ހުކުމެއް ނެތި ތިން އަހަރު ޖަލުގައި އޮތުމަށް ފަހު ލަހިރު ގައުމަށް

ލަހިރު މަޑިޝަންކަރު އަދި އޭނާގެ ގާނޫނީ ވަކީލު ފަރީޝާ ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގަން ރާއްޖެ ގެނައި ކަމަށް ބުނާ ސްރީ ލަންކާގެ "ސްނައިޕަރު" ލަހިރު މަޑިޝަންކަރު ދޫކޮށްލައިފި އެވެ.

ލަހިރު ހައްޔަރު ކުރީ 17 ޑިސެމްބަރު 2015 ގައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

އެއްވެސް ހުކުމެއް ނެތި ލަހިރު ޖަލުގައި އޮންނަތާ އިއްޔެއަށް ތިން އަހަރާއި 11 މަސް ވާނެ އެވެ.

ލަހިރުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެނގިހުރެ މީހަކު މަރަން ރޭވުމާއި މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ވަނީ އިއްޔެ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.

ލަހިރުގެ ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ ވިދާޅުވީ ކޯޓުން އެމައްސަލަ އަނބުރާ ގެންދިޔުމުން ކޯޓުން ލަހިރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ގައުމަށް ދިއުމަށް އެއާޕޯޓަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަހިރުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވަ ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފަޒީލް ހަމީދު އަދި އިސްހާގު ހުސައިންގެ މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

comment ކޮމެންޓް