"ތަފާތު ލޯތްބެއް"އަށް ފަހު އައިޝާގެ "ފަސްޓް ލޭޑީ"!

ސަންގެ ވާޙަކަ ލިޔުންތެރިޔާ އައިޝާ ނަސީމްގެ ކުރިއަށް އޮތް ވާހަކަ "ފަސްޓް ލޭޑީ"--

" ތަފާތު ލޯތްބެއް" މިއީ ސަންގެ ކިޔުންތެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ވާހަކައެކެވެ. ސަންގެ ޒުވާން ވާހަކަ ލިޔުންތެރިޔާ އައިޝާ ނަސީމްގެ މި އަސަރުގަދަ "ތަފާތު ލޯތްބެއް" ދައްކުވައިދިން ރީތި ވާހަކަ މިވަނީ ނިމިފައެވެ. އެހެންކަމުން މިހާރު ކިޔުންތެރީން އިންތިޒާރުކުރާނީ އައިޝާގެ ހަމަ އެފަދަ ވާހަކައަކަށް ކަން ޔަގީނެވެ.

ތަފާތު ލޯތްބެއް މި ވާހަކައާ ގުޅޭގޮތުން، އައިޝާ އެންމެ ފަހުން ބުނެލީ، " މި ވާހަކަ ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރަން. ހުރިހާ ކިޔުންތެރިން ވާހަކައަށް ދެއްވި ތަރުހީބަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ކަމަށެވެ.

މިއާއެކު ދެން އޮތީ އަނެއްކާވެސް ކިޔުންތެރީންނަށް ހަމަ އުފާވެރި ޚަބަރެކެވެ. ކުރިއެކޭވެސް އެއްގޮތަށް އައިޝާގެ ރީތި ވާހަކައެއް ގެންނާނޭ ކަމުގެ އުފާވެރި ޚަބަރެވެ. މިފަހަރު "ތަފާތު ލޯތްބެއް" ނޫނަސް ހަމަ ވަރަށް ތަފާތު ލޯބީގެ ވާހަކައެކެވެ. އެއީ އައިޝާގެ "ފަސްޓް ލޭޑީ"އެވެ.

"އިރާދަކުރެއްވިއްޔާ ދެން ގެނެސްދޭނީ 'ފަސްޓް ލޭޑީ'. އެހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކައަށްވެސް ތިޔަ ބޭފުޅުންގެ ފުރިހަމަ ތަރުހީބު ލިބިގެންދާނެކަމަށް އުއްމީދުކުރަން،" އައިޝާ ބުންޏެވެ.

"ފަސްޓް ލޭޑީއަކީ"ވެސް ހަމަ އައިޝާގެ އަމިއްލަ ޚިޔާލަށް ލިޔެފައިވާ ވާހަކައެކެވެ.

"އެއްވެސް ސިޔާސީ ބޭފުޅެއްގެ ހަޔާތަށް ނިސްބަތްކޮށް ލިޔާ ވާހަކައެއް ނޫން. އެއްވެސް ކަހަލަ އެއްގޮތް ހާދިސާއެއް ހުރިނަމަ އެއީ އިއްތިފާގެއް. ފަސްޓްލޭޑީގައި ހިމަނާލާފައިވަނީ ރާއްޖޭގެ ޒުވާން ރައީސްއަކާއި ފަސްޓްލޭޑީއެއްގެ ދިރިއުޅުންމ" އައިޝާ ކިޔައިދިނެވެ.

ދެން މިހާހިސާބުން އައިޝާގެ މި ރީތި ދެ ވާހަކައިގެ ކުރު ޚުލާސާއެއް ލިޔެލާނަމެވެ.

***********

ތަފާތު ލޯތްބެއް

"ގުދުރަތުން ދެއްވާފައިވާ ފުރިހަމަ ސިފައިގެ އިތުރުން މުދަލާއި ފައިސާގެ ރޮނގުން ކައިޒާންއަށް މަދު އެއްޗެއް ނެތެވެ. މީގެ އިތުރުން އުމުރުން ފަންސަވީސް އަހަރުގައި ކޮމްޕެނީއެއްގެ ސީއީއޯގެ މަޤާމު އޮތީ އޭނައަށް ލިބުމުގެ މަގުމަތީގަ އެވެ. އެތައް ހާސް ބައެއްގެ ތެރެއިން އެކަކަށް ނޫނީ ކުރިމަތި ނުވާ ހާއްސަ ޞިއްހީ މައްސަލައެއް ކަމަށްވާ "މަލްޓިޕްލް ޕާސަނަލަޓީ ޑިސްއޯޑާ"ގެ ސަބަބުން ތަކުރާރުކޮށް ދިރިއުޅުމުގެ ބައެއް ވަގުތުތައް ވީނުވީއެއް ނޭނގި ގެއްލުނު ނަމަވެސް ކައިޒާން އުޅެމުން ދިޔައީ ފުދިގެންނެވެ. ހަޔާތުގެ ބޮޑު ސިއްރު ބޭރުވެގެން ނުދާނެހެން ވަށައިގެން އުސްފާރުތައް ރާނައިގެން ކައިޒާން ބިނާކޮށްފައިވާ އަމިއްލަ ދުނިޔެ ފުނޑުފުނޑުވެގެން ފައިބަނީ އޭނައަށް ބައްޕަކިޔާ ކުޑަ އަންހެންކުއްޖަކު ދުނިޔޭގައި ހުރިކަން ފުރަތަމަ ފަހަރަށް އެނގިގެންނެވެ. އެކަނިމާއެކަނި ކުޑަ އަންހެންކުއްޖަކު ބެލުމަށް ނުކުޅެދިގެން ނެނީއެއްގެ ގޮތުގައި ކެމީލާ، އެދެބަފައިންގެ ހަޔާތަށް ގެންނަން މަޖުބޫރުވެއެވެ. އެހިސާބުން ދެން އުފެދޭ ސުވާލަކީ އޭނަ އެހެން އެންމެންނަށް ފޮރުވާފައިވާ ސިއްރު އިތުރަށް ފޮރުވިދާނެ ހެއްޔެވެ؟ އަދި އެއީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ވާހަކައިގައި ކިޔައިދޭނީ އެއް ހަށިގަނޑެއްގެ ތެރޭގައި އެތައް މީހަކު އުޅެމުންދާ ކައިޒާންދެކެ ކެމީލާއަށް ލޯބިވެވުމުން ދެން އޭނައަށް ކުރިމަތިލާން ޖެހޭ ދަތިތަކެވެ. އަދި އެދަތިތަކުން އަރައިގަނެ އެކަކު އަނެކަކާއި އެކުގައިވުމަށްޓަކައި ކައިޒާން އާއި ކެމީލާއަށް ކުރަން ޖެހުނު ހަނގުރާމައެވެ."

https://sun.mv/111071

***********

ފަސްޓް ލޭޑީ

"އަންހެންކުދިންގެ ހިތްތައް ކަތިލައިލާފަދަ ޖާދުވީ ރީތިކަމެއް ލިބިފައިވުމުގެ އިތުރުން ބޮޑާކަމެއް ހުންނަ ނާއިބު ރައީސް މިސްޓަރ އަމްރާން އަބުދުލްއަޒީޒުއަށް ހަޔާތީއާއި ކައިވެނިކުރަން ޖެހުނީ ދިމާވި މަޖުބޫރީ ހާލަތެއްގެ ސަބަބުންނެވެ. ސިއްރުން ފުރިފައިވާ އަމްރާން ދެނެގަތުމަކީ ހަޔާތީއަށް ބޮޑު ގޮންޖެހުމަކަށްވިއެވެ. އަމްރާން އޭނަގެ މަންމަދެކެ އެހާ ނަފްރަތު ކުރަނީ ކީއްވެހެއްޔެވެ؟ އަމްރާން އެހެން މީހުންނަށް އިތުބާރުނުކުރާ ސަބަބަކީ ކޮބާހެއްޔެވެ؟ އެހެން މީހުންނާއި ދުރުން އުޅެނީ ކީއްވެހެއްޔެވެ؟ ކެތްތެރިކަމާއި އެހެންމީހުންނަށް އެހީތެރިވުމުގެ ނަމޫނާއަކަށްވާ އަދި ދީނަށް ލޯބިކުރާ ހަޔާތީއަށް އަމްރާންގެ ހިތާއި ހަމަޔަށް ފޯރާނެހެއްޔެވެ؟ އަލަށް ރައީސްކަމަށް އައްޔަން ވުމުން ބޮޑު މަސްއޫލިއްޔަތެއް ކޮނޑުގައި އެޅުމުގެ އިތުރުން އޭނައާއި ދިމާއިދިކޮޅު ބައިވެރިޔަކާއިއެކު ދިރިއުޅެވޭނެހެއްޔެވެ؟"

***********

އައިޝާ ޔަގީންކޮށްދެނީ، "ތަފާތު ލޯތްބެއް" މި ވާހަކައެކޭ އެއްފަދައިން "ފަސްޓް ލޭޑީ"އަކީ ވެސް ކިޔުންތެރީން ކިޔާލާ ހިތުން އެއަށް އިންތިޒާރު ކުރާވަރުގެ ރީތި ވާހަކައަކަށް ވާނޭ ކަމެވެ. އިރާދަކުރެއްވިއްޔާ މާކަ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް