ރައީސް ސޯލިހުގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ: ރައީސް ސޯލިހު މިއަދު ވަނީ މުލިއާގެއަށް ބަަދަލުވެވަޑައިގެންފައި ---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން މުލީއާގެއަށް މިއަދު ބަދަލުވެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ ރައީސް ސޯލިހުގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ.

މުލިއާގެއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވި ގެކޮޅެވެ.

ރައީސް ސޯލިހު މުލީއާގެއަށް މިއަދު ބަދަލުވެވަޑައިގެންނެވި އިރު، ނައިބު ރައީސް ފައިސަލް އެމަނިކުފާނު ދިރިއުޅުއްވުމަށް ހަމަޖެހިފައިވާ ހިލާލީގެއަށް އަދި ބަދަލުވެވަޑައިގެންފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މުލިއާގެ ބޭނުން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ބައްދަލުވުންތަކަށާއި ކެމްޕެއިން ހަރަކާތްތަކަށެވެ. ރައީސް ޔާމީން އެންމެ ފުރަތަމަ ދިރިއުޅުއްވީ އެމަނިކުފާނުގެ ގެކޮޅު ދޫވެހީގައެވެ. ފަހުން ބަދަލުވެވަޑައިގެންނެވީ ހިލާލީގެއަށެވެ.

ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މައުމޫނު އަބްދުލްގައްޔޫމު ވެސް ކުޑަ ދުވަސްކޮޅެއްގައި މުލިއާގޭގައި ދިރިއުޅުއްވި އެވެ. ފަހުން ރައީސް މައުމޫނު ދިރިއުޅުއްވުން ބަދަލު ކުރެއްވީ ތީމުގެއަށެވެ.

ތީމުގެއަކީ މިހާރު ސުޕްރީމް ކޯޓު ހުންނަ އިމާރާތެވެ. އެ އިމާރާތް ސުޕްރީމް ކޯޓަށް ހެއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހުއެވެ.

comment ކޮމެންޓް