ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން ސަރުކާރުން ދީފި އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ސަން އަށް ދެެއްވެވި އިންޓަވިއުއެއްގައި ވިދާޅުވީ ހުޅުމާލޭގައި ނެއިބަހުޑް 1ގައި އިމާރާތްކޮށްފައިވާ ސްކޫލުގެ ނަން ރައީސް އޮފީހުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ ސްކޫލަށް ޕްރިންސިޕަލް، ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރައްވާފައިވާ ކަމަށާއި އެބޭފުޅުން މިހާރު މަސައްކަތްކުރައްވަމުން ދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކަމަށެވެ.
ޖުމްލަ 53 ކުލާސްރޫމް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ސްކޫލުގައި އަންނަ އަހަރު އަލަށް ކިޔަވަދޭން ފަށާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"އާ ޓީޗަރުންނެއް ނޫން މި ސްކޫލުގައި މަސައްކަތްކުރާނީ. އެހެނިހެން ސްކޫލުތަކުގެ ޓީޗަރުން މި ސްކޫލުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައި. ސްކޫލު ހުޅުވެންވާއިރަށް ޓިޗަރުން ހަމަވާނެ،"
ޝަފީއު ވިދާޅުވީ އަންނަ އަހަރު އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖަށް ވެސް ކިޔަވަދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގްރޭޑް 1-9 އަދި 11 ވެސް ކިޔަވާދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
ހަތް ބުރި އަށް އިމާރާތްކުރި ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ. ޝަފީއު ވިދާޅުވީ ހުރަވީ ސްކޫލުގައި 53 ކުލާސްރޫމް ހިމެނޭއިރު އޭގެތެރެއިން ދެ ކުލާސްރޫމު ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކަމަށެވެ.
އެ ސްކޫލަށް މިހާރު ދަރިވަރުންނަށް ޖާގަ ދެމުން އަންނަކަމަށާއި މިހާރު ވެސް 700 އަށް ވުރެ ގިނަ ދަރިވަރުންނަށް އެ ސްކޫލުން ޖާގަދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނާ 132 މިލިއަން ރުފިޔާ އަށް ހަވާލުކޮށްގެން އިމާރާތްކުރި އެ ސްކޫލު ހަތް ބުރިއަށް އިމާރާތްކުރުމަށެވެ.
ސަރުކާރުން ހުޅުމާލޭގައި ދެ ސްކޫލެއް ހިންގަމުން އަންނައިރު އޭގެ ތެރެއިން އެއް ސްކޫލަކީ އިންޓަނޭޝަނަލް ފެންވަރަށް ހިންގާ ސްކޫލެކެވެ.
ހުރަވީގެ ނަން ނިސްބަތްވަނީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ (ދޮންބަންޑާރައިން) އަށެވެ.