ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅޭ ޕޯސްޓަރު ކުރެހުމުގެ މުބާރާތް (އެސްޑީޖީސް)އިން އެއްވަނަ ޏ. އަތޮޅު ތައުލީމީީ މަރުކަޒުގެ ދަރިވަރު އައިޝަތު ޝާބާ ހޯދައިިފިއެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ވަނީ ދީފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޯސްޓާ މުބާރާތުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓްއާއި އިނާމް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އަދި އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫޢެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާއެވެ.
ޕޯސްޓާ ކުރެހުމުގެ މުޅި މުބާރާތުން ދެވަނަ ހޯދައިފައިވަނީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު މަރިޔަމް ޝައިހާ ރަޝީދެވެ. އަދި ތިންވަނަ ހޯދައިފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އައިމިނަތު އައިޝް ހުސެއިންއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި އެ މުބާރާތުގައި 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރު ހުށަހަޅާފައި ވެއެވެ. އެ މުބާރާތުގައި ހަތަރު ކެޓަގަރީއަކުން ދަރިވަރުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ގްރޭޑް އެކަކުން ތިނެކާއި ގްރޭޑް ހަތަރަކުން ހަޔަކާއި ގްރޭޑް ހަތަކުން ނުވައެއް އަދި ގްރޭޑް 10 އަކުން 12 ހިމެނެއެެވެ.
އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުން
- ގްރޭޑް އެކަކުން ތިނެއް: އައިމިނަތު އަފްޝީން އާރިފް/ ސ. މަރަދޫ ސްކޫލް
- ގްރޭޑް ހަތަރަކުން ހައެއް: ފާތިމަތު ޖައިޝާ އާސިމް/ ޖަމާލުއްދީން ސްކޫލް
- ގްރޭޑް ހަތަކުން ނުވައެއްް: މަރިޔަމް ޝައިހާ ރަޝީދު/ އަމީނިއްޔާ ސްކޫލް
- ގްރޭޑް 10 އަކުން 12: އައިޝަތު ޝާބާ/ ޏ. އަތޮޅު ތައުލީމީ މަރުކަޒު
ރޭގެ ރަސްމިއްޔާތުގައި ކުރިއަށް އޮތް ފަސް އަހަރަށް އެސްޑީޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީސް އެންޑް އެކްޝަން ޕްލޭންވެސް ވަނީ ލޯންޗްކޮށްފައެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑުތަކާ ގުޅޭގޮތުން އާންމުންނާއި، ސިޔާސަތުތައް އެކަށައެޅޭނެ ފަރާތްތަކާއި، މީޑިއާ އަދި ޕްރައިވެޓް ސެކްޓަރާއި ޖަމިއްޔާ ޖަމާއަތްތައް އަދި ތަރައްގީގެ އެހެެނިހެން ބައިވެރިން ހޭލުންތެރިކުރުމާއި، 2030 އަންނަންވާއިރަށް އެ ލަނޑުދަނޑުތައް ހާސިލްކުރުމަށް ކަމާއިގުޅޭ ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެ ލަނޑުދަނޑިތައް ހާސިލްކުރެވެމުންދާ މިންވަރު މިން ކުރުމަށް އެހީތެރިވުމަށް އެކުލަވާލައިފައިވާ އެކްޝަން ޕްލޭންއެކެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ.ގެ މަންދޫބޫ ޝޯކާ ނޯޑާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހަމައެކަނި މަަސައްކަތް ކުރަން ޖެހޭނީ ސަރުކާރުން ނޫން ކަމަށާއި އަދި ފަރުދީ ގޮތުން އަޅުގަނޑުމެެން އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.