ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ޝާހު، ޖޭޕީއަށް ސޮއި ކުރެއްވީ މިރޭ އެ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ، ޖުމްހޫރީ ޕާޓީ އަކީ އިލްމީ ގާބީލް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އޮތް ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީއަކީ ލޮބީ ކޮށްގެން މަޝްވަރާކޮށްގެން ކަންކަން ކުރެވޭ ޕާޓީ އެއް ކަމަށެވެ.
"އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުގެ ރައުޔު އަޅުގަނޑު ފާހަގަކުރާންނަ. އެ ވާހަކަ ވެސް ދައްކާނަން. އަޅުގަނޑު ދެކޭ ގޮތުގައި ޖުމްހޫރީ ޕާޓީ އަކީ އެފަދަ ޕާޓީ އެއް،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުން ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށާއި އެ ހަތަރު ލީޑަރުންގެ ލަޔާގަތާއި ގާބިލިއްޔަތު ކަމަށް ޝައްކެއް ނުކުރާ ކަމަށެވެ.
"މި ހަތަރު ބޭފުޅުން އެކުވެރިކަމާއި އެކު ގައުމުގެ މަސްލަހަތު ނިހިއްފަހައްޓައިފި ނަމަ ދެން އަޅުގަނޑުމެންގެ ރައްޔިތުން އެއްވެސް ލީޑަރަކަށް އިތުބާރެއް ނުކުރާނެ،" ޝާހު ވިދާޅުވި އެވެ.
ރޭ ވެސް ވަނީ ދެ މެންބަރަކު ޖޭޕީއަށް ސޮއި ކުރައްވާފަ އެވެ. އެއީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވެސް ވަނީ ދާދިފަހުން ޖޭޕީ އަށް ސޮއިކުރައްވައިފައެވެ.
މި މެންބަރުންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވެސް ވަނީ ހުސްވި ހަފްތާ ތެރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފައެވެ.