ޖީ20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް އާޖެންޓީނާގެ ބުއެނޮސް އައިރެސްގައި އިއްޔެ ވަނީ ފަށާފައެވެ.
މި ސަމިޓްގައި ޖީ20 ގައުމުތަކުގެ އިސްވެރިންގެ އިތުރުން ދުނިޔޭގެ ބޮޑެތި ބޭންކްތަކާއި މާލީ މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. ޔޫރަޕްގެ އިއްތިހާދަކީވެސް މި 20 ގައުމުގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. މީގެއިތުރުން އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޖީ20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަކީ އިގްތިސާދީ ފޯރަމެއްގެ ގޮތުގައި ކުރިޔަށްދާ ސަމިޓެކެވެ. މިސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މައުޟޫއުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔެއަށް މާލީ ހަމަޖެހުން ގެނައުމާ ގުޅޭ މައްސަލަތަކާއި ވިޔަފާރީގެ މައްސަލަތަކެވެ. ނަމަވެސް ސިޔާސީ މުހިއްމު ބައެއް މައްސަލަތަކާބެހޭގޮތުން ބައިވެރިން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
ޖީ 20 ގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގައި އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ އެންމެ ބޮޑަށް ކުރިއަރާފައިވާ 19 ގައުމާއި ޔޫރަޕްގެ އިއްތިހާދެވެ. މި ގައުމުތަކުގެ ތެރޭގައި އެ ގައުމެއްގެ އަހަރީ އާމްދަނީ ނުވަތަ ޖީޑީޕީ 600 ބިލިޔަން ޑޮލަރަށްވުރެ މަދު ގައުމެއް ނުހިމެނެއެވެ. ދުނިޔޭގެ މުއްސަނދިކަމުގެ 75 އިންސައްތައާއި ދުނިޔޭގެ އަބާދީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ މި 20 ގައުމެވެ. އަދި ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ 80 އިންސައްތަވެސް ހިއްސާކުރަނީ މި 20 ގައުމުންނެވެ. މި 20 ގައުމުގެ ތެރޭގައި އިސްލާމީ ތިން ގައުމު ހިމެނެއެވެ. އެއީ އިންޑޮނޭޝިއާ، ސައޫދީ އަރަބިޔާ އަދި ތުރުކީއެވެ.
ޖީ20 ގެ ޖަމާއަތް އުފެދުނީ 1999 ގައި އިގްތިސާދީ ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް އަމަލީގޮތުން ޖަމާއަތެއްގެ ގޮތުގައި އެޖަމާއަތް ހަރަކާތްތެރިވާން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.
ޖީ 20 ގެ ގައުމުތަކުގެ ސަމިޓްތަކުގެ މައިގަނޑު އެއްބޭނުމަކީ އެޖަމާއަތުގައި ހިމެނޭ 19 ގައުމާއި ޔޫރަޕްގެ އިއްތިޙާދު ހިމެނޭގޮތަށް ދޭދޭ ގައުމުތަކުގެ އިސްވެރިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުކުރައްވައި ކަންކަމާމެދު މަޝްވަރާކުރެއްވުމުގެ ފުރްސަތު ހޯދުމެވެ. އެއްތަނަކުން ބައްދަލުވެވަޑައިގެން މަޝްވަރާ ކުރެއްވުމުގެ އިތުރުން އެކިގައުމުތަކުގެ ވެރިން ވަކިވަކިން ބައްދަލުކުރައްވައި ދޭދޭ ގައުމުތަކުގެ އަމިއްލަ މަޝްވަރާތައް ކުރިއަށް ގެންދެވޭގޮތް ޖީ20 ގެ ގައުމުތަކުގެ ސަމިޓްގައި ތަނަވަސްކޮށްދީފައި ވެއެވެ.
ބުއެނޮސް އައިރެސްގައި ކުރިޔަށްދާ ޖީ20 ސަމިޓްގައިވެސް މީގެ ކުރީގެ ސަމިޓްތަކެކޭ އެއްގޮތަށް ޚިލާފްތަކާއި ދެބަސްވުންތައް ވަރަށް ބޮޑެވެ. ދެ ދުވަހުގެ މި ސަމިޓް އިއްޔެ ފެށި އިރު ސަމިޓުން ނެރުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ބަޔާނާމެދު ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް އަދިވެސް ނައްތާލެވިފައި ނުވެއެވެ. ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ވިޔަފާރިއާއި ތިމާވެއްޓާއި އެނޫންވެސް މައްސަލަތަކުގައި މެންބަރު ގައުމުތަކުގެ މެދުގައި ހިލާފުތައް އުފެދިފައިވެއެވެ. އެމެރިކާ ވަނީ ތިމާވެއްޓާބެހޭގޮތުން ކުރާ މަޝްވަރާތަކުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.
މިފަހަރުގެ ސަމިޓްގައި ސައުދީ އަރަބިޔާއިން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އާންމުން މަރުވެ އެގައުމުގެ އެތައް މިލިޔަން ބަޔަކު ބަނޑަށް ޖެހޭ ނާޒުކު މައްސަލައާއި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލި މައްސަލަވެސް ފެންމަތިވެފައިވެއެވެ.
މިއާއެކު ސަމިޓްގައި ސައޫދީ ތަމްސީލުކުރައްވާ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެވަޑައިގެންފައެވެ. ޖަމާލް ޚާޝުގްޖީގެ މަރުގެ ފަހަތުގައި ހުންނެވީ މުހައްމަދުކަމަށް ތުހުމަތުކޮށް އާޖެންޓީނާގެ ޝަރުއީ ދާއިރާއިން ވަނީ އޭނާ އެގައުމަށް ވަޑައިގަތުމާއެކު އޭނާ ހައްޔަރު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ފަށާފައެވެ. މިއާއެކު ޕްރިންސް މުހައްމަދު ވަނީ އެހެން ލީޑަރުންނާ ޚިލާފަށް ލަގްޒަރީ ހޮޓަލުގައި ހުންނެވުމުގެ ބަދަލުގައި ބުއުނޮސް އައިރެސްގައި ހުންނަ ސައޫދީ އެމްބަސީގައި ހުންނަވާ ގޮތަށް ހަމަޖައްސަވާފައެވެ.
އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ޕްރިންސް މުހައްމަދާ ދެކޮޅަށް ބުއުނޮސް އައިރެސްގައި މުޒާހަރާވެސް ކުރަމުންނެވެ.