ޕެރޫގެ ކުރީގެ ރައީސް އުރުގުއޭ އެމްބަސީން ހިމާޔަތް ހޯއްދަވައިފި

ޕެރޫގެ ކުރީގެ ރައީސް އެލެން ގާސިއާ ވަނީ އުރުގުއޭ އެމްބަސީން ހިމާޔަތް ހޯއްދަވާފަ -- ފޮޓޯ: އޭއެފްޕީ

ލީމާ (ނޮވެމްބަރު 19): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ޕެރޫގެ ކުރީގެ ރައީސް އެލެން ގާސިއާގެ ޕާސްޕޯޓު ހިފެހެއްޓުމުން އޭނާ އެގައުމުގައި ހުންނަ އުރުގުއޭގެ އެމްބަސީން ހިމާޔަތް ހޯއްދަވައިފިއެވެ.

ޕެރޫގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އުރުގުއޭއިން ޕެރޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ، ލީމާގައި ހުންނަ އުރުގުއޭގެ އެމްބަސީއަށް ގާސިއާ ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

އުރުގުއޭއިން ގާސިއާއަށް ހިމާޔަތް ދީފައިވާ ކަމަށް އަދި ބުނެފައި ނުވެއެވެ.

އަށާރަ މަސް ވަންދެން ގާސިއާގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން އަމުރު ކުރީ އޭނާގެ ވެރިކަމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގައި، 2006 އާއި 2011އާ ދޭތެރޭ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯޑެބްރެކްޓުން ދިން ރިޝްވަތު ގާސިއާ ގަބޫލު ކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އޯޑެބްރެކްޓުން ވަނީ 12 ގައުމެއްގެ ދައުލަތުގެ ކޮންޓްރެކްޓުތައް ހޯދުމަށް ޓަކައި 788 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް މިދިޔަ އަހަރު އެއްބަސްވެފައެވެ. އޭގެ ތެރޭގައި ޕެރޫގެ ކޮންޓްރެކްޓުތައް ހޯދުމަށް ހޭދަ ކުރި 29 މިލިއަން ޑޮލަރު ހިމެނެއެވެ.

ގާސިއާ ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ކުރިއަށްގެންދާ ތަހުގީގެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޕެރޫގެ ރައީސް މާޓިން ވިޒްކަރާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

އެއީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ގާސިއާ ފިއްލެވި ދެވަނަ ފަހަރެވެ. އެގޮތުން 1985 އިން 1990އަށް ކުރިއަށް ދިޔަ އޭނާގެ ފުރަތަމަ ދައުރަށް ފަހު، ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެން ގާސިއާ ކޮލޮމްބިއާގައި އަމިއްލައަށް އަރުވާލެވިގެން ނުވަ އަހަރު ހޭދަ ކުރެއްވިއެވެ.

comment ކޮމެންޓް