ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު، އެ އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ޓްވިޓާގައި އެނޮނިމަސް އެކައުންޓަކުން ތިލަކުރި މި މައްސަލާގައި ބުނާ ގޮތުން، ފޮރިން މިނިސްޓްރީގެ މި ވެރިޔާ ވަނީ އެ އޮފީހުގައި މަސައްކަތް ކުރާ ތިން އަންހެން މުވައްޒަފަކަށް އެކި ފަހަރު މަތިން ޖިންސީ ފުރައްސާރަކޮށްފަ އެވެ.
މި ކަމުގެ ޝަކުވާ، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ އެ މިނިސްޓްރީގެ ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ. އަދި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން، ތިން މުވައްޒަފުންނަށް ދިނެވެ.
އެހެން ނަމަވެސް އެދެވޭ ގޮތެއްގައި އެ ކޮމިޓީން މައްސަލަ ނުބަލާ ކަމަށާއި، އޭގެ ބަދަލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވީ މުވައްޒަފުން "ބަދުނާމުކުރީ"ކަމަށްވެ އެވެ.
The sexual harrassment committee of the Ministry was also aware of the incident. But one of its members blamed the victim nd said "Emeehegge iffaitherikan rakkaatheri kuraany emeehekey" . This is the status of som women who hold high positions in government
— Alice (@Alice66207032) November 1, 2018
އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޚާރިޖީ ވުޒާރާގެ އިސް ވެރިއެއްގެ މައްޗަށް ކޮށްފައިވާ މި ތުހުމަތުތައް ހިމެނޭ ޓްވީޓުތަކަށް، އެ ވުޒާރާގެ އިސް މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ގިނަ ސްޓާފުން ވަނީ ލައިކްއާއި ރީޓް ވީޓު ވެސް ޖަހައި ހަދައިފަ އެވެ.
ފޮރިން މިނިސްޓްރީގައި މީގެ ކުރިން މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވަނީ މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެ މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
There are reports in social media alleging that a senior person in the Foreign Service has sexually harassed junior female staff. I am extremely concerned & disturbed by these allegations. Such abuse of power in any institution needs to be immediately investigated! 1/2
— Dunya Maumoon (@dunyamaumoon) November 8, 2018
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާރިޖީ ދާއިރާގެ އިސް ބޭފުޅަކު، އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ކަންބޮޑުވާ ކަމަށާއި މަގާމުގެ ބާރުގެ ބޭނުން ކޮށްގެން މިފަދަ އަމަލުތައް ހިންގާ މައްސަލަތައް ވަގުތުން ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
"މި ތުހުމަތުތައް ވަގުތުން ތަހުގީގުކުރަން ޖެހޭ. މިފަދަ ސީރިއަސް މައްސަލަތައް ސަގާފަތްތައް އޮއްބާލުމުގެ ސަގާފަތް މުޖުތަމައުން ދޫކޮށްލަން އެބަ ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.
ޚާރިޖިއްޔާގައި އެކިއެކި އިސް މަގާމުތައް މީގެ ކުރިން ފުރުއްވި އާއިޝަތު ލިއުޝާ ޒާހިރު ވެސް ކުރެއްވި ޓްވީޓެއްގައި ވަނީ، ފޮރިން މިނިސްޓްރީގެ ވެރިއެއްގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކަކީ ތެދެއްކަން ހާމަކުރައްވައިފަ އެވެ.
All within the diplomatic corp was aware but a handful stood up for the victims. Higher authorities shut it down n victims named n shamed. Pple who stood up also named and shamed as holding ulterior motive.
— Liu Zahir (@LiuZahir) November 7, 2018
"ޑިޕްލޮމެޓިކް ކޯގެ އެންމެންނަށް މިކަން އެނގޭ. އެކަމަކު ވިކްޓިމްސްގެ ދިފާއުގައި ތިބީ ވަރަށް މަދު ބަޔަކު. އިސް ވެރިން މި މައްސަލަ އޮއްބާލައި، ގޯނާގެ ޝިކާރައަށްވީ މީހުންނާއި އެމީހުންގެ ދިފާއުގައި ތެދުވި މީހުން ވެސް ބަދުނާމުކުރީ،" ލިއުޝާ ޓްވިޓާގައި ވިދާޅުވި އެވެ.