އިބޫ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ކުރައްވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ސަންފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ދިރިއުޅުއްވުން ރައީސުން ދިރިއުޅުއްވާ ގެ މުލިއާގެއަށް ބަދަލު ކުރެއްވުމަށް ނިންމަވައިފި އެވެ.

މުލިއާގެއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވި އެވެ.

ކޯލިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ އިބޫ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދިރިއުޅުއްވާނީ މުލިއާގޭގައި ކަމަށެވެ. އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވެރިކަމަށް ވަޑަައިގަތުމަށް ފަހު ހިލާލީގެއަށް ދިރިއުޅުން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މުލިއާގެ ބޭނުން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ބައްދަލުވުންތަކަށާއި ކެމްޕެއިން ހަރަކާތްތަކަށެވެ. ރައީސް ޔާމީން އެންމެ ފުރަތަމަ ދިރިއުޅުއްވީ އެމަނިކުފާނުގެ ގެކޮޅު ދޫވެހީގަ އެވެ. ފަހުން ހިލާލީގެއަށް ދިރިއުޅުން ވަނީ ބަދަލު ކުރައްވައިފަ އެވެ.

ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މައުމޫނު އަބްދުލްގައްޔޫމު ވެސް ކުޑަ ދުވަސްކޮޅެއްގައި މުލިއާގޭގައި ދިރިއުޅުއްވި އެވެ. ފަހުން ރައީސް މައުމޫނު ދިރިއުޅުއްވުން ބަދަލު ކުރެއްވީ މިހާރުގެ ސުޕްރީމް ކޯޓް ހުރި އިމާރާތް، ކުރީގެ ރިޔާސީ ގަނޑުވަރަށެވެ.

ރިޔާސީ ގަނޑުވަރު ސުޕްރީމް ކޯޓުގެ އިމާރާތަކަށް ހެއްދެވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

comment ކޮމެންޓް