ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް މައުމޫން އައްޔަންކޮށްފި

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސް:-- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އައްޔަނުކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި، ފާރިސް ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފަ އެވެ.

ފާރިސް ޖޭއެސްސީއަށް އައްޔަން ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުގެ ހައިސިއްޔަތުންނެވެ.

ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބުނެފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުން މަތީ ދެމިހުންނާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ ޖުޑިޝަރީ ކުރިއަރުވައި، އާންމުންގެ މެދުގައި ޖުޑިޝަރީއަށް އޮތް އިތުބާރު އިތުރުކުރުމަށް މަސައްކަތްކޮށްދިނުމަށް ތައްޔާރަށް،" ފާރިސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެމްބަރުކަމަށް ފާރިސް އައްޔަނުކުރުމަށް ފާސްކުރީ އެ މަޖިލީހުގެ 67 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

https://sun.mv/111500

ކޮމިޝަނަށް ފާރިސް އައްޔަނުކުރުމުގެ ކުރިން އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ހުންނެވީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. ނަމަވެސް މަޖިލީހުން ވަނީ އޭނާ ވަކިކުރުމަށް ފާސްކޮށްފަ އެވެ.

ރިޒާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ރިޒާ ވަނީ، ޖޭއެސްސީގެ މެންބަރުކަމުން އޭނާ ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.

https://sun.mv/111493

"އަޅުގަނޑު ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ މިތާ ދައްކަމުން އެ ގެންދަވަނީ މުޅިން ވެސް އެއްވެސް އަސްލެއް ގާނޫނީ އަސާސެއް ނެތް ހަގީގަތާއި ހިލާފު ރޯ ބުހުތާން ދޮގުކަމަށް ދިވެހި ރައްޔިތުންގެ އަރިހުގައި ވަރަށް ތެދެވެރިކަމާ އެކު އަޅުގަނޑު ދަންނަވަން." އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވި އެވެ.

"ވަކި މައްސަލައަކާ ގުޅިގެން އަޅުގަނޑުގެ މަޝްވަރާއެއް ނުވަތަ ލަފާއަކަށް މިއަދާ ހަމައަށް ވެސް އައްސަވާފައެއް ނުވޭ،" ރިޒާ ވިދާޅުވި އެވެ.

comment ކޮމެންޓް