ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ގާސިމް އުޅުއްވަނީ މަޖިލީހުގެ ރިޔާސަތަށް 'ދަހިވެތިވެވަޑައިގެން' ކަމަށް ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ރިޔާސީ ބަޔާން އިއްވެވި ދުވަހުގެ މެންދުރު ފަހުން ގާސިމް ވަނީ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިދިޔަ ސަރުކާރުތަކަށް ފާޑު ވިދާޅުވެފައެވެ. ގައުމު އޮތީ އިގުތިސާދީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައިކަން ފާހަގަކުރައްވައި އޭނާ ވަނީ އެއީ މިދިޔަ ސަރުކާރުތަކުން ކަންތައްތައްކުރި ގޮތުން ދިމާވި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ގާސިމް އުޅުއްވަނީ މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިވެގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --
"މިހާރު ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާހެން ހީވީމާ ހަމަ މި ވައުދު އިއްވާ ނިންމަނީ. މި މީހުން މި ވާހަކަ ދައްކާއިރު ގަބޫލެއް ނުކުރެޔޭ މި މީހުންގެ ފަސްބައި އެހެން މީހުން ބަލައިލާ ކަމެއް،" ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.
ޔާމީން ވަނީ އެ ސަރުކާރުތަކުގައި ގާސިމް ހުންނެވީ ކޮންތާކުތޯ ސުވާލު އުފައްދަވައިފައެވެ. އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ގާސިމް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާން އުޅޭހެން ހީވާތީ އެ މަގާމުގެ ދަހިވެތިކަމުގައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަން ހުސްވާން އުޅޭކަން ޔާމީނަށް އެނގިވަޑައިގެން ނަމަވެސް އެކަން އެ ބޭފުޅުންނަށް ނޭނގޭ ކަމަށެވެ.
އަލީ ވިދާޅުވީ، ގާސިމް ނޫސްވެރިންނާ ބައްދަލުކުރެއްވީ މަޖިލީހުގެ ރައީސްކަން ބޭނުންފުޅުވެގެން ނޫން ކަމަށެވެ. އެއީ، ސިޔަސީ މަސްރަޙާއި ގައުމުގެ ހާލަތާ މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތެއް ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް -- ފޮޓޯ/ ރައީސް އޮފީސް
"އެއްވެސް ވެރިކަމެއްގައި ނުހައްގު މުއްސަނދިކަމެއް ހޯދުމަށް އޮނަރަބަލް ގާސިމް އިބްރާހީމް އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގަވައެވެ. ނުގަވާއިދުން ހޯއްދެވި ފަޅެއް، ފަރެއް، ފިނޮޅެއް، ގިރިއެއް ނޯންނާނެއެވެ. އަދި، ބިމެއް ވެސް ތަނެއް ވެސް ފައިސާ ފޮށިގަނޑެއް ވެސް ހޯއްދަވާފައި ނުވެއެވެ،" އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާސިމަކީ ދީލަތިކަމުގެ ނަމޫނާއެއް ކަމަށާއި ނަމާއި އަބުރު ހަޑިކުރަން ކޮންމެ ފަދަ ވާހަކައެއް ދެއްކެވި ނަމަވެސް ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ގުޅުން ވަނީ ގޯސްވެފައެވެ. އެ މަނިކުފާނުގެ ދަރިކަލުން ފައިސަލް އިބްރާހިމް ވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައެވެ.
އެ ކަމާ ގުޅިގެން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ގުޅުން ގޯސްވި ކަމަށް އަބްދުއްރަހީމް އެއްބަސްވެލެއްވި ނަމަވެސް ފަހުން އެ ކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.
އަބްދުއްރަޙީމް މަގާމުން ދުރުކުރަން އުޅޭކަމުގެ އަޑުތައް ގަދަވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
ގާސިމް މީގެ ކުރިން 2018 ވަނަ އަހަރު ވަނީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. އަދި، ގާނޫނުއަސާސީ ޑްރާފްޓްކުރަން އެކުލަވައިލި ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރެއްވިއެވެ. އޭނާ މިހާރު ހުންނަވަނީ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ގޮތުގައެވެ. މިއީ، މަޖިލީހުގައި އޭނާގެ ފަސްވަނަ ދައުރެވެ.