ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ "އީގޯ"އާ ހެދި ނަޝީދާ ނުލައި މަސައްކަތްކުރުމުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ވިދާޅުވީ އެމްޑީޕީއަށް އިންތިޚާބު ގެއްލުނީ އީގޯއާ ހެދި ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ ރިޔާސީ އިންތިޚާބު އިދިކޮޅު އެމްޑީޕީއަށް ނާކާމިޔާބުވީ "އީގޯ"އާ ހެދި, ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުލައި މަސައްކަތް ކުރުމުން ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިނަށް ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، 2023ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާ އޭރު ދުރުގައި ހުންނެވި ނަޝީދާ އެކީ ކުރިއަށް ދާން ހުރިހާ ވާހަކައެއް ދެކެވި، އޮތީ އެއްބަސްވެވިފައި ކަމަށެވެ.

ހުރިހާ ވާހަކައެއް ދެކެވި އެއްބަސްވެސްވީ ފަހުން، ނަޝީދާ ގުޅިގެން މަސައްކަތްކުރުމާ މެދު ދެކެވުނު ވާހަކަތައް ބަދަލުވީ ކުއްލިއަކަށް ކަމަށް، އަމީރު ވިދާޅުވިއެވެ. ދެން ދެކެވުނީ ނަޝީދާ ނުލައި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ވާހަކަ ކަމަށް، އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އެކި މީހުން އެކި އަދަދުތައް ޖަހަމުން ގޮސް ބުނީ، ނަޝީދަށް ހޯއްދަވައިދެއްވޭނީ 3،000 އާއި 5،000 އާ ދެމެދުގެ ވޯޓު ކަމަށެވެ. އެކަމަކު ޔަގީނުންވެސް ނަޝީދު އެންމެ މަދުވެގެން އެމްޑީޕީއަށް 15،000 އާއި 20،000 އާ ދެމެދުގެ ވޯޓު ހޯއްދަވައިދެއްވާނެ އޭރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވި ކަމަށް، އަމީރު ވިދާޅުވިއެވެ.

އެގޮތުން، ނަޝީދާ ނުލައި ކުރިއަށް ދިޔުމަކީ އެމްޑީޕީގެ ހަޔާތުގައި ވެސް ނިންމާނެ އެންމެ ހިތާމަވެރި ނިންމުން ކަމަށާއި އެ ނިންމުމާ މެދު ދެރަވާން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި ކަމަށް، އަމީރު ވިދާޅުވިއެވެ.

އެހެންވީމާ އެ ދުވަހު ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތުވެސް އޮވެ، އަޅުގަނޑުމެން އެންމެންގެ އީގޯއާ އެއްކޮށް އަޅުގަނޑުމެންނަށް 2023 ގެއްލިގެން މި ދިޔައީ،އިބްރާހީމް އަމީރު - ކުރީގެ ފިނޭންސް މިނިސްޓަރު

އަމީރު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނަން މަސައްކަތް ކުރަނީ، ގެއްލިފައި އޮތް އެމްޑީޕީގެ ރޫހު އަލުން ގެނައުމަށްޓަކައެވެ. އެ މަސައްކަތް ކުރެވޭނީ ނަޝީދަށް އެކަނި ކަމަށް، އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މުޒާހަރާއަށް މީހުން ގިނަވާން، އަޅުގަނޑުމެން މިދިޔަ ދެ އަހަރު ތެރޭގައި ވަރަށް ގިނަ މުޒާހަރާތައް ކޮށްފިން، ކޮންމެ ރެއަކު ހަމަ މުޒާހަރާތައް ކުރަނީ، އެމްޑީޕީ ހަރުގެއިން ނުކުމެގެން ގޮސް އަޅުގަނޑުމެން މުޒާހަރާތައް އެބަ ކުރަން، އެކަމަކު ރައީސް ނަޝީދު އައިއްސަ އަޅުގަނޑުމެންގެ މައިދާނުގަ މުޒާހަރާގައި ބައިވެރިވާ ކޮންމެ ރެއަކު ވަރަށް ފޯރި، ވަރަށް ގިނަ މީހުން އާދޭ،" އަމީރު ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ގެންނަ ދެވަނަ ސަބަބެއް ކަމަށް އަމީރު ވިދާޅުވީ، ރަށްރަށުގައި ހުއްޓިފައި އޮތް އެމްޑީޕީގެ ރޫހު އަލުން ގެނެސް، އެމްޑީޕީ އަކީ ވާދަވެރި ޕާޓީތަކުން ސިހި ބިރުގަންނަ ޕާޓީއަކަށް ހެދުމަށްޓަކައި ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ސަރުކާރުގެ މެދުތެރޭގައި އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.

