ކޯލިޝަނަކުން ނޫނީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެވޭނެ، ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަން ޖެހޭ: ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ވިދާޅުވީ އެއް ޕާޓީއަށް އެކަނި އިންތިޚާބު އަދި ނުވާނެ ކަމަށް -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެވޭނީ އެންމެ ޕާޓީއަކަށް ނޫން ކަމަށާއި، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވަނީ، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވީ ހުރިހާ ސަރުކާރެއްވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން، ޚުދު އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުން ކަން ޞާލިޙް ފާހަގަކުރެއްވިއެވެ.

"...އަދި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމުގައި މީއަކީ އެންމެ ޕާޓީއަކަށް ކުރެވޭ ވަރުގެ ކަމެއްނޫން އަދިއެއް، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް މި ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާކިޔަން ޖެހޭނެ،" ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، ވަށައިގެން ތިބި މީހުން ހަމައެކަނި ކައިރިކޮށްގެން އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިވަގުތު އެމްޑީޕީގައި 60،000އެއްހާ މެންބަރުން ތިބިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އޭގެ އިތުރަށް 91،000 އެއްހާ ވޯޓު އިތުރަށް ބޭނުންވާ ކަމަށެވެ. ޞާލިޙް ވިދާޅުވިގޮތުގައި، އެ ވޯޓުތައް ހޯދޭނީ ކޯލިޝަނުގެ ބައިވެރިން ގަބޫލުކުރާ ވިސްނުމަކާއި އެ މީހުން ގެންގުޅޭނެ ކަމުގެ ޔަގީންކަން އޮތް ސިޔާސަތާ އެކީއެވެ.

އެމްޑީޕީގައި އެތައް ސިޔާސީ ލީޑަރުންނެއް ތިބިކަން ފާހަގަކުރައްވައި، އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ވާދަކުރަން ބޭނުންވާ ގިނަ ކެންޑިޑޭޓުން އެބަ ތިބި ކަމަށް، ޞާލިޙް ވިދާޅުވިއެވެ.

އެއަށްފަހު ޞާލިޙް ވަނީ، 2018ވަނަ އަހަރު އޭރު ސޮއިކުރި ކޯލިޝަން އެއްބަސްވުމަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުالله އާ އެކީ ސޮއިކުރެއްވި އެއްބަސްވުމުގައި މަގާމުތައް ބަހާނެ ގޮތާއި ސަރުކާރު ހިންގާނެ ގޮތާއި މަޖިލީހުގެ މެންބަރުން ބަހާނެ ގޮތާ ހަމައަށް އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށް، ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑު އަމިއްލައަށް ދިން މަގާމެއް އެހެން ޕާޓީއަކަށް ނޯންނާނެ،" ޞާލިޙް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފެހި ގާނޫނުއަސާސީގެ ދަށުން އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ. އެހެންކަމުން، އެމްޑީޕީގެ ތަރައްގީގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރަން ބޭނުންވާ ހުރިހާ ސިޔާސީ ޕާޓީތަކަށް މަރުހަބާ ކިޔަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމްޑީޕީގައި ތިބި 60،000 މެންބަރުންގެ އިތުރަށް އިންތިޚާބު ކާމިޔާބުކުރުމަށް އިތުރު 91،000 ވޯޓު ބޭނުންވާއިރު، މި ވޯޓުތައް ހޯދޭނީ ކޯލިޝަންގެ ބައިވެރިންނަށް ޔަގީންކަން ލިބޭ ސިޔާސަތުތަކެއް އެކަށައަޅައިގެންނެވެ.

  • ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އައި ހުރިހާ ސަރުކާރެއްވެސް އުފެދިފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ.
  • އެމްޑީޕީގެ ވިސްނުމާ ގުޅޭ ހުރިހާ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަކީ އިންތިޚާބު ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
  • އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީގެ މެންބަރުންގެ އިތުރުން 91،000 އެއްހާ ވޯޓު އިތުރަށް ބޭނުންވެއެވެ.
  • 2018 ވަނަ އަހަރުގެ ސަރުކާރުގައި މަގާމުތައް ބަހާފައިވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށެވެ.
  • އެމްޑީޕީގައި ރިޔާސީ އިންތިޚާބަށް ވާދަކުރަން ބޭނުންވާ ގިނަ ލީޑަރުންތަކެއް އެބަތިއްބެވިއެވެ.
comment ކޮމެންޓް