އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު އިންތިހާބީ ރައީސް އިބޫގެ ކޯލިޝަނާ ގުޅެން ނިންމައިފި އެވެ.
މިހާރު ޕީޕީއެމްގައި ހުންނެވި އަހުމަދު ރަޝީދު މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރާ ކަހަލަ މައުލޫމާތުތަކެއް އުޅުނު ނަމަވެސް އެކަން އޭނާ ވަނީ ދޮގުކޮށްފަ އެވެ.
އަހުމަދު ރަޝީދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯލިޝާނުގެ ވަކި ޕާޓީއަކާ ގުޅެން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކޮށްދެވޭނީ ސަރުކާރު ހިންގާ ޕާޓީއަކާ ގުޅިގެން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ވެރިކަމަށް އެއްބާރުލުންތަކެއް ދީގެން ދާއިރާއަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުމަށް ކޯލިޝަނާ ގުޅެން އަޅުގަނޑު ވިސްނަން." އަހުމަދު ރަޝީދު ވިދާޅުވި އެވެ.
އަހުމަދު ރަޝީދުވަނީ މީގެކުރިންވެސް އިދިކޮޅުން މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމަށް ފަހު، އެ ސޮއި އަނބުރައި ގެންދަވައިފައެވެ.