ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ 2،000 ރުފިޔާއަށް ކުޑަކޮށްފި

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

ޕާސްޕޯޓު ގެއްލުމުން، އަލުން އާ ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް އެއްވަނަ އިސްލާހު ގެނެސް، މިއަދު ވަނީ ގެޒެޓުކޮށްފައެވެ.

ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އެގޮތުން، ދެވަނަ ފަހަރަށް ގެއްލިއްޖެ ނަމަ 10،000 ރުފިޔާއިން އަދި ތިންވަނަ ފަހަރަށް ގެއްލިއްޖެ ނަމަ 30،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އެކަމަކު، މިއަދު އަމަލު ކުރަން ފެށި އިސްލާހާ އެކު ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ، އެއްވެސް ޖޫރިމަނާއެއް ނުކުރާނެއެވެ. އަދި، އެއީ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނަމަވެސް، އެއީ އިހުމާލުން ވީކަމެއް ނޫންކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ހުށަހެޅުމުން ޖޫރިމަނާ ކުރާނީ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުންނެވެ.

މީގެ އިތުރުން، މިއަދު އާންމު ކުރެވުނު އިސްލާހާ އެކު، ޖޫރިމަނާ ނުދައްކައި އޮތް ނަމަވެސް ބައެއް ހާލަތްތަކުގައި ރާއްޖޭން ބޭރަށް ފުރޭނެއެވެ. އެގޮތުން، އިމަޖެންސީ ހާލަތްތަކުގައި އެ ޖޫރިމަނާ ނުދައްކައި އޮތަސް ފުރޭ ގޮތަށް ގަވާއިދު ވަނީ އިސްލާހު ކޮށްފައެވެ.

ޖޫރިމަނާ އަދަދު ކުޑަ ކުރުމުގެ އިތުރުން ވެސް އެ ގަވާއިދަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން، އެއް ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ހެއްދޭނެ ހާލަތްތައް ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޕާސްޕޯޓު ބެލެހެއްޓުމުގެ ޒިންމާ ވެސް ވަނީ ބެލެނިވެރިންނާ މަތިކޮށްފައެވެ.

comment ކޮމެންޓް