ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީ ރިޕޯޓަށް އަމަލުކުރަން އަސްލަމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ އެކު ---

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ 6، 2021 ގައި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކުލަވައިލާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު ފުރުންކަން ފާހަގަކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވަނީ އެ ހަމަލާއާ ގުޅިގެން އެކުލަވައިލި އިންކުއަރީ ރިޕޯޓަށް ވީހާ ވެސް އަވަހަށް އަމަލުކުރަން މަޖިލީހުގެ އިދާރާއިން އެދޭކަމަށް ވިދާޅުވެފައެވެ.

"އެނގިވަޑައިގަންނަވާނެ ހައެއް މޭ މިއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާތެރިކޮށް މަރުގެ ހަމަލާއެއް ދެވުނުތާ ތިން އަހަރު ފުރޭ ދުވަސް،" އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ނަމުގައި އެދެނީ އެކަމާ ގުޅޭ ގޮތުން ތައްޔާރުކޮށް އާންމުކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަށް ފުރިހަމައަށް އަމަލުކުރުން،"

ހަމައެއާ އެކު އެ މަނިކުފާނު އެދިވަޑައިގަތީ، ރާއްޖޭގައި ހަރުކަށި ފިކުރާއި އަނިޔާވެރި ހަމަލާ އެއްކޮށް ނެތިދިޔުމަށެވެ.

އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ދިން ނުރައްކާތެރި ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

ބޮން ގޮއްވައިލާފައިވަނީ ނަޝީދު، ސައިކަލާ އަރައިހަމަވި ތަނާ ދުރުގައި ބަލަހައްޓައިގެން ހުރެފައެވެ.

އެ ދުވަހުގެ ހަމަލާއާ ގުޅިގެން ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާތުން ވެސް ފަރުވާ ހޯއްދަވައިފައެވެ.

އެ މައްސަލައިގައި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. ދެން ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ވަނީ މި މައްސަލާގައި ދައުވާތަކެއް ވެސް އުފުލާފައެވެ.

comment ކޮމެންޓް