ސިޓީތަކުންނާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދެނީ

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލަކުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށް ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

އެކަން އިއުލާނު ކޮށްފައި ވަނީ މިއަދު ލޯކަލް ގަވަނަންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ނޭޝަނަލް ރެޖިސްޓްރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އަދާމް ޝަރީފް އުމަރު ވިދާޅުވީ، މިކަމަށް ސިޓީ ތަކުުންނާއި އަތޮޅު ކައުންސިލް ތަކުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

މި ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވީ، މުވައްޒަފުން ނެގުމުގެ ކަންކަމާ ޕާސްޕޯޓް ސެޓްއަޕް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅަކުން ފަށާއިރު ވިސްނުމަކީ އިމިގްރޭޝަނުން ދެމުންގެންދާ އެހެން ޚިދުމަތްތައް، މިސާލަކަށް ވިސާގެ ޚިދުމަތް ވިޔަސް އެ ޚިދުމަތްތައް ވެސް އަތޮޅުތަކުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން،" ޝައްމާން ވިދާޅުވިއެވެ.

އޭނާ ވަނީ މިއީ ރަށްރަށުގައި ހުޅުވިގެންދާ ވަރަށް ބޮޑު ވަޒީފާގެ ފުރުސަތެއް ކަން ވެސް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭން ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ފައްޓަވާ ކަމެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރަކު ވެސް ޗުއްޓީތަކާ ދިމާކޮށް ގިނަ އަދަދެއްގެ ޕާސްޕޯޓު ހައްދަން ހުށަހެޅުމުގެ ސަބަބުން އިމިގްރޭޝަނަށް ބާރުބޮޑުވެއެވެ.

comment ކޮމެންޓް