ތަފާތު ލޯތްބެއް (ފަހުބައި)

"ޔެސް. އައި ވިލް ޑޫ ދިސް....އޯކޭ؟ " ކައިޒާން ހުރީ ހަމަޖެހިލައިގެންނެވެ. "ކޫލް"ކޮށެވެ. އޭނަ އިތުރު ވާހަކައެއް އަހާކަށް ބޭނުމެއްނޫނެވެ. އޭނައަށް ވިސްނެމުން ދިޔައީ މަރަކީ ހަމައެކަނި ހައްލުކަމުގައެވެ. ހިތަށް ފިނިކަމެއް ލިބޭނީ އަބަދަށްޓަކާ ނިދާލެވުނީމަކަމެވެ. ދީނުގައި އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ރަހުމަތުން މާޔޫސްވެ އަމިއްލަ ފުރާނަ އެހާ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަކީ ފިނޑިކަމެކެވެ. މިދުނިޔެއާއި ވަކިވެ ދިޔަނަމަވެސް އަދި އަރާމުގައި ނިދާލެވުނީ ނޫންކަން ގަބޫލުކުރަން ޖެހޭނެއެވެ. ނަމަވެސް އެވަގުތު ކައިޒާންގެ ސިކުނޑީގައިވަނީ ޝައިތާނީ ބާރެވެ. ހެޔޮ ވިސްނުމެއް ނައީ އެހެންވެއެވެ. ކައިޒާން ހަމަޖެހިލައިގެން ހުރެ ގާގަނޑުމަތިން ފުންމާލައިފިއެވެ. ކެމީލާގެ ހަޅޭކުގެ އަޑު ކަންފަތުގައި ހަރުލިއެވެ. ކައިޒާންގެ ފައި ބިންމަތިން ކެނޑިގެން ދިޔަވަގުތު ބާރުގަދަ އަތަކުން އޭނަގެ އުނަގަނޑުގައި ހިފާފައި ފަހަތަށް ދަމައިގަތެވެ. ވީއްލުވާލަން މަސައްކަތްކުރިކަމުގައި ވިޔަސް ދެމީހުން އެއްކޮށް ގޮސް ޖެހުނީ ބިންމަތީގައެވެ. މާކަސް ފޮޅުވާލާފައި ތެދުވެ ހިންދެމިލައިފިއެވެ.

"ފ.......ޔޫ." ކުއްލިއަކަށް އޭނަ ބަދަލުވީ މުޅިން އެހެން މީހަކަށެވެ. ކުރިމަތީގައި މިހާރު ހުރީ ކައިޒާން އަދި ލުއީއެއްވެސް ނޫނެވެ. ކަޅިއަޅައިގެން ހުރި ގޮތާއި ބަހުރުވައިން އެއީ ކޮން ޑެވިލްއެއްކަން މާކަސް ދެނެގަތެވެ. ޖޯން ވިއްޔާ އެތައް ފިރިހެނުންގެ ބާރު ދެއްވާފައިވާނެއެވެ. މާކަސްވެސް ޖެހިލުންވާފަދަ ގޮތަކަށް ކަޅި އަޅައިގެން ހުރެ އޭނަ ގާތަށް އަންނާންފެށިއެވެ. ޝަޚުސް ބަދަލުވާއިރު އެ ބާރު ލިބި މިޒާޖާއި އެއްގޮތަށް މޫނަށް އެ ގެންނަ ބަދަލުން ހައިރާންވާހާވެއެވެ. ޖިންނި އަކު ގައިތެރެއަށް ވަދެގެން އުޅުމެކޭ ތަފާތެއްނެތެވެ.

"އެ ފިނޑި ކަލޭގެ ސުއިސައިޑްކުރަން އުޅެނިކޮށް ކަލޭ ސަލާމަތް ކުރަން ޖެހޭތަ؟ " ޖޯން ހަޅޭއްލަވައިގަތެވެ.

"ކާމް ޑައުން ޖޯން....." މާކަސް ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ.

