ޕާސްޕޯޓުތަކުގެ ތެރެއިން އެންމެ "ބާރުގަދަ" ޕާސްޕޯޓަކީ ޖަޕާނު ޕާސްޕޯޓު

ޖަޕާނުގެ ޕާސްޕޯޓު --

ހެންލޭ އިންޑެކްސްގެ ފަރާތުން ހޮވާ އެންމެ "ބާރުގަދަ" ޕާސްޕޯޓުގެ މަގާމަށް މި އަހަރު ޖަޕާނުގެ ޕާސްޕޯޓު ހޮވިއްޖެއެވެ.

ރަށްވެހިކަމާއި ވަޒަންވެރިވުމުގެ ކަންކަމުގައި ލަފާ ދޭ ބައިނަލްއަގްވާމީ ފާމެއް ކަމުގައި ވާ ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން ކޮންމެ އަހަރަކު ހަތަރު ފަހަރު، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ޕާސްޕޯޓުތަކާ ބެހޭ ގޮތުން އާންމު ކުރާ ރިޕޯޓުގައި، މި ވަގުތު ދުނިޔޭގެ އެންމެ "ބާރުގަދަ" ޕާސްޕޯޓަކަށް ހޮވިފައި ވަނީ ޖަޕާނުގެ ޕާސްޕޯޓެވެ.

އެންމެ "ބާރުގަދަ" ޕާސްޕޯޓު ކަނޑައަޅަނީ އެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި ވަދެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ޖަޕާނުގެ ރައްޔިތުންނަށް ވިސާއަކާ ނުލައި ބަރުމާއަށް ވަދެވޭ ގޮތް ހަމަޖެހުމާ ގުޅިގެން ޖަޕާނުގެ ރައްޔިތުންނަށް ވިސާއަކާ ނުލައި މިހާރު 190 ގައުމަކަށް ދަތުރު ކުރެވޭނެއެވެ.

ދެވަނައިގައި އޮތް ސިންގަޕޫރުގެ ރައްޔިތުންނަށް ވިސާއާ ނުލައި ވަދެވެނީ 189 ގައުމަކަށެވެ.

ލިސްޓުގެ ތިންވަނައިގައި ތިން ގައުމެއް އެބަ އޮތެވެ. އެއީ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ދެކުނު ކޮރެއާއެވެ. މި ތިން ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި ވަދެވެނީ 188 ގައުމަށެވެ.

ހަތަރުވަނައިގައި އޮތީ ޑެންމާކާއި ފިންލޭންޑާއި އިޓަލީއާއި ސްވީޑަން އަދި ސްޕެއިންއެވެ. މި ފަސް ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި 187 ގައުމަކަށް ވަދެވެއެވެ.

ދުނިޔޭގައި ނުފޫޒުގަދަ އެމެރިކާއާއި އިނގިރޭސިވިލާތް އޮތީ ލިސްޓުގެ ފަސްވަނައިގައެވެ. ވިސާއާ ނުލައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވަދެވެނީ 186 ގައުމަށެވެ.

comment ކޮމެންޓް