އެއަށްފަހު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ފުރަތަމަ ބުރުގައި ލިބުނީ ހަތް ޕަސެންޓެވެ. ދެވަނަ ބުރަށް ޞާލިޙާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން، ޑިމޮކްރެޓްސްއިން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރުމަށެވެ.

އޭގެ ފަހުން މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެ މަނިކުފާނާއި ޑިމޮކްރެޓްސްގެ ގިނަ އިސް މެންބަރުންތަކެއް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ވާދަކުރައްވާ ނަޝީދު، ފައްޔާޟާ އެކީ މަސައްކަތްކުރައްވަމުން ގެންދަވާއިރު، ނަޝީދު ވަނީ ވެރިކަމަށް ފައްޔާޟް ގެނައުމަށް ތާއީދުކުރައްވާކަން ވެސް ހާމަކުރައްވައިފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީގެ އިސް ފަރާތްތަކުގެ އީގޯއާ ހެދި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދާ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެވިފައި އޮއްވައި، ކުއްލިއަކަށް ނަޝީދާ ނުލައި އިންތިޚާބު ކާމިޔާބުކުރަން ނިންމުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ވާދަކުރައްވާ ނަޝީދު ޕާޓީގެ ލީޑަރޝިޕަށް ގެނައުމަކީ ގެއްލިފައިވާ ޕާޓީގެ ރޫހު އާލާކޮށް، ސިޔާސީ މައިދާނުގައި ޕާޓީގެ ބާރުވެރިކަން އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން، އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވެސް ނަޝީދާ ނުލައި ކުރިއަށް ދިޔުމަކީ ހިތާމަވެރި ނިންމުމެއްކަމަށް ވިދާޅުވިކަން އަމީރު ފާހަގަކުރެއްވިއެވެ. ފާއިތުވި ސަރުކާރުގެ ތެރޭގައި އެމްޑީޕީ ބައިބައިވެ، ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޑިމޮކްރެޓްސް އުފެއްދި ނަމަވެސް، މިހާރު ނަޝީދާއި އެ ޕާޓީގެ އިސް ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި މިހާރު ފައްޔާޒާއެކު މަސައްކަތްކުރައްވަމުން، ވެރިކަމަށް ފައްޔާޒު ގެނައުމަށް ނަޝީދު ތާއީދުކުރައްވާކަން ވެސް ވަނީ ހާމަކުރައްވާފައެވެ.

  • 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ނަޝީދާ ނުލައި މަސައްކަތްކުރަން ނިންމި ނިންމުމުގެ ސަބަބުންނެވެ.
  • ނަޝީދާ އެކު ކުރިއަށްދާން އެއްބަސްވުމަށްފަހު، އެ ނިންމުން ބަދަލުކުރީ ޕާޓީގެ ބައެއް އިސް ފަރާތްތަކުގެ އީގޯގެ ސަބަބުން ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
  • އެމްޑީޕީގެ ގެއްލިފައިވާ ރޫހު އަލުން އާލާކުރުމަށްޓަކައި ޗެއާޕާސަންގެ މަޤާމަށް ނަޝީދު އިންތިޚާބު ކުރުން މުހިންމެވެ.
  • ނަޝީދާ ނުލައި ކުރިއަށް ދިޔުމަކީ ޕާޓީގެ ހަޔާތުގައި ނިންމި އެންމެ ހިތާމަވެރި ނިންމުންކަމަށް ފައްޔާޒު އިސްމާޢީލް ވެސް އޭރު ޤަބޫލުކުރެއްވިއެވެ.
comment ކޮމެންޓް