"ކަލޭ ކިތަންމެ ވަރަށް ސިކިއުރިޓީ ދިނަސް ކައިޒާން މަރުވާނެ. މިއީ އަދި ފުރަތަމަ ފަހަރެއް ނޫން. ކިތަންމެ ކައިރިން ބެލިޔަސް އަދި އަހަރެން ކައިޒާން މަރާލާނަން. އަމިއްލައަށް މަރުވާނީ....." ޖޯން އިންޒާރެއް ދީފައި މާކަސް ކޮށްޕާލައިފިއެވެ. ކިތަންމެ ހުޝިޔާރުވެގެން ހުއްޓަސް އެހެރަ ބާރަކާއިހެދި އޭނައަށް ހިފަހައްޓައެއް ނުލެވުނެވެ. ވިއްސައިގެންގޮސް ޖެހުނީ ސްނޯގަނޑުގެ މަތީގައެވެ. މާކަސް ބޯ ހޫރައިލިއެވެ. ނާޔަލް ފަރުވާދޭން ފެށިފަހުން ކައިޒާން މުޅިންހެން ރަގަޅުވެފައި އަނެއްކާވެސް ހާލު ގޯސްވާންފެށީއެވެ. ހާދަ ދެރައެވެ. ނަފްސާނީ އެހެން ޑޮކްޓަރަކަށް އެހާ ފަސޭހައިން ކައިޒާން ހިތް ހުޅުވައިލާނެކަމެއް ނޭގެއެވެ. ނަމަވެސް ކައިޒާންގެ ބޭބެއާއި އާއިލާއަށް އޭނަގެ ބަލި ބޮޑުވާކަން އެނގެން ޖެހޭނެއެވެ. ބޭސްކުރުވަން ޖެހޭނެއެވެ. ކައިޒާން ގަވާއިދުން ބޭސް ނުކަންޏާ އެ މަލްޓިޕްލް ޕާސަނެލިޓީގެ ކަންތައް އަތް ނުފޯރާފަށަށް ގޮސްދާނެއެވެ. ހަގީގަތުގައި މާކަސް މި ވަޒީފާދެކެ ކުރިއަށްވުރެ ލޯބިވަނީ ކައިޒާންގެ ތަފާތުކަމުންނެވެ. ޖޯންފަދަ ޝަޚުސްތަށް ވުޖޫދަށް އައުމުން އެ އަންނަ އެޑްރިނޭލިން ރަޝްއަކާއިހެދިވެސް ކިތަންމެހާވެސް ޝައުގުވެރިއެވެ.

މާކަސް ގުޅާފައި އަހުމަދު މައިކަލްއާއި ނަތާޝާ އަދި ކައިޒާންގެ ބޭބެ ޒެވިއެލް އަށް ކައިޒާންގެ ހާލަތު ތަފުސީލުކޮށް ކިޔާދިނެވެ. ޒެވިއެލް އަދި އާއްމުކޮށް ކިޔާ ނަމުން ނަމަ ޒޭވިއާއަކީ އޮންކޮލޮޖިސްޓެކެވެ. ޅައުމުރުގައި މަޝްހޫރުކަން ހޯދާފައިވެއެވެ. އޭނައަކީ އެ ޑިޕާޓްމެންޓްގެ އިސްވެރިޔާއެވެ. ކޮއްކޮ އަމިއްލައަށް މަރުވާން އުޅުނުކަން އެނގުމުން ޒޭވިއާއަށް ލިބުނު ހިތްދަތިކަން އިތުރުވިއެވެ. ކުޑައިރު ދިމާވި ހާދިސާއަކުން އަދިވެސް އަރާނުގަނެވިގެން އުޅޭއިރު މަރުވެފައިވާ ކޮއްކޮ ލޫކްގެ ހަނދާންތައް ޒޭވިއާގެ ހިތަށް ކަށިތަކެއްފަދައިން ހެރެއެވެ. މޫދުދެކެ ޒޭވިއާ ރުޅިއަންނަނީ ކޮއްކޮގެ ގާތިލަށް ވީމައެވެ. އަދި ކޮއްކޮ ކައިޒާންގެ ނަފްސާނީބަލީގެ އަސްލުވެސް ގުޅިފައިވަނީ ކަނޑާއި ކަމަށްވާތީއެވެ. ރާއްޖެދެކެ އެންމެ ފޫހިވާ ސަބަބަކީ ބަލައިލާ ކޮންމެ ދިމާލަކުން މޫދު ފެންނާތީއެވެ. ލޫކްގެ ގާތިލުކަމުގައި ދެކެވޭތީއެވެ. މާކަސް ގުޅާފައި ދެއްކި ވާހަކަތަކުން ކަންބޮޑުވެގެން އެންމެ ކުރިން ގުޅީ ގާތްއެކުވެރިޔާ ކައިލަންއަށެވެ. ކައިލަންއަކީ ސައިކޭޓްރިސްޓެކެވެ. ކޮއްކޮއަށް ރަގަޅު ފަރުވާއެއްދެވޭނީ އޭނައަށް ކަމުގައި ޒޭވިއާ ގަބޫލުކުރިއެވެ. އެތައް ޒަމާނެއްވާންދެން ހިތުގައި ފޮރުވައިގެން އުޅުނު ހާދިސާތައް ކައިލަންއަށް ކިޔާދީފައި އޭނަ އެދުނީ ކައިޒާންއަށް އެހީވުމަށެވެ. ނޫނީ ކައިޒާންވެސް އަބަދަށްޓަކާ ގެއްލިގެން ހިނގައިދާނެއެވެ.

