އިސްލާމްދީނާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ދީނީ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އުފެއްދި ދީނީ ޗެނަލް، "މުންނާރު" އިފްތިތާހް ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޗެނަލް އިފްތިތާހު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އިސްލާމިކް މިނިސްޓްރީއާ ޕީއެސްއެމްގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތުގެ ދަށުން ޓީވީ ޗެނަލެއް އުފެއްދުމަށް އެއްބަސްވެފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ޗެނަލް މެދުވެރިކޮށް މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކާއި ދީނީ ދަރުސްތައް ލައިވްކޮށް ދުރަށް ފޮނުވޭނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މިފަދަ ޗެނަލެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި ޗެނަލް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އިސްލާމަދީނާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވި، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގެ ސާފު ފިކުރު ފޯރުކޮށްދެވޭނެ ކަމަށެވެ.
"ރާއްޖެ އުފެދިފައިވާ ގޮތުން ބައެއް މޫސުންތަކުގައި ބައެއް ރަށްތަކަށް ދީނީ އިލްމްވެރިންނަށް ދިޔުމަކީ އުނދަގޫ ކަމެއް. އެހެން ނަމަވެސް މި ޗެނަލް އުފެދުމުން މާލޭގައި ތިއްބަވައިގެން ކިތަންމެ މޫސުން ގޯސްވި ނަމަވެސް ދީނީ އިލްމްވެރިންނަށް ދިވެހި ރައްޔިތުންއަށް މައުލާމާތު ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން، މިއަދު އިފްތިތާހުކުރި ދީނީ ޗެނަލް މެދުވެރިކޮށް ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިނިސްޓާހިފުމަށް މިނިސްޓަރު ވަނީ ދީނީ އިލްމްވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ޕީއެސްއެމް އިން ބުނީ، ޓީވީ ޗެނަލް ފަށާއިރު މިހާރު ޓީވީއެމް ލިބޭ ސަރަހައްދުތަކަށް ސިގްނަލް ފޯރުކޮށްދެވޭނެ އެވެ. އަދި އެ ޗެނަލްގެ ހިދުމަތް 24 ގަޑިއިރު ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ އެ ކުންފުނިން ބުނެ އެވެ.
ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ދީނީ ޗެނަލެއް އުފައްދަން ޕީއެސްއެމް އިން ނިންމާފައިވާ އިރު، ދީނީ ޕްރޮގްރާމްތައް ގެނެސްދިނުމަށް "ދީނުގެ އަޑު"ގެ ނަމުގައި ރޭޑިއޯ ޗެނަލެއް ޕީއެސްއެމްގެ ފަރާތުން ވަނީ މިއަހަރުގެ ތެރޭގައި ލޯންޗުކޮށްފަ އެވެ.