އިންޑިއާ ކަނޑުގެ ސަލާމަތާއި ރާއްޖޭގެ ސަލާމަތް!

އިންޑިއަން އޯޝަން ނުވަތަ އިންޑިއާ ކަނޑަކީ ވަކި ޤައުމެއްގެ ނުވަތަ ވަކި ބައެއްގެ މިލްކެއް ނޫނެވެ. އެކަނޑަށް އިންޑިއާ ކަނޑޭ ކިއުމަކުން އެކަނޑުގެ މިލްކުވެރިކަން ނުވަތަ އެކަނޑުގެ ހުރިހާ ބާރެއް އިންޑިއާ އަކަށް ނުލިބެ އެވެ. އިންޑިއާ ކަނޑަކީ ދުނިޔޭގެ ބޮޑެތި ކަނޑު ނުވަތަ "އޯޝަން"ތަކުގެ ތެރެއިން، ޕެސިފިކް އޯޝަނާއި އެޓްލާންޓިކް އޯޝަން ނަގާފައި، ތިން ވަނަ އަށް އެންމެ ބޮޑު ކަނޑެވެ. މުޅި ދުނިޔޭގެ ފަށަލައިގެ ވިހި ޕަސެންޓް ނުވަތަ ފަސްބައި ކުޅަ އެއްބަޔަކީ އިންޑިއާ ކަނޑެވެ.

މިކަނޑާގުޅިފައިވާ މުހިއްމު ޤައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، ބަރުމާ، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އީރާން ހިމެނެ އެވެ. އަދި އިންޑިއާ ކަނޑާ ގުޅިފައިވާ ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިތުރުން ޝްރީލަންކާ، މަޑަގަސްކަރަ، ސީޝެލްސް އަދި މޮރިޝަސް ހިމެނެ އެވެ. ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިއްމު ކަނޑުއޮޅިތަކުގެ ތެރޭގައި ހިމެނޭ ދެ ކަނޑުއޮޅި ކަމުގައިވާ މިސްރުގެ ސުއޭޒް ކެނަލް އާއި، މެލޭޝިއާ އާއި އިންޑޮނޭޝިއާއާއި ދެމެދުގައިވާ ސްޓްރެއިޓް އޮފް މަލަކާ ހިމެނެ އެވެ.

އިންޑިއާ ކަނޑުގެ މުހިއްމު ބަނދަރުތަކުގެ ތެރެއިން އެންމެ ބިޒީ ބަނދަރަކީ އިންޑިއާގެ ބަދަރެއް ނޫނެވެ. އެއީ ސިންގަޕޫރުގެ ބަނަދަރެވެ. ސިންގަޕޫރު ބަނދަރުގެ އިތުރުން އިންޑިއާ ކަނޑުގެ މުހިއްމު ބަނދަރުތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ ބަނދަރު، ޗެއްނާއީ ބަނދަރު، ޔަމަނުގެ އަދަން ބަދަރު، އިންޑޮނީޝިއާގެ ޖަކާރޓާ ބަނަދަރު، ކެންޔާގެ މޮމްބާސާ ބަނދަރު އަދި އެފްރިކާގެ އެންމެ ބިޒީ ބަނދަރު ކަމުގައިވާ ދެކުނު އެފްރިކާގެ ޑަރބަން ބަނދަރު ހިމެނެ އެވެ.

