ދެ ހެލިކޮޕްޓަރު ވަގުތުން ފޮނުވައިލަދޭށެވެ.

އިންޑިއާއިން ދިވެހި ރާއްޖެއަށް ދީގެން މިއުޅެނީ އަރަތެއް ކަހަލަ ދެ ހެލިކޮޕްޓަރެވެ. މި ދެ ހެލިކޮޕްޓަރު ދިން އިރު އިންޑިއާ އިން ބުނީ މިއީ ރާއްޖެއަށް ހަދިޔާ ކުރާ ދޭތި ކަމަށާއި ދިވެހި ޕައިލެޓުން ތަމްރީނު ވުމުން އެ ދޭތި އޮޕަރޭޓް ކުރަން ފޮނުވާ އިންޑިއާގެ 40 ސިފައިން އަނބުރާ ގެންދާނެ ކަމަށެވެ. މިކަން އަރަތަކަށްވާ ފުރަތަމަ ސަބަބަކީ އެންމެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ 40 ސިފައިން ރާއްޖޭގައި ތިބެން ޖެހުމެވެ. އަރަތަކަށްވާ ދެ ވަނަ ސަބަބަކީ ރާއްޖެއަށް ހިލޭ ދިން ކަމަށް ބުނި ދެ ހެލިކޮޕްޓަރު އެއީ ދިވެހީންގެ އެއްވެސް ބާރެއް ނުފޯރާ، އެއިން އެއްޗެއް ދުއްވާލުމުގެ ހުއްދަ ދިވެހި ސިފައިންގެ މީހަކަށް ނޯންނަ ދޭއްޗަށް ވުމެވެ.

މިކަން އުޒުރަކަށް ހަދައިގެން އައްޑޫ ގަމުގަ އާއި ލާމު އަތޮޅުގައި އިންޑިއާގެ 40 ސިފައިން ތިބޭތާ މިހާރު 10 ވަރަކަށް އަހަރު ވަނީ އެވެ. މި ތަކެތި ރާއްޖެ ގެނެސްފައި ވަނީ އިންޑިއާ ކޮޅަށް ބުރަވާ ސިޔާސަތު ވަރަށް ފާޅު ގޮތެއްގައި ގެނގުޅުއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގަ އެވެ. ރައީސް ޔާމިނުއަކީ ކޮރަޕްޝަނާއި އެހެނިހެން ސަބަބުތަކާ ހުރެ ދިވެހީން ނުރުހިގެން ވޯޓުން ބަލިކޮށްފައިވާ ރައީސަކަށް ވިއަސް މިހެލިކޮޕްޓަރު މައްސަލާގައި ރައީސް ޔާމީން ނެންގެވި ސްޓޭންޑް، ރައީސް ސޯލިހް ނެންގެވި ސްޓޭންޑަށް ވުރެ އަޅުގަނޑަށް ރަނގަޅެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި މިތަކެތި އަނބުރާ ގެންދިއުމަށް ތަކުރާރުކޮށް އިންޑިއާ އަށް އެންގުމުން ވެސް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިމައްސަލާގައި ވިދާޅުވެފައި ވަނީ އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ހަދިޔާގެ ގޮތުގައި ދޭ ތަކެތި އަނބުރާ ފޮނުވާލުމަކީ ދިވެހިންގެ ސަގާފަތެއް ނޫން ކަމަށެވެ. މިއީ "ހަދިޔާ"ގެ ގޮތުގައި ދިން އެއްޗެއް ކަމެއް ވެސް އަދި ވެސް ޔަގީނެއް ނުވެ އެވެ. މިއީ ދިވެހި ދައުލަތުގެ މިލްކެއް ކަމުގެ އެއްވެސް ލިޔެ ކިއުމެއް ދައުލަތުން މިހާތަނަށް ސާބިތުކޮށް ދައްކަވާފައެއް ނުވެ އެވެ. އަދި އިންޑިއާ އިން ވެސް މިއީ ދިވެހި ދައުލަތުގެ ދެ ހެލިކޮޕްޓަރު ކަމަކަށް މިހާރަކު ނުބުނެ އެވެ.

