ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާ ގޯސް: މެމްބަރު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ދައުވާ ގޯސް ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެއާ އެކު ނަޝީދު ވަނީ މިނިވަން ވެފަ އެވެ.

މެމްބަރު ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ އެމައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކުރެވުނީ ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކުރުމުގެ ދައުވާ ކަން ފާހަގަ ކުރައްވައި މެމްބަރު ނަޝީދު ވިދާޅުވީ އޭރު "ގާނޫނު ފޮތް ބައިގައި" ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކުރުމަށް ކުރެވެނީ ކުޑަ ދައުވާއެއް ކަމަށެވެ.

" އަބްދުﷲ ގާޒީ ހައްޔަރުކުރުން އެއީ ގޯސްކޮށް ހިނގާފައި އޮތް ކަމެއް. އެހެންނޭ ކިޔާފައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ." މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރި ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކުރުމުގެ ދައުވަ އެގޮތަށް އޮއްވައި ރައީސް އަބްދުﷲ ޔާމީނާ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ކުޑަ ތަފާތަކުން ރައީސް ނަޝީދު ވަނީ ބަލިވެވަޑައިގެންފަ އެވެ.

މެމްބަރު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެވި ކަން ހިނގާ ދިޔަތާ ހަތަރު މަސް ފަހުން ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދައުވާ އަނބުރާ ގެންގޮސް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ގާނޫނީ ނިޒާމާވެސް މުޅިން ހިލާފަށް ކަމަށެވެ.

" މިއީ ގޯސްވެގެން މިދިޔަ ހިސާބަކީ، ކުށަށް އަދަބު ލިބެން ޖެހޭނެ، އެކަމަކު އުފުލޭ ދައުވާއަލީ މުނާއްސަބު ދައުވާ އަކަށް ވާން ޖެހޭނެ." މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލަކީ ދައުލަތާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާއެއް ކަމަށާއި ދައުލަތް ހިންގަން ހުންނަ މީހާ އެކަހަލަ ނާމާން ބިރުވެރި ކަމެއް ކުރާކަށް ގާބިލެއް ނުވާނެ ކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އެހެންވީމަ ދައުލަތުގެ ވެރިއަކަށް ހުންނަ މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އޭގެ ޒާތުގައި ނުކުރެވޭނެ ކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2015 އަހަރު އެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ.

ގިނަ ދުވަސްތައް ނަޝީދު ހޭދަ ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރުމުން، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

comment ކޮމެންޓް