މަހުލޫފްގެ މައްޗަށް ހުކުމް ކުރުން މާދަމާ!

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މަހުލޫފް ކޯޓުން ނެރެނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރީން ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ އަޑު އެހުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

އެ މައްސަލައިގެ އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައި ވަނީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވާފަ އެވެ. އަދި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ގާޒީ އަލީ އާދަމް ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަހްލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެކަށީގެންވާ ބޭސްފަރުވާ ނުދީ ޖަލުތަކުގައި ގައިދީން މަރަނީ ކަމަށް ބުނެ އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ.

ހުލާސާ ބަޔާން އިއްވަމުން ޕީޖީގެ ވަކީލު ޝުކުރުﷲ ޝަކޫރު މީގެ ކުރިން ވިދާޅުވެފައި ވަނީ މަހްލޫފް ކުރެއްވި ޓްވީޓްގައި ކޮށްފައިވާ ތުހުމަތަކީ ހިނގާފައިވާ ކަމެއް ނޫންކަން ކަރެކްޝަނުގެ ސިޓީއަކުން އެނގޭ ކަމަށެވެ.

މަހްލޫފްގެ ވަކީލު ނާޒިމް ސައްތާރު ސަސްޕެންޑްކޮށްފައި ހުރުމުން އެ މައްސަލާގައި ހުލާސާ ބަޔާން ހުށަހެޅުއްވީ މަހްލޫފް އަމިއްލަފުޅަށެވެ. ހުލާސާ ބަޔާން ހުށަހަޅުއްވަމުން މަހްލޫފް ވިދާޅުވީ، އޭނާ ކުރި ޓްވީޓަކީ ބަޔަކަށް މައުލޫމާތު ދިނުމަށް ކުރި ޓްވީޓެއް ނޫން ކަމަށާއި އެއީ ކަންބޮޑުވުންތަކެއް ހިއްސާކުރުމަށް ކުރެއްވި ޓްވީޓެއް ކަމަށެވެ. އަދި ޓްވީޓުކުރުމަކީ ކުށެއްކަން އެނގިފައި ނުވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

އެ މައްސަލަ މަހްލޫފްގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ ކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފައެވެ.

comment ކޮމެންޓް