ދެކުނު އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފޯރިގަދަ މެޗުތަކެއް ކުރިއަށް އެބައޮތެވެ.
ކުއާޓާ ފައިނަލްގެ ކުރިމަތިލުންތަކަށް ބަލައިލާއިރު މި ސަރަހައްދުގެ ގަދަ ބާރުތަކުގެ ގޮތުގައި ފާހަގަކުރެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ ބްރެޒިލް، އާޖެންޓީނާ، ކޮލޮމްބިއާ އަދި އުރުގުއާއީން ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ވެނެޒުއޭލާއިން ވެސް ވަނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާ ގްރޫޕްގެ އެއްވަނަ ހާސިލުކޮށްފައެވެ. މީގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ އެކުއެޑޯއާއި ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ކެނެޑާ އަދި ޕެނެމާއެވެ.
އާޖެންޓީނާއާއި އެކުއެޑޯ
ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަހޯދި އާޖެންޓީނާއާއި ގްރޫޕް ބީގެ ދެވަނަ ޓީމު އެކުއެޑޯގެ ކުރިމަތިލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން ހައެއް ޖަހާއިރެވެ.
މެޗަށް ބަލާލާއިރު އެންމެ ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓިނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މި މެޗުގައި ކުޅެވޭތޯއެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުގައި މެސީ ކުޅުނު ނަމަވެސް އެންމެ ރަނގަޅު ކުޅުން ދެއްކިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެ ދެ މެޗު ވެސް ކުޅެފައިވަނީ އަނިޔާގައި ހުރެގެންނެވެ.
އަދި، ފަހު މެޗުގައި ޕެރޫއާ ދެކޮޅަށް ނުކުޅެވުނީ ވެސް އަނިޔާގައި ހުރުމުންނެވެ. ނަމަވެސް، މެސީ ވަނީ މިހާރު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. އެހެންކަމުން މާދަމާގެ މެދުގައި އޭނާ ފެނުން ގާތެވެ.
މި ފަހަރުގެ ގްރޫޕް މަރުހަލާގައި މެސީއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތްނުވި ނަމަވެސް އެކަން އަންނަނީ އެ ޓީމުގެ އެހެން ކުޅުންތެރިން ފުރިހަމަ ކުރަމުންނެވެ. މި ގޮތުން، ލައުޓާރޯ މާޓިނޭޒްވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ހަތަރު ލަނޑު ޖަހައިފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މެސީ އެންމެ ރަނގަޅަށް ފިޓްނުވި ނަމަވެސް މި ފަހަރު ވެސް މި މުބާރާތް ކާމިޔަބުކުރުން އެންމެ ގާތީ އާޖެންޓީނާއެވެ. އެންމެ ފަހުން އެކުއެޑޯއާ މި އަހަރުގެ ޖޫން މަހު އާޖެންޓީނާ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
އެހެންވެ، މެޗު އާޖެންޓީނާ ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެކުއެޑޯއިން މި ފަހަރުގެ މުބާރާތުގައި ދައްކާފައިވާ ކުޅުމަށްބަލާއިރު އެ ޓީމުން ވެސް އާޖެންޓީނާއަށް ފަސޭހަ މެޗަކަށް ވިޔަ ނުދޭނެއެވެ. އެހެންކަމުން ރަނގަޅު މެޗެއް ފެނިގެންދިއުން ގާތެވެ.
ވެނެޒުއޭލާއާއި ކެނެޑާ
ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން ހައެއް ޖަހާއިރު ކުޅެން ހަމަޖެހިފައިވާ މި މެޗަށް ބަލާއިރު ވެނެޒުއެލާ މެޗަށް ކުރިމަތިލަނީ ގްރޫޕް ބީގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ފަހަކަށް އައިސް ވެނެޒުއޭލާ ދައްކަމުންދާ ކުޅުމަށް ބަލާއިރު މެޗު ކެނެޑާއަށް ބާރުބޮޑު މެޗަކަށް ވެގެންދިއުން ވަރަށް ގާތެވެ.
ކެނެޑާއަށް ބަލައިލާއިރު މިއީ ކޮޕާ އެމެރިކާގެ މުބާރާތެއްގައި އެ ޓީމުން ވާދަކުރާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރު ކުއާޓާ ފައިނަލުން ޖާގަހޯދުން މިއީ އެ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ފަހަރުގެ މުބާރާތުގައި ކެނެޑާއަކީ މިހާރު ކޮންކާކަފް ސަރަހައްދު ތަމުސީލުކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ.