ކައިލަންއާއި ޒޭވިއާ ގެއަށް ވަންއިރު ކައިޒާން އިނީ ޓީވީ ހުޅުވާލައިގެން ބަލާށެވެ. ޒޭވިއާމެން ފެނުމާއިއެކު ކުރިމަތީގައި ހުރި ގޮނޑީގައި ފައިން ޖަހާ ބުރުވައިލިގޮތަށް ތެދުވުނުއިރު މޫނަށް ފަން އިސްތަށިގަނޑު ފައިބައިގެންފިއެވެ. އޭގެ މަތީގައި ހުރި ފިނިކުރި ޖޫސްތަށިވެސް ބަންޑުންވެ ކުދި ކޯރެއް ހެދިއްޖެއެވެ. އެ ތޫނު ދެލޮލުގައި އެހެރީ އިންސާނީ ބާރެއްބާވައޭ ހިތަށް އަރާވަރުވިއެވެ. ފެންނަ މީހަކު ގައިން ހީބިހި ނަގައިގެންދާނެއެވެ.

"ކައި......"

"އައިމް ޖޯން.. އެނގިއްޖެތަ؟ ތި ނަމުން ނުގޮވާށޭ ނުބުނަންތަ؟ " ޖޯން ހަޅޭއްލަވައިގަތީވެސް ނުރައްކާތެރި ގޮތަކަށެވެ. ކައިލަންއަށް ވަގުތުން ވެގެން އުޅޭގޮތް އެނގުނެވެ. މަލްޓިޕްލް ޕާސެނެލިޓީ ޑިސްއޯޑާގެ ސީރިޔަސް ކޭސްއެކެވެ. ކައިޒާން ވާންވީ ދެން ކޮން ޖޯންއަކަށް ހެއްޔެވެ؟ ކައިޒާންގެ ޓްވިންއެއް ހުރީ އެއް ނޫނެވެ.

"ފައިން. ވީ ކެން ބީ ފްރެންޑްސް ޓޫ ޖޯން. ހަމައެކަނި ޒޭވިއާގެ ފްރެންޑަކަށް ނޫން ދޯ ވާން ޖެހޭނީ.." ކައިލަން ސަލާމަށް އަތް ދިއްކޮށްލިއެވެ. ކައިލަން އަޒުމް ކަނޑައެޅީ ކައިޒާންއަށް ޖެހިފައި މިވާ ނުރައްކާތެރި ނަފްސާނީ ބަލިން ސަލާމަތްކޮށްދިނުމެވެ. ކައިޒާންގެ ސިކުނޑިތެރޭ އުޅޭހާ ޖޯންފަދަ ޚިޔާލީ ފުރޭތަތައް ނެރެލާ ކައިޒާން އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގައި އުޅުމުގެ ފުރުސަތު ހޯދަދިނުމެވެ. އެހެން ހުރިހާ ކޭސްއަކަށްވުރެ މި ކޭސް މުހިއްމު ކަމެއްގެ ގޮތުގައި ނަގަން ކައިލަން ނިންމިއެވެ.

ކައިޒާން ޓީވީ ހުޅުވާލައިގެން ޗެނެލްތައް ބަދަލުކުރަން އިނީ ފޫހިވެފައެވެ. ކިތަންމެ ވަރަށް ކެމީލާގެ ޚިޔާލް އެއްފަރާތްކޮށްލަން އުޅުނަސް އެކަމެއްނުވިއެވެ. ހިތުގައިވަނީ ހަމައެކަނި އެހަދާންތަކެވެ. މީހަކު ބެލްޖެހުމުން ކަންނެތްވެފައި އިނދެވެސް ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ނޯޔާ ހުރިތަން ފެނިފަ އެތެރެއަށް ވަންނަން ދައުވަތު ދޭހިތެއް ނުވިއެވެ. އެކަމަކު ނޯޔާ އަތުގެ ތެރެއިން ދެމިގަތެވެ. ޕީޗްކުލައިގެ ބުރުގާއެއް އަޅާފައި ހުރިއިރު ނިކަން ހިތްގައިމެވެ. ތެދަށް ބުނަންޏާ ކެމީލާއަށްވުރެވެސް ނޯޔާގެ ސިފަތައް މާ ރީއްޗެވެ. ނަމަވެސް ލޯތްބަކީ އެހެން ކަހަލަ އެއްޗެކެވެ. ހަމައެކަނި ސިފައަށް ބަލާފައި ވެވޭ އެއްޗެއްވެސް ނޫނެވެ.

"ވަޓް އާ ޔޫ ޑުއިން ހިއާ.." ކައިޒާން ނުރުހިފައި އަހާލިއެވެ.

"ގޯޑް އައި މިސްޑް ޔޫ..." ނޯޔާއަށް ބުނެވުނެވެ.

"ނޯޔާ ކުރީގެ އުޅުން ދޫކޮށްލަން ވެއްޖެއެއްނު. ބުރުގާ އެޅީމަ ތިގޮތަށް ހިލޭ ފިރިހެނެއްގެ ކައިރިއަށް އައުމަކީ ރީތިކަމެއް ނޫން. އަހަރެން މިހެން ބުނަން ދެރަވެސްވޭ އެކަމަކު ނޯޔާއަށް އުއްމީދުތަކެއް ދީގެން ހުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. އަހަންނަށް ނޯޔާދެކެ އިޝްގީ ނަޒަރަކުން ލޯތްބެއް ނުވެވޭ. އެހެންނޫނަސް އަހަރެންގެ އަމިއްލަ ނަފުސްގެ މައްޗަށް އަހަންނަށް އިތުބާރެއްނުކުރެވޭ. އަހަންނާއިއެކު އުޅޭކަށް އެއްވެސް އަންހެންކުއްޖަކަށް ފަސޭހައެއް ނުވާނެ. ޔޫ ޝުޑް ފައިންޑް ސަމްވަން ހޫ ވިލް ލަވް ޔޫ. ހޫ ކެން ޓޭކް ކެއާ އޮފް ޔޫ. އަހަރެން ކަހަލަ މީހަކާއި ނޯޔާ އެކަށީގެނެއްނުވޭ. ޔޫ އާ ބިއުޓިފުލް ސްވީޓް އެންޑް ބަބްލީ. ޔޫ ޑިޒާވް އަ ބެޓާ ޕާސަން. ސީރިޔަސްކޮށް މިބުނީ. އަހަރެން ދުވަހަކު މީހަކާއި އިންނާކަށް ގަސްތެއްނުކުރަން. ސިންގަލްކޮށް ހުންނާނީ........" ކައިޒާންގެ ވާހަކަތައް އިވިފާ ނޯޔާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނަމަވެސް ކައިޒާންގެ ސީރިޔަސްކަމާއި ސާބިތުކަމުން އޭނަ އެބުނި ބަހުގައި ހިފަހައްޓާނެކަން އެނގުނެވެ. ނޯޔާގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. އެއްފަރާތުން ވެވޭ ލޯތްބަކަށް ދިރިއުޅުމެއް ބިނާކުރަން ފަސޭހައެއްނުވާނެއެވެ. އިތުރަށް ހިތް ހަލާކުވުން ނޫންކަމެއް ނުވާނެއެވެ. ނޯޔާ ހިނިތުންވެލާފައި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.

"ކެން ވީ ސްޓިލް ބީ ފްރެންޑްސް؟ " ނޯޔާ ހިތުގައިވާ ރިހުން ފޮރުވައިލަމުން ހިނިތުންވެލިއެވެ.

