ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެނީ މިނިސްޓަރު ޑރ. މުޙައްމަދު އާސިމަށް ކަމަށާއި މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު މިފަދައިން ވިދާޅުވެފައިވާޢިރު ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ވެސް ވަނީ މިނިސްޓަރު އާސިމްގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.
މުންދު ވިދާޅުވެފައިވަނީ ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކުގެ އިސްވެރިންނާއެކު އެންމެ ގާތުން މަސައްކަތް ކުރައްވާ ވެރިޔާގެ ހައިސިއްޔަތުން އާސިމަށް ކުރެވޭ ތުހުމަތުތަކުން ދިފާއު ނުވެވޭނަމަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
މުންދުގެ ވާހަކައަށް ތާއީދު ކުރައްވައި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ މިނިސްޓަރު އިސްތިއުފާ ނުދެއްވާނަމަ މަސައްކަތަށް ނުކުމެވަޑައިތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ތުހުމަތު ތަކާއެކު މިނިސްޓަރުގެ އަމިއްލަ ސްޓޭޓްމަންޓެއް ނެރެންޖެހޭ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓްރީއިން މިދިޔަ ހަފްތާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ އިސް މުވައްޒަފެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ ސްޓޭޓުމެންޓުގައި އިސްވެރިޔެކޭ ބުނެފައިވާތީ މިނިސްޓްރީގެ ހުރިހާ އިސްވެރިންގެ މައްޗަށް ތުހުމަތު ރައްދުވާކަމަށް ބުނެ ދަނީ ފާޑު ކިޔަމުންނެވެ.
މި މައްސަލަ ފޮރިން މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ބަލަމުންދާއިރު ޖެންޑާ އިންވެސް އެ މައްސަލަ ބަލަމުންދާކަމަށް އެނގިފައިވެއެވެ.