އިންޑިއަން އޯޝަންގެ އުތުރު ފަރާތަކީ ދުނިޔޭގެ ތެލުގެ އެންމެ މުހިއްމު ސީ ހައިވޭ އެވެ. އެއީ ތެލުގެ މުއްސަންތިކަން ލިބިފައިވާ މެދު އިރުމަތީގެ ޤައުމުތަކާ އޭޝިއާގެ ޤައުމުތަކާ ގުޅުވާލަދޭ "ތެލުގެ ފާލަން" އެވެ. މިދެންނެވި ތެޔޮ ޓޭނަކަރުތައް ދުވާލަކު ގާތްގަނޑަކަށް 17 މިލިއަން ފީފާގެ ސާފުނުކުރާ ކްރޫޑް އޮއިލް އިންޑިއާ ކަނޑުގެ ދެކުނު ފަރާތުން އުފުލަ އެވެ. އިންޑިއާ ކަނޑުގައި ދުނިޔޭގެ ޤައުމުތަކުން، ހާއްސަކޮށް އެމެރިކާ، އިންޑިއާ އަދި ޗައިނާއިން ބާރުގަދަ ކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ސަބަބަކީ މިއީ އެވެ. އިންޑިއާ ކަނޑުގައި، ރާއްޖޭގެ ދެކުނުން، އައްޑޫ ސިޓީ އާއި ވަރަށް ކައިރީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މިހާރު ވެސް އެބައޮތެވެ. އެއީ ޑިއަގޯގާޝިއާ ނަމަކަށް ކިޔާ ޖަޒީރާ އެކެވެ. މިމަރުކަޒުގައި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ އަސްކަރީ ހަރަކާތްތައް ހިނގަ އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި އައްޑޫ ސިޓީއާ ގުޅިފައިވާ ކަމަށް މިނޮވެމްބަރު މަހުގެ ކުރީކޮޅު ރައީސް ނަޝިދު ވިދާޅުވި ވިދާޅުވުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމުގައި އިންޑިއާ ކަނޑުގެ ހުރިހާ ޤައުމަކަށް ވުރެ ބޮޑަށް އިންޑިއާއަށް އިސްކަން ދެއްވައި ނަޝީދު ވިދާޅުވި ވާހަކައެކެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަކީ އިންޑިއާގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، ބަރުމާ، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އީރާންގެ ސަލާމަތާ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ. އެކަނޑަށް "އިންޑިއާ" ކަނޑޭ ކިއުމަކުން އެއީ ހަމައެކަނި އިންޑިއާގެ މަސްލަހަތާ ގުޅިފައިވާ ކަނޑެއް ނޫނެވެ. އަދި، ސައިޒުގެ ގޮތުން ކުޑައަސް ދިވެހި ރާއްޖެ، ޝްރީލަންކާ، މަޑަގަސްކަރަ، ސީޝެލްސް އަދި މޮރިޝަސް ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތާއި ސަލާމަތާ ވެސް އިންޑިއާ ކަނޑާ ގުޅިފައިވެ އެވެ. ވީމާ އެމެރިކާގެ ކިބައިން ބާރު ލިބިގެން، ޗައިނާއާ މުބާދަލާ ކުރުމުގެ ގޮތުން އިންޑިއާ ކަނޑުގެ ސަލާމަތަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ މިމައްސަލާގައި އިންޑިއާގެ އަމިއްލައެދުން ބޮޑުކަމުގެ ހެއްކެކެވެ.

ރައީސް ނަޝީދު ފަދަ ފަރާތްތައް ބޭނުންކޮށްގެން އައްޑޫ ސިޓީ އާއި އިންޑިއާގެ ސަލާމަތާއި ގުޅުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ކަމެކެވެ. ފާއިތުވި 300 އަހަރު ވެސް އިންޑިއާކަނޑަކީ އެމެރިކާ އާއި ފްރާންސްގެ މަނަވަރުތައް މިނިވަންކަމާއި އެކު ވަދެ ނިކުމެ އުޅުނު ކަނޑެކެވެ. މީގެ 70 ވަރަކަށް އަހަރު ކުރީން ފެށިގެން އިންޑިއާ، ޕާކިސްތާން އަދި ޝްރީލަންކާ އާއި ބަނގްލަދޭޝްގެ މަނަވަރުތައް ވެސް ހަމައެފަދައިން ވަދެ ނިމުމެ އުޅުނު ކަނޑެކެވެ. އިންޑިއާ ކަނޑަކީ މަތީގައި ލިސްޓް ކުރެވިފައިވާ ކުދި، ބޮޑު އެތައް ޤައުމަކަށް ނިސްބަތްވާ، އެޤައުމުތަކުގެ ކަނޑެވެ. އިންޑިއާ ކަނޑުގެ ސެކިރިޓީއާ އައްޑޫސިޓީ ގުޅި ލާމެހިފައިވާ ކަމަށް ނަޝީދު މި ވިދާޅުވި ވިދާޅުވުމަކީ ސީދާ އިންޑިއާގެ އޯޑަރަށް ވުޖޫދުކުރި ފްލޯކު ވާހަކައެކެވެ.

މީގެ އެންމެ މުހިއްމު ބޭނުމަކަށް ވާނީ އައްޑު ސިޓީގައި އިންޑިއާ އިން އަޅަމުންދާ ޕޮލިސް ޓްރެއިނިންގް މަރުކަޒާއި ގަމުގައިވާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ގަމުގައި ތިބި އިންޑިއާ ސިފައިންގެ އިތުރުން އިންޑިއާގެ ނުފޫޒު އައްޑޫ ސިޓީގައި ގަދަކޮށް، އެ އަތޮޅުގެ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް އިންޑިއާ ކުންފުންޏަކަށްދީ، ގަމުގެ ވައިގެ ބަނދަރު ޖީއެމްއާރަށް ދީ، އައްޑޫ ސިޓީގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ވިސްނުން ފުޅާކުރުމެވެ. މިއީ ހަޤީގަތުގައި އިންޑިއާ ކަނޑުގެ ސަލާމަތަށް ލިބޭނެ ރަނގަޅު ބާރެއް ނޫނެވެ. މިފަދަ މަރުކަޒެއް ހެދިއްޖެ ނަމަ އެކަންވާނީ ދިވެހި ރާއްޖޭގެ އަޅުވެތިކަމުގެ ފެށުމަށެވެ. އަދި އިންޑިއާ ކަނޑުގައި ޗައިނާ އާއި އިންޑިއާގެ ފިނިހަނގުރާމައިގެ ވެސް ފެށުމަކަށެވެ.

comment ކޮމެންޓް