ކުރީގެ ފޮރިން މިިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަބަލައި، ކަން ހިނގިގޮތުގެ ރިޕޯޓް މިއަދު ލިބޭނެކަމަށް، އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޝާހިދު ވިދާޅުވީ، ފޮރިން މިނިސްޓްރީން އެ މައްސަލައިގައި ކޮމެޓީއެއް އެކުލަވާލައި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭގެ ޖިނާއީ ތަހުގީގުކުރާނީ ފޮރިން މިނިސްޓްރީން ނޫން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ބަލަމުންގެންދާ ކަަމަށެވެ.
ޝާހިދު ވިދާޅުވީ، އެ މައްސަލައިގެ ކަން ހިނގިގޮތުގެ ރިޕޯޓް މިއަދު ލިބޭނެ ކަމަށާއި އަދި އެއަށްފަހު އެރިޕޯޓްގައިވާ ކަންތައްތަކުގެ މައްޗަށް ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
" އަދި އޭގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކޮށް އަދި މިނިސްޓްރީގެ އިސް މުވައްޒިފުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ނިންމާފައި ވާނީ މިނިސްޓްރީއަށް އަލަށް ވެންނެވި ބޭފުޅުންނާ މިނިސްޓްރީގައި މިހާރު ތިއްބެވި ބޭފުޅުން އިތުރު ތަމްރީންތަކުގެ ޕްރޮގްރާމުގައާއި އަދި ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނަށް ވެސް ހިންގާ ހުރިހާ ތަމްރީންތަކެއްގައިވެސް ޖިންސީ ފުރައްސާރައާ މަސައްކަތު މާހައުލުގެ ތަހުޒީބުތަކާ ކޯހެއް ހިންގައިދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ދެކެވޭ ޖިންސީ ފުރައްސާރައިގެ ވާހަކައަކީ ހުޅުވާލެވިގެން ދެކެވޭ ވާހަކައަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެކަން ސިއްކުރުރާނަމަ އެކަމެއް ނުުހުއްޓުވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާސިމް ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.