ވޮޝިންޓަން (ނޮވެމްބަރު 10): އެމެރިކާއާއި ޗައިނާއާ ދެމެދު ވޮޝިންޓަންގައި ކުރިޔަށްދިޔަ ވާހަކަތައް އަމާޒުކުރީ ދެގައުމުގެ ދެމެދުގައި މިދުވަސްވަރު އެންމެ ބޮޑަށް ޚިލާފް އުފެދިފައިވާ މައްސަލަތަކަށްކަން އެމެރިކާ ހާމަކޮށްފިއެވެ.
ވޮޝިންޓަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއާއި ޗައިނާއާ ދެމެދު މިދުވަސްވަރު އެންމެ ބޮޑަށް ޚިލާފް އުފެދިފައިވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކާއި ޓައިވާނުގެ މައްސަލައާއި ވިޔަފާރީގެ ހަނގުރާމަ ކަމުގައެވެ.
ޗައިނާއާއި އެމެރިކާގެ މަތީފެންވަރުގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ދިފާއީ ވަޒީރު ޖިމް މަޓިސް އެވެ. ޗައިނާގެ ފަރާތުން އެގައުމުގެ ދިފާއީ ވަޒީރު ޖެނެރަލް ވީފަންގްޚާ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޚާރިޖީ ކަންތައްތަކާބެހޭ މަރުކަޒީ ކޮމިޓީގެ ވެރިޔާ ޔަންގް ޖިޗީ އެވެ. ޖިޗީ އަކީ ޗައިނާގެ އެންމެ މަތީ ކައުންސިލް ކަމަށްވާ ސްޓޭޓް ކައުންސިލްގެ މެންބަރެއްވެސް މެއެވެ. މިމައްސަލަތަކާބެހޭގޮތުން ކުރި މަޝްވަރާތަކުގައި ލިބުނު ކުރިއެރުމެއް އަދި ޙާސިލް ކުރެވުނު ކަމެއް ދެފަރާތުންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައިވާ ނުތަނަސްވަސްކަން ކުޑަކުރުމުގައި އެ ވާހަކަތައް ކާމިޔާބު ކަމަށް ދެގައުމުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ބަނޑުދަށުގައިވާ ކަނޑެކެވެ. ނަމަވެސް އެމެރިކާ ގެންދަނީ އޭޝިޔާގެ ހުރިހާ ސަރަހައްދުތަކުގައިވެސް ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ބުނެ ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ އަސްކަރީ މަސްލަހަތުތަކާ އެމެރިކާގެ އަސްކަރީ އުޅަނދުތައް ގާތްވުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދެކުނު ޗައިނާ ކަނޑުގައިވާ ފަޅެއް ހިއްކައިގެން ޗައިނާއިން ޖަޒީރާއެއް ހަދަމުންގެންދާތީ އެކަމަށްވެސް އެމެރިކާ ގެންދަނީ ފާޑުކިޔުމުގެ އިތުރުން އެތަނަށް ފާރަލައި ގޯނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ އެކަހެރި ކުދި ޖަޒީރާތަކައް ވެރިވެގަނެ އެތަންތަނުގައި އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައިވާ ގައެމެކެވެ. ނަމަވެސް ޗައިނާއިން އަސްކަރީ އުޅަނދުތައް ފޮނުވައިގެން އެތަންތަނަށް ގޮސް އެމެރިކާއަށް އުދަނގޫ ނުކުރާކަމަށް ޗައިނާ ބުނެއެވެ.
ޓައިވާން މައްސަލާގައި ޗައިނާ ކަންބޮޑުވަނީ އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށް ދޭތީއެވެ. މިއީ މިނިވަންކަން އިޢްލާން ކުރުމަށް ޓައިވާނަށް ލިބިދާނެ ހިއްވަރެއްކަމަށް ޗައިނާ ދެކެއެވެ. ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާއިން ވަކިވެގަނެގެން އުޅޭ ޗައިނާގެ ބައެކެވެ. ޓައިވާނުން މިނިވަންކަން އިއުލާންކޮށްފިނަމަ ބާރުގެ ބޭނުންކޮށްގެން އެސަރަހައްދު ހިފާނެކަމަށް ޗައިނާ އަބަދުވެސް ބުނެއެވެ.
ވިޔަފާރީގެ ހަނގުރާމައަކީ އެމެރިކާއިން ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް ޓެރިފް ގެ ފިޔަވަޅުތައް އަޅަންފެށުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާވެސް އެމެރިކާގެ އުފެއްދުންތަކާ ދެކޮޅަށް ޓެރިފް ބޮޑުކުރުމުން ދިމާވި މައްސަލައެކެވެ. މިކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުންމީދުކުރެއްވި އެއްވެސް ނަތީޖާއެއް ޙާސިލް ކުރެއްވިފައެއް ނުވެއެވެ. އެހެންކަމުން ޓްރަމްޕް މިހާރު ބޭނުންވަނީ ދޫތައް ދީގެންނަމަވެސް ޗައިނާއާއެކު ވިޔަފާރީގެ ޝާމިލް އެއްބަސްވުމަކަށް ދިޔުމަށެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ވޮޝިންޓަންގައި ކުރިޔަށްދިޔަ ވާހަކަތަކުގައި މިހުރިހާ މައްސަލަތަކަކާބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރި ނަމަވެސް އެ ވާހަކަތަކުން ހާސިލް ކުރެވުނު ނަތީޖާއާބެހޭގޮތުން ދެފަރާތުންވެސް ތަފްސީލް ދީފައެއް ނުވެއެވެ. ނަމަވެސް މިވާހަކަތަކަކީ މިމަހުގެ ފަހުކޮޅު އާޖެންޓީނާގައި ބާއްވާ ޖީ 20 ސަމިޓްގެ އަރިމަތީގައި ޗައިނާއާއި އެމެރިކާގެ ރައީސުންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޥާހަކަ ތަކެއްކަމުން އެމެރިކާއާއި ޗައިނާގެ މަސްއޫލުވެރިން ވިދާޅުވިއެވެ. (ރޮއިޓާސް)