އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗަންދްރިކާ ރާއްޖެ ވަޑައިގެންފި

ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމަރަތުންގަ --

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަ ރާއްޖެ ވަޑައިގެންފިއެވެ.

ޗަންދްރިކާ ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗަންދްރިކާއަށް މަރުހަބާ ދެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް މުހައްމަދު އަފީފް --

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދު ޗަންދްރިކާ ވަޑައިގެންފައިވާ އިރު، ސީޝެލްސްގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާސް މުހައްމަދު އަފީފްވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އޭނާއަށް ވެސް މަރުހަބާ ދެއްނެވީ ރައީސް ނަޝީދެވެ.

މުހައްމަދު އަފީފަކީ އައްޑޫގައި އިއުލާނުކުރި ސުވަދީވް ޖުމްހޫރިއްޔާގެ ސަރުކާރުގެ ރައީސްކަން ކުރެއްވި އަބްދުﷲ އަފީފް ދީދީގެ ދަރިކަލެކެވެ.

އެ ދެ ބޭފުޅުން މިއަދު ރާއްޖެ ވަޑައިގެންފައިވާ އިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ރާއްޖެ ވަޑައިގަންނަވާނެއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޗައިނާއިން ވަޑައިގެންނެވީ އެގައުމުގެ ރައީސް ޝީ ޖިންޕިންގެ މަންދޫބެކެވެ. އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި އެގައުމުގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓުއަރިޒަމް ލުއޯ ޝުގަންގ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް