ޝާހިދު 25 އަހަރަށް ފަހު މަޖިލީހުގެ ސިޔާސީ ހަޔާތް ނިންމަވާލައްވައިފި

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު ދެކުނު ދައިރާ މެމްބަރު އަބްދުﷲ ޝާހިދު މެމްބަރުކަމުން އިސްތިއުފާ ދެއްވައި، މަޖިލީހުގެ 25 އަހަރުގެ ސިޔާސީ ހަޔާތް މިއަދު ނިންމަވާލައްވައިފި އެވެ.

ޝާހިދު މިކަން އިއުލާން ކުރެއްވީ އެމަނިކުފާނު އަބުރުގެ ގާނޫނު ބާތިލް ކުރައްވަން ހުށަހެޅުއްވި ހުށަހެޅުއްވުން މިއަދު ފާސްވުމާއެކު މަޖިލީހުގެ ބޭރުގައި ހުންނަވައިގެން ނޫސް ވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުރިން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މިއަދަކީ އެމަނިކުފާނު މަޖިލީހަށް ވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށާއި ކުރިންވެސް ވިދާޅުވި ގޮތަށް ދެން ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު ހޭދަކުރުމަށްފަހު އަޅުގަނޑު ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިދުމަތް ކުުރުމަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިވަކިވެ ސަރުކާރާ ގުޅެން ގަސްތުކޮށްފައިވާތީ، މިއީ މަޖިލީހުގެ އެންމެ ފަހު ދުަވަސް،" 25 އަހަރަށް ފަހު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މަޖިލީހުގެ ސިޔާސީ ހަޔާތް ނިންމަވައިލެއްވި ކަމަށް އިއުލާން ކުރައްވައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިބޫގެ ސަރުކާރުން ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ވަޑައިގަންނަވާނީ ކޮން މަގާމަކަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް