"ކާކު؟"އާއެކު ސޮބާ އެނބުރި ސްކްރީނަށް!

އިބްރާހިމް ސޮބާހް...

މީ ޕްރޮޑަކްޝަން ކުޑައިގެ ދަށުން އަންނަ އަހަރު ސިނަމާއަށް ގެންނަން ނިންމާފައިވާ ފިލްމު "ކާކު؟" އިން ފިލްމީތަރި އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) އެނބުރި ސްކްރީނުން ފެންނާނެއެވެ.

އޭނާ މިހާތަނަށް ފެނުނީ އެންމެ ފީޗަރ ފިލްމަކުންނެވެ. އެއީ 2004 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު "އެދަތުރު" އިންނެވެ.

"އެދަތުރު"އަށް ފަހު ސޮބާ އަނެއްކާވެސް ފެންނަން މިއުޅެނީ ބިރުވެރި ފިލްމަކުންނެވެ. ގިނަ ފިލްމު ތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފިލްމު "ކާކު؟" ގައި ސޮބާ ފެންނާނީ ލީޑު ރޯލުންނެވެ.

"އަސްލު ސާދަ އަހަރު ފަހުން ފިލްމަކުން ފެންނަން މިއުޅީ، ކުރިޔަށް އޮތް ފިލްމަކީ ބެލުންތެރިނަށް ސޮބާ ގެ މޮޅު އެކްޓިން އެއް ފެނިގެންދާނެ ފިލްމަކަށް ވާނެ،" ސޮބާ ބުންޏެވެ.

"ކާކު؟" ގައި ފެންނާނެ ސޮބާހު އާއި އިރްފާނާ...

ސޮބާ ބުނީ، އެ ފިލްމަކީ ވަރަށް ބުރަ މަސައްކަތެއް ކުރެވުނު ފިލްމެއް ކަމަށާއި ކުރިޔައް އޮތް ތަނުގައިވެސް ވަގުތު ވީ ވަރަކުން ފިލްމު ތަކުގެ މަސައްކަތްތަކަށް ވަގުތު ދޭނެ ކަމަށެވެ.

"ވަޒީފާގެ ބިޒީ ވާތީވެ އަސްލު ފިލްމު ތަކުން ނުފެންނަނީ، މިދިޔަ އަހަރުތަކުގައިވެސް ލިބުން ކިތައްމެ ފިލްމަކުން ފުރުސަތު، ކުރިޔަށް އޮތްތާގައި ވަގުތު ވީ ވަރަކުން ފިލްމުތައް ކުޅޭނަން، ވަރަށް ލޯބިވާ ދާއިރާއެއް މީކީ،" ސޮބާ ބުންޏެވެ.

ފިލްމުތަކުން ސޮބާ ނުފެނުނަސް އޭނާގެ ވޯޑިއޯ ލަވަތައް ވަރަށް ގިނައިން ވަނީ ބެލުންތެރިންނާ ހަމަޔަށް އައިސްފައެވެ. މި ފަހަކުން ވެސް ސޮބާގެ ލަވަތައް ބަލާލަން ލިބުނެވެ.

ސޮބާ އާއި ރިޝްމީގެ "ތޫނު ލޮލާ" ލަވަ

އެހެން ކަމުން ސޮބާ ބޮޑަށް ފާހަގަކޮށްލެވިފަައިވަނީ ކުޅަދާނަ ނެށުންތެރިއެއްގެ ގޮތަށެވެ. ގިނަ ލަވަތަކުގައި ވެސް އޭނާގެ ނެށުން ވަރަށް ފުރިހަމައެވެ. ސޮބާ ބުނަނީ ލަވަތަކަށް އެކްޓް ކުރާއިރު މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އާއެކު އެކްޓްކޮށްލަން ވަރަށް ފަސޭހަ ކަމަށެވެ.

"އަސްލު ހަމަ ރިޝްމީ އާއެކު ނަށާލަން ވަރަށް ފަސޭހަ، އިންނާނެ ވަރަށް މަގުބޫލުވި ލަވައެއް، 'ތޫނު ލޮލާ ބުރުސޫރަ'،" ސޮބާ ބުންޏެވެ.

ކުރިޔައް އޮތްތާގައި ފިލްމުތަކުން ސޮބާ ފެންނާނެ ކަމަށް ބަލަމާ ހިނގާށެވެ. ފިލްމުތަކުން ސޮބާ މީގެ ކުރިން ފެނިފައި ނުވިޔަސް އީދު ތަކުގައި ސްޓޭޖް މަތިން ކޮންމެވެސް ވަރަށް އޭނާ ވަނީ ފެނިފައެވެ.

comment ކޮމެންޓް