ރައްޔިތުންގެ މަޖިލީހުގެ އދ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، އެ ރަށުގައި 57 ދުވަހުގެ ތެރޭގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް "ސަން"އަށް ވިދާޅުވީ އެ މިސްކިތް އެޅީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދުމުން ކަމަށާއި މިސްކިތުގެ ބިންގާ އަޅައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ނިމުމުން މިދިޔަ ބުރާސްފަތި ދުވަހު ގާސިމް އެ މިސްކިތް ހުޅުއްވައިދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލީ ޞާލިޙް ވިދާޅުވީ އެއީ ގާތްގަނޑަކަށް 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
މާމިގިލީ ކައުންސިލަރު ސުވެއިދާ އަބްދުﷲ "ސަން"އަށް ވިދާޅުވީ އެ މިސްކިތް އަޅަން ގާސިމް އަރިހުގައި އެދުނީ، ރަށުގައި ހުރި މިސްކިތުގެ ޖާގަ ކުޑުވުމުން އެކަމުގެ ކަންބޮޑުވުން ބައެއް ރައްޔިތުން ފާޅުކުރުމުން ކަމަށެވެ.

މާމިގިލީގައި ގާސިމް ބިނާކޮށްދެއްވި މިސްކިތް: ޖޭޕީން ބުނާ ގޮތުގައި އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް --- ފޮޓޯ/ ޖުމްހޫރީ ޕާޓީ
އޭނާ ވިދާޅުވީ އެންމެ ބޮޑަށް ދަތިވަނީ ރޯދަމަހު ކަމަށާއި އެގޮތުން ތަރާވީސް ކުރާއިރު އާންމުކޮށް މިސްކިތް ފުރޭ ކަމަށެވެ. އެހެންވެ، ރައްޔިތުންނާއި ކައުންސިލުން ގާސިމާ ބައްދަލުކޮށް އެދުނީ މިސްކިތުގައި ހިޔާކޮށްފައި އޮތް ސަރަހައްދު ބޮޑުކޮށްދޭން ކަމަށް ސުވެއިދާ ވިދާޅުވިއެވެ.
އެ ހުށަހެޅުމާ ގުޅިގެން، އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ މިސްކިތެއް އިމާރާތް ކުރުން ކަމަށްވާތީ، ގާސިމް ނިންމެވީ އެ މިސްކިތް ހުރި ބިމުގައި ޖާގަ ބޮޑު އާ މިސްކިތެއް އެޅުއްވުމަށް ކަމަށް ސުވެއިދާ ވިދާޅުވިއެވެ.
އެ ރަށުގައި އިތުރު ފަސް މިސްކިތެއް ހުރެއެވެ.
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވަނީ ގާސިމެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މާމިގިލީގެ އާބާދީ 2،803އަށް އަރައެވެ.
comment ދިލްސާ
1 month 2 week ago
މިސްކިއް ބިނާކުރުން ސިޔާސީ ކަމަކައްވީތޯ ކޮއްފަ ނުކުރާނެ ކަމެއްނޭންގި ގެންގޮސް ތިފަދަކަންތައްސިއާސީވީތޯ ތީމީހުންاللهގެ ހެއުދަރުމަޔައް އެދިގެންކުރާކަމެއް
comment ލލ
1 month 2 week ago
ހުރިހާ މީހުން އެމީހަކަށް ކުރެވުނު ހެޔުކަމެއް ކުރަންވީ، ﷲ ހެޔުޖަޒާ ދެއްވާނެ ! ޔާ ﷲ ހެޔުކަން ކުރުމުގެ ތައުފީޤް އަޅަމެނަށް ދެއްވާށި ، މޫމިން ތަކުންގެ ފާފަ ފުއްސަވާ ރަހުމަތް ލައްވާށި !