ކޮލޮމްބިއާއާއި ޕެނެމާ
ކޮލޮމްބިއާ ވެފައިވަނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ޓީމުތަކުގެ ތެރެއިން އެއް ޓީމަށެވެ. ގްރޫޕް މަރުހަލާގައި ބްރެޒިލާ އެއް ގްރޫޕެއްގައި ހިމެނި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލޮމްބިއާއިން ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.
އެހެންވެ، ކުއާޓާ ފައިނަލް މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނި، ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ނުކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ ބޮޑު ހައިރާން ކަމަކަށެވެ.
ކޮލޮމްބިއާ ޓީމުގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ލުއިސް ޑިއާޒާއި ހެމޭސް ރޮޑްރިގޭޒް ހިމެނެއެވެ. އަދި، ޖެފެސަން ލާމާ ވެސް އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގައި ކޮލޮމްބިއާއާ ދެކޮޅަށް ނުކުންނަ ޕެނެމާގެ ޓީމަކީ މި ފަހަރުގެ މުބާރާތުގައި ހައިރާން ކުރުވަނިވި ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ޓީމެވެ. ޕެނެމާއިން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސީގައި އެމެރިކާއާއި ބޮލީވިއާ ބަލިކޮށްފައެވެ.
ކޮލޮމްބިއާއާ ދެކޮޅަށް ކުޅެ މެޗުން އެ ޓީމު މޮޅުވާނެ ކަމަށް ދެކޭ މީހުން ވަރަށް މަދެވެ. ނަމަވެސް، މި ފަހަރުގެ މުބާރާތުގައި ޕެނެމާއިން ދައްކަމުން އަންނަ ކުޅުން މެޗުގައި ތަކުރާރުކުރެވިއްޖެ ނަމަ ކޮލޮމްބިއާއަށް މި މެޗު ފަސޭހަ މެޗަކަށް ނުވާނެއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ފަތިހު ރާއްޖޭގަޑިން ތިނެއް ޖަހާއިރުއެވެ.
އުރުގުއާއީއާއި ބްރެޒިލް
މި ފަހަރުގެ ކުއާޓާ ފައިނަލްގެ މެޗުތަކަށް ބަލާއިރު މިއީ އެންމެ ވަރުގަދަ ކުރިމަތިލުމަށް ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއާއީ މި މެޗަށް ކުރިމަތިލަނީ ގްރޫޕް މަރުހަލާގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ.
މާސެލޯ ބިއެލްސާގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ އުރުގުއާއީންވަނީ މިހާތަނަށް ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ބްރެޒިލަށް ބަލާލައިރު އަދި މިހާތަނަށް މި މުބާރާތަކީ އެންމެ ރަނގަޅު މުބާރާތެއްގެ ގޮތުގައި ބުނެވޭކަށް ނެތެވެ. މި ގޮތުން، ގްރޫޕް މަރުހަލާގައި ބްރެޒިލަށް ރަނގަޅު ކުޅުމެއް ދެއްކުނީ ޕެރަގުއާއީއާ ދެކޮޅަށް އެކަންޏެވެ. ފަހު މެޗުގައި ކޮލޮމްބިއާއާ ދެކޮޅަށް ކުޅެ އެއްވަރުވުމުން ގްރޫޕްގެ ދެވަނައަށް ދިއުމުގެ އިތުރުން އެ މެޗުގައި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ވިނީޝިއަސް ޖޫނިއާއަށް ދެއްކި ދެވަނަ ރީނދޫ ކާޑާ އެކު ކުއާޓާ ފައިނަލްގައި އޭނާއަށް ނުކުޅެވޭނެއެވެ. ފޯވަޑް ލައިނުގައި ދެން ހިމެނޭ ރޮޑްރިގޯއަށް ވެސް މި ފަހަރުގެ މުބާރާތުގައި އަދިއެހާ ރަނގަޅު ކުޅުމެއް ދެއްކޭތަނެއް ނުފެނެއެވެ.
އުރުގުއާއީން މި ފަހަރުގެ މުބާރާތުގައި ދައްކަމުންދާ ކުޅުމުގެ ސަބަބުން މިއީ ބްރެޒިލަށް ފަސޭހަ މެޗަކަށް ނުވާނެކަން ވަނީ ޔަގީންވެފައެވެ. މެޗު ކުޅެން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން ހައެއް ޖަހާއިރެވެ.