"ކަޒިންސް....ތިމާގެކަމުގެ ގުޅުން އަބަދަށް އޮންނާނެ..އެގުޅުން ކަނޑައެއްނުލެވޭނެ......" ކައިޒާން އަތްތިލަ ޖަހައިލީ ޖީބަށެވެ. ސަލާމްކުރަންވެސް އޭނަ ދެކޮޅުހެދީއެވެ. ނޯޔާ އެގެއިން ނިކުމެގެން އައީ ހަލާކުވެފައިވާ ހިތަކާއިއެކުގައެވެ. އެކަމަކު އެކަމާއި އެހާ ބޮޑަށް ހިތާމަކުރަންވާނެހެއްޔެވެ؟ ދުނިޔެ ދައްކާ ކުލަވަރު ބަލާށެވެ. އެނަ އެންމެ ލޯބިވާ ދޮންބެވެސް ދުނިޔެއާއި ވަކިވެގެން ދަނީއެވެ. ވީއިރު ކުޑަ ދުވަސްކޮޅަކަށް ދުނިޔެއަށް އައިސްފައިވާ މެހުމާނުންނަށް ވީހިދު އޭނަ ބޭނުމީ ދޮންބެ ބުނިފަދައިން ރަގަޅު ދީނީ ކުއްޖަކަށް ވުމެވެ. އޭރުން ނަމާދާއި ގުރުއާނުން ހިތްހަމަޖެހުން ހޯދޭނެއެވެ.

ނާޔަލް ކޮށިއަރާގޮތްވާތީ ސިރިންޖުން ކާން ނުދެވިގެން ހޮޅިގުޅާ ހިސާބަށް ދިޔުމުން ނަތާލީގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނާޔަލްގެ ހާލު ގޯސްވަނީ އެލްޑީއެން ފަދަ ފާޑުފާޑުބޭސް ދޭތީ ކަމުގައި އޭނަ ހީކުރިއެވެ. ރަގަޅުވަމުން އައިސް ކުއްލިއަކަށް ހާލު ބޮޑުވާންވީ ކީއްވެބާވައޭ ސުވާލުކޮށް މައްސަލައަކަށް ހަދާ އަރައިރުންވިއެވެ. ޑޮކްޓަރު ނަތާލީއަށް ވިސްނާދިނުމުން ހިތުގައި ޖެހުނުލެއް ބޮޑުކަމުން ރޯންފެށިގޮތަށް ހުއްޓައެއް ނުލިއެވެ. އޭނަގެ ދަރިފުޅު އެހާ ބޮޑަށް ބަލިވާންވީ ކިއްވެހެއްޔެވެ؟ ނުލާހިކު ރީތިކޮށް އޮވެފާ ކުއްލިއަކަށް ދިރުވަން އުދަގޫވާނީ އެމީހުންނަށް ރަގަޅަށް ފަރުވާ ނުދެވޭތީއެވެ. ގިނަވަގުތި ނިދާފައި އޮންނަނީވެސް ދޭ ބޭހުގެ ބާރުގަދަކަމުންނެވެ. ދެރަވެގެންގޮސް ނަތާލީ ހަދާނެގޮތް ހުސްވެގެން އެންމެފަހުން މުސައްލަމަތީ އެތައް އިރެއްވާންދެން ދުޢާކުރަން އިނެވެ.

"އިފް އެނީ ތިން ހެޕެންސް ކޯލް އަސް އިނގޭ...." ޑޮކްޓަރ ޒެވިއެލްއާއި ރިވާއު ކޮޓަރިން ނިކުންނަމުން ކެމީލާ ގާތު ބުނެލިއެވެ. ނާޔަލްގެ އަތުގައި ހިފަހައްޓާލައިގެން ނާޔަލްގެ މޫނަށް ބަލަހައްޓައިގެން ކެމީލާ އިނެވެ. ދެލޮލުގައި ކަރުނަ ނެތަސް މޮޅިވެރިކަމުގެ ތަސްވީރެކެވެ. ހިތާމައިން ފުރިފައިވާ ދެލޮލެވެ. މިހާރު ނާޔަލްއަށްޓަކާ ހެޔޮ ދުޢާކުރުން ނޫންގޮތެއް ނެތެވެ. ނާޔަލްއަށް ލިބެމުންދާ ދަތިތަކާއި އުދަގޫތައް ލުއިކޮށްދެއްވުން އެދިވެސް ދުޢާކުރެވުނެވެ. ނާޔަލް ފެންނަ ހިސާބުގައި ހިތްވަރުކޮށްލައިގެން ހުއްޓަސް އެކަނިވާވަގުތު އޭނަ ރުއިވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ނާޔަލް ބަލިވިކަން އެނގުނީއްސުރެ ކޮންމެ ރެއަކުހެން ނިދެނީ ރޮއިފައެވެ. އެންމެން ނުކުތުމުން ކެމީލާ ނާޔަލްގެ އަތް ގެނެސް މޫނުގައި ޖެއްސިއެވެ. ހާދަ ފިންޏެވެ. ގަނޑުފެންކޮޅެއްފަދައެވެ.

