ފިލިޕީންސުގެ މެދުތެރޭ ސޫބާ (ޕްރޮވިންސް)އެއް ކަމުގައި ވާ ސީބޫއަށް ނިސްބަތް ވާ ބަންޓާޔަން ޖަޒީރާގެ އަވަށެއްގެ އެންމެން އިސްލާމް ދީން ގަބޫލު ކޮށްފިއެވެ.
ކުރީން ނަޞާރާއިންގެ އަޣުލަބިއްޔަތު އޮތް މި އަވަށުގެ އެންމެން އިސްލާމް ދީން ގަބޫލު ކުރީ، އިނގިރޭސި ވިލާތުގައި ގާއިމު ވެފައި ވާ އަދި އިސްލާމީ ތައުލީމާއި ދިރާސާތަކަށް ހާއްސަ އިލްމިއްޔާއެއް ކަމަށް ވާ "އިސްލާމިކް އެޑިއުކޭޝަން އެންޑް ރިސާޗް އެކެޑެމީ" އައި.އީ.އާރް.އޭ އިން އެ އަވަށުގައި އިސްލާމް ދީނަށް ދައުވަތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކެއްގެ ތެރޭގައެވެ.
މި ހިނގާ ނޮވެންބަރު މަހުގެ 11 ވީ އާދީއްތަ ދުވަހު އައި.އީ.އާރް.އޭ އިން އިސްލާމް ދީނަށް ދައުވަތު ދިނުމުގެ ހަރަކާތްތަކެއް މި އަވަށުގައި ހިންގީ މި އަވަށުގެ މީހުންގެ ތެރެއިން އަލަށް އިސްލާމް ވި މީހަކު ކަމުގައި ވާ އަބޫބަކުރުގެ ދައުވަތަކަށް އެ އަވަށަށް ކުރި ޒިޔާރަތެއްގައެވެ.
އަބޫބަކުރުއާއި އަލްއަޚް ޢީސާ ޚާން އިސްލާމް ދީނާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް އަޑު އަހާން ތިބި އެންމެން ވެސް ހެޔޮ ހިތުން އިސްލާމް ދީން ގަބޫލު ކުރީ އިސްލާމް ދީނާ މެދު ކުރީން އަޑު އިވިފައި ހުރި ނުރަނގަޅު ވާހަކަތަކުގެ ސަބަބުން އުފެދިފައި ހުރި ޝައްކުތައް މުޅީން ފިލުމުން ކަމަށް އަލަށް އިސްލާމް ވި މީހަކު މީޑިއާއާ ވާހަކަ ދައްކަމުން ބުންޏެވެ.
މި އަވަށުން އިސްލާމް ވީ އެންމެންނަކީ ވެސް ނަޞާރާ ދީނަށް ކުރީން ނިސްބަތް ވާ މީހުން ކަމުން، އެމީހުންނަށް ދައުވަތު ދިން ދާއީން ވަނީ އިސްލާމް ދީނުގައި ސަލާމް ލެއްވި ޢީސާގެފާނުގެ މަގާމާގައި އެކަލޭގެފާނުގެ ރިސާލަތުގެ އަސްލަކީ ކޮބައިކަމާއި ޢީސާގެފާނުގެ ރިސާލަތާއި ކީރިތި ރަސޫލާގެ ރިސާލަތުގައި ހުރި އެއްގޮތް ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ.
މި އަވަށުގައި ޣައިރުމުސްލިމުންގެ ގޮތުގައި ތިބި 215 މީހުން އެއްކޮށް އިސްލާމް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އައި.އީ.އާރް.އޭގެ ދާއީން ވަނީ ބުނެފައެވެ.
ބަންޓާޔަން ޖަޒީރާގެ އެ އަވަށުގައި ހުންނަ "މަދީނާ މަސްޖިދް" ނަމަކަށް ކިޔާ މިސްކިތުގައި ހިންގި ދައުވަތުގެ ހަރަކާތުގައި އައި.އީ.އާރް.އޭގެ ދާއީން ވަނީ ފަގީރުންނަށް ބެހުމަށް ހާއްސަ ކޮށްގެން ހިކި ކާނާގެ ޕެކެޓުތައް ބަންދު ކޮށް އެތަކެތި ވެސް ބަހައިފައެވެ.
ރޫމީ ކަނީސާއަށް ތަބާ ވާ މީހުންގެ އަޣުލަބިއްޔަތު އޮންނަ ފިލިޕީންސްގެ އާބާދީގައި މުސްލިމުންގެ ހިއްސާއަކީ 8 އިންސައްތައެވެ. އިސްލާމް ދީން އެންމެ ފުރަތަމައަށް ފިލިޕީންސަށް ތައާރަފު ވެފައި ވަނީ މީލާދީން 13 ވަނަ ގަރުނުގައެވެ. ނަޞާރާއިން ފިލިޕީންސަށް އައިސްފައި ވަނީ އޭގެ 200 އަހަރު ފަހުންނެވެ. ފިލިޕީންސް މި ނަމަކީ ވެސް ނަޞާރާއިން އެ ޖަޒީރާތަކަށް އައުމަށް ފަހު ދިން ނަމެކެވެ. އަދި އެމީހުން ދީން ފެތުރުމަށް ހިންގި ހަރަކާތްތަކުން ފިލިޕީންސަކީ ނަޞާރާއިންގެ އަޣުލަބިއްޔަތު އޮތް ގައުމަކަށް ވަނީ ހަދައިފައެވެ.