ރައީސް ޔާމިނުގެ ވެރިކަމުގައި މިތަކެތި އަނބުރާ ގެންދިއުމަށް ތަކުރާރުކޮށް އިންޑިއާ އަށް އެންގުމުން ވެސް ގެންގޮސްފަ ނުވާއިރު، މި ދެ ހެލިކޮޕްޓަރު އުޒުރަކަށް ދައްކައިގެން އިންޑިއާއިން ރާއްޖޭގައި ގާއިމް ކޮށްފަތިބި 40 ސިފައިންގެ ވިސާ އާނުކޮށްދީ އަނބުރާ ގެންދިއުމަށް އެދުމުން އިންޑިއާ އިން ވަނީ ދިވެހި ދައުލަތަށް ގޮންޖަހައި، އެ ސިފައިން ވެސް އަނބުރާ ނުގެންގޮސް، ހެލިކޮޕްޓަރު ވެސް އަނބުރާ ނުގެންގޮސް، ދިވެހި ދައުލަތަކީ ޓޯއި އެއްޗަކަށް ހަދައިފަ އެވެ.

މިވަރުގެ ބަޔަކަށް "އަވަށްޓެރީންނޭ" ކިޔާ، އެ އަވަށްޓެރީން ދިން ހަދިޔާ އަނބުރާ ނުފޮނުވާނަމޭ އަދުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އިރު އިންޑިއާ އިން މިހާރު އެތިބީ ދިވެހި ރާއްޖޭގައި ފާޑަކަށް މިލިޓަރީ ބޭސްއެއް ހަދައިގެން ނެވެ. ވީ އެންމެ އަވަސް ގޮތަކަށް މި ދެހެލިކޮޕްޓަރާއި، އިންޑިއާގެ މި 40 ސިފައިން ދިވެހި ފަސްގަނޑުން ބޭރު ނުކޮށްފި ނަމަ މިކަންވާނީ ދިވެހި ޤައުމުގެ އިސްތިގަލާލަށް އަސަރުކުރުވާ، ވަރަށް ނުބައި ކަމަކަށެވެ. ރައީސް ސޯލިހާއި ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މަރިޔާ ދީދީ އާއި ރައްޔިތުންގެ މަޖުލިހުގެ އާ ރައީސް، ޤާސިމް އިބްރާހިމް އަށް، ދިވެހި ރާއްޖެއަށް ހެޔޮއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އާދެސް ދަންނަވަމެވެ. މި ދައުލަތުގައި "ޑިފެކްޓޯ" ގޮތަކަށް ނުވަތަ ނުސީދާ ކޮށް މިލިޓަރީ ބޭސްއެއް ހަދައިގެން އެތިބަ އިންޑިއާގެ 40 ސިފައިން މިޤައުމުން ބާލާ، އެ ބާ ދެހެލިކޮޕްޓަރު އަނބުރާ ފޮނުވާލަ ދެއްވާށެވެ. އަޅުގަނޑުމެން މަނިކުފާނަށް ވޯޓުދިނީ އިންޑިއާ ފަދަ ޤައުމުތައް ދެކެ ބިރުން އެމީހުން ހެދިހާ އެއްޗެއް ހެދިގެން ތިބޭކަށް ނޫނެވެ. ކުޑައަސް މިއީ ވެސް މިނިވަން މުސްތަގިއްލު ޤައުމެކެވެ.

މިޤައުމުގެ އަގު ދަމަހައްޓާނެ އެންމެ މަތީ ފަރާތަކީ މި ޤައުމުގެ ވެރިޔާއެވެ. އަޅުގަނޑުމެން މަނިކުފާނު ރަޢީސް ކަމަށް ހޮވީ ވަރަށް އުއްމީދާއި އެކު އެވެ. ކޮމަންވެލްތުން މި ޤައުމު ވަކިވާން ރައީސް ޔާމިނު ނިންމެވި ނިންމެވުން މަނިކުފާނު ބަދަލު ކުރެއްވި ކުރެއްވުމަށް ތާއިދެވެ. އަދި ގަތަރާއި އީރާނާއި ސިޔާސީ ގުޅުން އަލުން އިއާދަ ކުރަން ވެސް ތާއިދެވެ. ނަމަވެސް ދިވެހި ދައުލަތަށް މަލާމާތް ރައްދުވާ ގޮތަށް، ނުސީދާކޮށް ބިރުދައްކައިގެން އިންޑިއާ އިން މިކުރާ ނާތަހްޒީބް އަމަލު ނުފެންނަ ކަމަށް ހެދިގެން ނުހުންނަވާށެވެ. މިއީ ދިވެހި ޤައުމުގެ ކުރިމަގާއި، މި ޤައުމުގެ އިސްތިގްލާލާއި، މި ޤައުމުގެ މުސްތަގްބަލްގެ ދަރީންގެ ހައްގުގައި، މިވަގުތުން ވަގުތަށް މަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް