"އަދަބުކުޑަ" ކަމަށް ބުނެ ސީއެންއެންގެ ނޫސްވެރިއަކަށް ޓްރަމްޕް ރައްދު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާ ސުވާލު ކުރަނީ -- ފޮޓޯ: ބީބީސީ

ވޮޝިންޓަން (ނޮވްމެބަރު 8): އެމެރިކާގެ ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ސުވާލު ކުރި ސީއެންއެންގެ ނޫސްވެރިޔަކު "އަދަބުކުޑަ" ކަމަށް ސިފަކޮށް، ޓްރަމްޕް ނުރުހުން ފާޅު ކުރައްވައިފި އެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސުގައި ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާ ވަނީ، ހިޖުރަވެރިންނާ ބެހޭ ގޮތުން ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން އެމެރިކާއަށް ހިޖްރަކުރުމަށް ޓަކައި މެކްސިކޯ ހުރަސްކޮށް ރެފިއުޖީން އަންނަނީ އެ ގައުމަށް "އަރައިގަތުމަށް" ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އަކޯސްޓާ ބުންޏެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވަނީ، ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތުގައި އެއީ އެމެރިކާއަށް އަރައިގަންނަ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމު ހިންގުމުގެ ޒިންމާ ރައީސަށް ދޫކޮށްލުމަށާއި އަކޯސްޓާ ސީއެންއެން ހިންގުމައިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ ފަހުން ރައީސް ޓްރަމްޕް ވަނީ އަކޯސްޓާގެ ސުވާލުތަކަށް ޖަވާބު ދިނުން ނިމުނީ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ވައިޓް ހައުސްގެ މުވައްޒަފަކު ވަނީ އަކޯސްޓާގެ މައިކު އަތުލަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އަކޯސްޓާ ވަނީ މައިކް ދިނުމަށް ދެކޮޅު ހަދައި އިތުރު ސުވާލެއް ކޮށްފަ އެވެ. އޭގެ ސަބަބުން ޓްރަމްޕް ވަނީ އަކޯސްޓާ އަކީ "އަދަބުކުޑަ" ނޫސްވެރިއެއް ކަމަށާއި، ސީއެންއެންއިން ލަދު ގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"[އަކޯސްޓާ] މަސައްކަތް ކުރަނީ ސީއެންއެންއަށް ކަމުން، ސީއެންއެންއިން ލަދުގަންނަން ޖެހޭ. [އަކޯސްޓާ]އަކީ އަދަބުކުޑަ، ގޯސް މީހެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް އަކޯސްޓާ ވަނީ ޓްރަމްޕާ ސުވާލު ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭރު އޭނާގެ މައިކް ވަނީ އަތުލައިފަ އެވެ.

އެހާދިސާއާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރުން ވަނީ އަކޯސްޓާއަށް ވައިޓް ހައުސްއަށް ވަނުމަށް ދީފައިވާ ހުއްދަ ސަސްޕެންޑުކޮށްފަ އެވެ. ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި އެ ހުއްދަ ސަސްޕެންޑު ކުރީ، ވައިޓް ހަައުސްގެ މުވައްޒަފެއްގެ ގަޔަށް އަކޯސްޓާ އަތް ލުމުންނެވެ.

ނަމަވެސް އަކޯސްޓާ ވަނީ އެތުހުމަތު ދޮގުކޮށްފަ އެވެ.

comment ކޮމެންޓް