ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން އީރާން ތައްޔާރުވޭ: ރިޕޯޓް

އީރާނުގެ މިސައިލެއް

ލަންޑަން (20 އޮގަސްޓް 2026) : އެމެރިކާ އަލުން އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތައް ފަށައިފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ވާންޖެހޭ ތައްޔާރީތައް އީރާން ވަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން އެމެރިކާއަށް ރައްދުދިނުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި މަސްލަހަތުތަކަށް ހަމަލާދެވިދާނެ ގޮތްތަކާބެހޭގޮތުން އީރާނުގެ އަސްކަރިއްޔާއިން ދިރާސާތަކެއް ކޮށްފައިވާއިރު އެކަމަށް އީރާން ތައްޔާރުވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު ތަކެއްވަނީ ލިބިފައެވެ. މިގޮތުން 4,000 ކިލޯމީޓަރާއި 5,000 ކިލޯމީޓަރުގެ ރޭންޖުގެ މިސައިލްތައް އުފައްދަން އީރާން މަސައްކަތްކުރާ ކަމުގެ ޖާސޫސީ މައުލޫމާތު ހުޅަނގުގެ ޖާސޫސީ ބައެއް އިދާރާތަކަށް ވަނީ ލިބިފައެވެ.

އީރާން ކުރިން ބުނެފައިވާ ގޮތުގައި އެގައުމުން އުފައްދާ މިސައިލްތަކުގެ ރޭންޖް ނުވަތަ ރާސްތާ ދިގުކުރުމަކީ ފަސޭހައިން ކުރެވިދާނެކަމެވެ. ނަމަވެސް އެކަންކުރަން އަދި އީރާން ބޭނުންނުވާ ކަމަށް އެދުވަސްވަރު އީރާނުގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ. މިގޮތަށް އީރާނުގެ މަސްއޫލުވެރިން ވާހަކަ ދައްކަވާފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެކުރިންނެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ތަކުރާރުކޮށް ދިން ހަމަލާތަކުގައި އީރާންވަނީ ގަލްފާއި އުރުދުން ގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ. ގަލްފާއި އުރުދުންގައިވާ އެމެރިކާގެ 17 އަސްކަރީ މަރުކަޒެއްވަނީ އީރާނުގެ ހަމަލާތަކުގައި މުޅިންކަހަލަ ގޮތަކަށް ހަލާކުކޮށްލާފައެވެ. މީގެތެރޭގައި ބަހުރައިން ގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައިމަރުކަޒުވެސް ހިމެނޭކަމަށް ވެއެވެ.

އީރާނަށް ހަމަލާދިނުމުގެ ގާބިލްކަމާއި އީރާނުގެ ހަމަލާތައް މަތަކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ކުޑަވެގެން ދިޔައީ ގަލްފާއި އުރުދުން ގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގައިވާ ރާޑަރުތަކާއި ކޮމިއުނިކޭޝަން ޓަވަރުތަކާއި އެންޓިޑިފެންސް ބެޓްރީތަކާއި އޭގެ ހަރުތައް އީރާނުގެ ހަމަލާތަކުގައި ހަލާކުކޮށްލުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.

"ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން އެމެރިކާގެ އަސްކަރިއްޔާއަށް ލޮޖިސްޓިކް ސަޕޯޓްދޭ ޔޫރަޕްގެ ވައިގެ ބޭސްތަކަށް ހަމަލާދިނުމަށް އީރާން ރޭވުމުގެ އިތުރުން އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް އީރާން ގެންދަނީ ވަމުންނެވެ. އީރާނުން ހަމަލާދީފާނެކަމަށް ބެލެވޭ ޔޫރަޕްގެ ބޭސްތަކުގެ ތެރޭގައި ބަލްގޭރިޔާގައިވާ އެމެރިކާގެ ބެޒްމާ ވައިގެ ބޭސްއާއި ސައިފްރަސް ގެ ދެކުނުގައިވާ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް ހިމެނެއެވެ.

މިދެ ބޭސްއަކީ އީރާނަށް ހަމަލާދޭ އެމެރިކާގެ ފައިޓާ ޖެޓްތައް މަރާމާތު ކުރުމަށާއި އެޖެޓްތަކަށް ތެޔޮއެޅުންފަދަ ކަންކަމުގައި ވަރަށް ފުޅާދާއިރާއެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ދެ ބޭސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ގަލްފުގައި ކަނޑުއަޑީގައި އަޅާފައިވާ ސަބްމެރިން ކޭބަލްތައް (ފައިބާ އޮޕްޓިކް ކޭބަލްތައް) ބުރިކޮށްލުމުގެ ގާބިލްކަން އީރާނުން ހޯދާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަންކުރަން އީރާން ރާވާފައިވަނީ އެމެރިކާ އަލުން އީރާނަށް ހަމަލާދޭން ފަށައިފި ހާލަތެއްގައެވެ. އީރާނުގެ އަސްކަރީ ޑޮކްޓްރިން ވެސް ދާދިފަހުންވަނީ ދިފާއުގެ އިތުރުން ދުޝްމަނުންގެ އަމާޒުތަކަށް އިސްވެ ހަމަލާދިނުންވެސް ހިމެނޭގޮތަށް ބަދަލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް