ރާއްޖެޓީވީގެ ބޭނުމަކީ ނަފްރަތު އުފެއްދުން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރާއްޖެ ޓީވީގެ ބޭނުމަކީ ހިޔާލު ތަފާތު ކުރުމާއި ނަފްރަތު އުފެއްދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ޓީވީ އިން ބޭނުން ވަނީ "ސެންސޭޝަން" (މީހުންގެ ސަމާލުކަން ލިބޭނެ ފަދަ ވާހަކަތައް) އުފެއްދުން ކަމަށެވެ.

"އަޅުގަނޑަށް ވެސް އިނގޭ ތިޔަ ބޭފުޅުން ބޭނުންވެވަޑައިގަންނަވަނީ ސެންސޭޝަންކަން. ރާއްޖެ ޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން ކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ [އެމަނިކުފާނާއި ރައީސް ސޯލިހުގެ] އަތް ވެސް ނުގުޑާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ބޭނުމަކަށް ވާނީ ރައްޔިތުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެއްދުމަށް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އިނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަން. އަދި ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް