"40 ޕްލަސް" ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 27ގައި

ފޯޓީ ޕްލަސްގެ ލީޑުން ފެންނާނެ ތަރިން -- ސަން ފޮޓޯ

މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމް "ނޯޓީ 40"ގެ ފޮލޯއަޕް "40 ޕްލަަސް" އަންނަ އަހަރު ފެބްރުއަރީ 27ގައި ރިލީޒްކުރަން ނިންމައިފިއެވެ.

ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ ފިލްމު ރިލީޒްކުރުން ފަސްކުރަންޖެހުނީ ރާއްޖޭގެ ސިޔާސީ މަޝްރަހް އޮތްގޮތުން ކަމަށެވެ.

އަދި "އަހަރުގެ އެންމެ ބޮޑު ފިލްމު ފޯޓީ ޕްލަސް" ވެގެންދާނީ "ނޯޓީ40" އަށްވުރެ މާ މަޖާ އަދި ޝައުގުވެރި ފިލްމަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ނޯޓީ 40 އަށްވުރެ މި ފިލްމު މާ ވަރުގަދަވާނެ. މިއީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީ ފިލްމު. ބެލުންތެރިން ބޭނުންވީ މަޖާކޮށް ސީރިއަސް ރަހަތަކެއް އެކުލެވޭ ފިލްމެއް ބަލާލަން،"

އިތުރަށް ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ ފިލްމު ބަލަމުންދާ ވަގުތު ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ހުންނާނެކަމަށެވެ.

ތ. ބުރުނީގައި ޝޫޓް ކުރި އެ ފިލްމަކީ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ ވެސް ފޯޓީ ޕްލަސް ގައި ހަރަކާތްތެރިވާނެއެވެ.

ބޮޑު ކްރޫ އަކާއެކު މަސައްކަތް ކުރި މި ފިލްމަކީ "އޮލިމްޕަސް ސިނަމާއަށް ވެސް އަންނާނެ އެންމެ ބުރަ މަސައްކަތް ކޮށްފައިވާ ދިވެހި ފިލްމަށް ވާނެ" ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ސަން އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އަހަރުގެ ބޮޑު ފިލްމު" އަށް މި ފިލްމު ވާނެކަމުގެ ޔަގީންކަން ފިލްމުގެ ޓީމުން ދެއެވެ.

comment ކޮމެންޓް