އިމާދު ސޯލިހަށް ގޮނޑި ހޯއްދައިދިނުމަށް ޖުނައިދު އެމްޑީޕީއަށް ސޮއިކޮށްފި

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު --- ސަން ފޮޓޯ

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ޖުނައިދު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ޕްރައިމަރީގައި އިމާދު ސޯލިހަށް ކާމިޔާބު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

"އިމާދު ސޯލިހަކީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް. އެހެންވީމަ އިމާދު ސޯލިހަށް މީދޫ، މަރަދޫފޭދޫ ދާއިރާ ކާމިޔާބު ކޮށްދިނުމަށްޓަކައި އަޅުގަނޑު އެމްޑީޕީއަށް ސޮއިކުރީ. އަޅުގަނޑުގެ މުޅި އާއިލާ ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައި. އަދި އަޅުގަނޑުގެ ރައްޓެހިން ވެސް ދަނީ އެމްޑީޕީއަށް ސޮއިކުރަމުން،" ޖުނައިދު ވިދާޅުވިއެވެ.

މިހާރުވެސް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޖުނައިދު ވިދާޅުވީ އެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އިސްތިއުފާ ނުދޭން ނިންމެވީ އިސްތިއުފާ ދެއްވި ބޭފުޅެއްގެ ލަގަބު ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޝަނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވަންދެން މަގާމުގައި ދެމި ހުންނަވާނެ ކަމަށާއި ވަރަށް އަވަހަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް