއިޕްމެންޓް ހޯދުމަށް ޕީއެސްއެމްއަށް ފައިސާ ޖަމާކޮށްދިން އެކައުންޓުގައި، އޮކްޓޫބަރު 2018ގެ ނިޔަލަށް ހުރީ 4.8 މިލިޔަން ރުފިޔާ ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ. އެހެންކަމުން 1.4 މިލިޔަން ރުފިޔާއަށް ހަރަދުކުރި ގޮތެއް އެނގިފައެއް ނުވެ އެވެ.

"އެހެންކަމުން ދީނީޗެނަލް އެދުމަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށް މިނިސްޓްރީން އެ ކުންފުންޏަށް ދީފައިވާ ފައިސާ، ކުންފުނީގެ އެހެނިހެން ކަންތަކަށް ޚަރަދުކުރުމަށް ބޭނުންކޮށްފައިވާކަން ބެލެވެ އެވެ. ކަން މިހެން އޮތް އިރު، ޕީއެސްއެމްއަށް ދޫކުރި ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ގޮތް ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވެ އެވެ،" އޮޑިޓުގައި ބުނެފައިވެ އެވެ.

https://sun.mv/83973

މީގެ އިތުރުން އޮޑިޓުގައި ފާހަގަކުރި ގޮތުގައި، ދީނީ ޗެނަލަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށް ޕީއެސްއެމްއަށް މިނިސްޓްރީން ފައިސާ ދޫކުރީ، ޒަކާތު ފަންޑުން، ދީނީ ކަންކަން ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑަށް ޓްރާންފާކުރުމަށް ފަހު އެ ފަންޑުން ކަމަށް އޮޑިޓަރު ޖެނެރަލް ފާހަގަކުރެއްވި އެވެ.

އަދި ޗެނަލްގައި ހިމެނޭ ހުރިހާ އެސެޓެއް ހިމެނޭ ގޮތަށް، ދެ ފަރާތުގެ އެސެޓުތައް ވަކިވަކިން އެނގޭނެ ގޮތަށް ރެޖިސްޓްރީއެއް ހަދަންވާނެ ކަމަށް އެގްރިމެންޓުގައި އޮތް ނަމަވެސް، އެފަދަ ރެޖިސްޓްރީއެއް ތައްޔާރުކޮށް، ބަލަހައްޓަމުން ގޮސްފައި ނުވާކަން ވެސް އިސްލާމިކް މިނިސްޓްރީގެ އޮޑިޓުގައި ބުނެފައިވެ އެވެ.

މި އޮޑިޓަށް ރިއާޔަތްކޮށް، އޮޑިޓަރު ޖެނެރަލް ވަނީ ދީނީ ޗެނަލް އުފެއްދުމަށް ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީން އެއްބަސްވި އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ދެފަރާތުން ވެސް އަމަލުކުރުމަށާއި ޗެނަލް ހިންގުމަށް ދޫކުރި ފައިސާ ހަރަދުކުރަމުން ދަނީ މުންނާރު ޗެނަލް ބްރޯޑްކާސްޓުކުރުމަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށް ޕީއެސްއެމްއިން ހުށަހެޅި ކޯޓޭޝަނުގައިވާ ތަކެތި ގަތުމަށް އެކަނި ކަން ކަށަވަރުކުރުމަށް ލަފާދެއްވައިފަ އެވެ.

comment ކޮމެންޓް