ގަލްފުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓެއް ސައޫދީގައި ބާއްވަނީ

ކުވައިތުގައި ބޭއްވިި ގަލްފުގެ ސަމިޓެއް

ކުވައިތު (ނޮވެމްބަރު 19): ގަލްފުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާ (ޖީސީސީ)ގެ ހުރިހާ ގައުމުތަކެއް ހިމެނޭ ގޮތަށް ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި އެޖަމްއިއްޔާގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކުވައިތުން ބުނެފިއެވެ.

ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނައިބު ޚާލިދް އަލްޖާރަﷲ ވިދާޅުވީ އެ ސަމިޓް ބޭއްވުމަށް ޖީސީސީގެ ހުރިހާ ގައުމުތަކެއް އުސޫލެއްގެ ގޮތުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށާ އަދި ވަރަށް އަވަހަށް އެ ސަމިޓް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމުގައެވެ. ނަމަވެސް އެ ސަމިޓް ބާއްވާނެ ތާރީޚެއް ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނައިބު ހާމަކުރައްވާފައެއް ނުވެއެވެ.

ގަލްފުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ މެދުގައި މައްސަލަޖެހި އެޖަމްއިއްޔާގައި ކުރިން އޮތް އެއްބައިވަންތަކަން ގެއްލިގެން ދިޔައީ އެޖަމްއިއްޔާގައި ހިމެނޭ ތިން ގައުމު ކަމަށްވާ ސައޫދީ އަރަބިޔާއާއި ޔޫއޭއީއާއި ބަހްރައިން، މިސްރާ ގުޅިގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރު ޙިސާރުކޮށް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުންނެވެ.

މިދިޔައަހަރު ޖެހުނު މިމައްސަލައަށްފަހު ޖީސީސީގެ ސަމިޓް ބައްދަލުވުމެއް އަދި ބާއްވާފައެއް ނުވެއެވެ. އަދި މިކަމުގެ ސަބަބުން ޖީސީސީގެ ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކާއި ދެބަސްވުންތައް އުފެދިފައި ވެއެވެ. ރިޔާޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމްއިއްޔާގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި ގަތަރުގެ މައްސަލަ ހައްލުކުރުން ހިމެނޭކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް