މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމް "ނޯޓީ 40"ގެ ކާމިޔާބީ އަށް ފަހު ހަދާ ސީކުއެލް "40 ޕްލަސް"ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
އިސްމާއީލް ޝަފީގު ޕްރޮޑިއުސްކޮށް މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލީ އިއްޔެ ހަވީރު ވީޓީވީގަައި ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.
"ފޯޓީ ޕަލްސް"ގެ ޓްރެއިލާ މިހާރު އެ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖުން ބަލާލެވޭނެ އެވެ. ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް އެ ޓްރެއިލާ އިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.
އެ ހަފްލާގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، މިދިޔަ އަހަރު ގެނެސްދިން "ނޯޓީ ފޯޓީ" އަށް ވުރެ މާ މަޖާ އަދި ގިނަ ރަހަތަކެއް ކުރިޔަށް އޮތް ފިލްމުން ފެންނާނެ ކަމަށެވެ. "ފޯޓީ ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް"ދަ ބިގެސްޓް މޫވީ އޮފް ދި 2019" ގެ ގޮތުގަ އެވެ.
"ވަރަށް ފުރިހަމަޔަށް ހުރިހާ މަސައްކަތްތަކެއް ވެސް ކުރިޔަށް ދިޔައީ، މިދިޔަ އަހަރު ގެނެސްދިން ފިލްމުގެ ސީކުއެލް އެއްމީ، އުންމީދު ކުރަނީ ނޯޓީ ފޯޓީ އަށް ލިބުނު ކާމިޔާބީ އަށް ވުރެ ބޮޑު ކާމިޔާބީއެއް މި ފިލްމަށް ވެސް ލިބޭނެ ކަމަށް،" ޔޫއްޕެ ބުންޏެވެ.
ތ.ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" އަކީ މި އަހަރު އޯގަސްޓު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް ކުރިން އިއުލާންކުރި ފިލްމެކެވެ. ދެން ފިލްމު އަޅުވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
"ސިޔާސީ މަޝްރަހު އޮތް ގޮތުން ފިލްމު ލަސްކުރީ، މީގެ ވާހަކަ ތަފާތު ވާނެ ނޯޓީ ފޯޓީއަށް ވުރެ، ވަރަށް ބޮޑު ކާސްޓެއް ހަމަ ފެންނާނެ. އާ ކުދިން ވެސް މި ފިލްމުން އިންޑަސްޓްރީއަށް ނުކުމޭ އެބަ، ވަރަށް ކުޅަދާނަ ހަމަ ހުރިހާ ތަރިން ވެސް،" ޔޫއްޕެ ބުންޏެވެ.
ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ އެ ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.
ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.