އާ ސަރުކާރުން ސުކޫލު ކުދިންނަށް ދިނުމަށް ވައުދުވެފައިވާ ހެނދުނުގެ ނާސްތާ ފުދުންތެރިކަން ނެތް ކުދިންނަށް ދިނުމަށް ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމަސް 50 މިލިއަން ރުފިޔާ ވަނީ މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ޖަހާފަ އެވެ.
ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމަށް ކުރިއަށްދާ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު އެކަމާ ގުޅިގެން ސުވާލު ކުރުމުން އަމީރު ވިދާޅުވީ ކުދިންނަށް ހެނދުނުގެ ނާސްތާ ދޭނެ ގޮތާ ބެހޭ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.
"ބެލެނިވެރިނަށް ފައިސާ ދީގެން އެކަން ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އޭރުން އަޅުގަނޑުމެންނަށް އެންޝުއާއެއް ނުކުރެވޭ ކުދިންނަށް އެ ލިބޭ ކަމެއް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ އެހެން ބައެއް ގައުމުތަކުގައިވެސް އެކަން ކުރާ ގޮތާ ސުކޫލު ކެންޓީނަށް ނުވަތަ ކުލާސް ރޫމަށް ގެންގޮސްގެން އެކަން ކުރަން ވިސްނަމުންދާ ކަމަށެވެ. އަދި ހުރިހާ ކުދިންނަށް ދިނުމުގެ ބަދަލުގައި ފުދުންތެރިކަން ނެތް ކުދިންނަށް ހެނދުނު ނާސްތާ ދިނުމުގެ ހިޔާލުވެސް ގެންގުޅޭ ކަމަށް އަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުދިންނަށް ހެނދުނުގެ ނާސްތާ ދޭނެ ގޮތެއް މުޅިން ފައިނަލް ކޮށް އެމައްސައްކަތް ފެށޭނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
ހެނދުނުގެ ނާސްތާ ދިނުމަށް 2020 ވަނަ އަހަރަށް 264 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނާސްތާއަށް ދެނީ ކިރުތައްޓަކާއި ދޮންކެޔޮތޯ ނުވަތަ ހަށިގަނޑަށް ފައިދާ ހުރި އެހެން އެއްޗެއްތޯވެސް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.