ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ބުނާ މައްސަލާގައި ޖަލަށް ލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އެ މައްސަލާގައި ކުރި 17 އަހަރުގެ ޖަަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
އޭނާގެ މައްޗަށް އެ މައްސަލާގައި ކުރީ ޓެރަރިޒަމްގެ ކުށެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލަ ސާބިތުވެ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހު 9 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް މުހުތާޒުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިއަދު އެ މައްސަލާގައި ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މުހުތާޒުގެ މައްޗަށް ކުރި ހުކުމް ބާތިލު ކަމަށެވެ.
އެ ހުކުމް ބާތިލު ކޮށްފައިވާ އިރު އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ވެސް ވަނީ ބާތިލު ކޮށްފަ އެވެ. މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ބުނާ މައްސަލާގައި ދެން ހައްޔަރު ކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކުރި ހުކުމް ވެސް ބާތިލު ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.