ކެމީލާ ސިއްސުވައިލީ ކުއްލިއަކަށް ނާޔަލް ވަރުދެރަގޮތަކަށް ލޯ ހުޅުވާލާފައި ކޮޓަރީގެ ކަނަކާއި ދިމާލަށް ބަލަންފެށީމައެވެ. ފަނޑު ހިނިތުންވުމެއް ދިނެވެ. އެތަނުން ކެމީލާއަށް ނުފެންނަ ބަޔަކު ފެނިގެން އެމީހުންނަށް ބަލާފަދައިންނެވެ.

"އެތަނުން ކާކު ފެންނަނީ؟ " ކެމީލާ ކަންބޮޑުވިއެވެ.

"އިއްބާން އާއި ރާހަލް. އަންނާށޭ ބުނީ.." ނާޔަލް އުދަގުލުން ވާހަކަދެއްކިއެވެ. ކެމީލާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. އެއީ އެ އާއިލާއިން މަރުވެފައިވާ ދެ ޒުވާން ފިރިހެންކުދިންގެ ނަމެވެ. އޭނައަށް ނުފެނި ނާޔަލްއަށް އެމީހުން ފެންނާންވީ ސަބަބެއްނެތެވެ. ނާޔަލް އެކަހަލަ ވާހަކަދައްކަނީ ކީއްކުރަން ހެއްޔެވެ؟ އެގޮތަށް ވާހަކަދެއްކުމުން އޭނަ ދެރަވާވަރު އެނގޭނަމައެވެ. ކެމީލާގެ ލޮލުން ވެއްޓުނު ކަރުނަތިކިތައް ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ. ނާޔަލްއަށް އެކަން އިހުސާސްވީ ކަން ނޭގެއެވެ. އެ ނަޒަރު އޭނައަށް ހުއްޓުނެވެ.

"ދެރަނުވައްޗޭ..." ނާޔަލް މަޑުމަޑުން އަތް އުފުލާލާފައި ކެމީލާގެ ކޯތާފަތް ފޮހެލަދިނެވެ. މަންމަ ބުނާހެން މިރޭ ނާޔަލް ފެންނަލެއް ވަކިން ތާޒާވެފައި މޫނު އައްޔެވެ. މަޑުމަޑުން ބޯ ހިއްލާލާފައި އެނދުގެ ލެގޭބަޔަށް ލެނގިގެން އިށީނެވެ. ކެމީލާވެސް ކައިރިއަށް އަރާ އިށީނެވެ.

"އެނގޭތަ؟ އަހަރެން ހިތް ދިނީ އަނބުރާ އަތުލާގޮތަކަށް ނޫން. ކެމް ދުނިޔެއާއި ވަކިވަންދެން މި ހިތް ކެމްއާއިއެކު ވާނެ................ " ނާޔަލްގެ ޖުމްލައިގާ ހާސް އަސަރާއި މާނަ ވިއެވެ. ނާޔަލް އެދުނީ އަބަދަށްޓަކާ ހިނިތުންވެލައިގެން ހުރުމަށެވެ. "ވެން ޔޫ ސްމައިލް އަހަރެންގެ މުޅި ދުނިޔެ ބްރައިޓްވޭ. އެހާ ރީތި ރީތި ސްމައިލްއެއް. ޕްރޮމިސްމީ ދެރަނުވާން. ހިތްވަރުކުރާން. އެންމެ ދީންވެރި ކުއްޖަކީ ތިއީ. ބިކޯޒް އޮފް ޔޫ އައި ޗޭންޖްޑް އައިމް ކްލޯޒާ ޓު މައި ކްރިއެޓާ. އިޓް މީންސް ދަ ވޯލްޑް ޓު މީ. މިހާރު އަހަރެންގެ ދަތުރު ނިމުމަކަށް އައިސްފި. ބޭނުމެއްނޫން އަހަރެންގެ ލޯބިވާ މީހުން ދޫކޮށްލާފައި ދުރަށް ދާން އެކަމަކުވެސް އެންމެ ލޯބިވާ ފަރާތާއި މީޓްކުރުންވެސް ވަނީ އުފަލަކަށް. ކެމް އަހަރެންގެ ފުރާނައާ. އަހަރެންދެކެ ލޯބިވަންޏާ މި ދެލޮލުން ކަރުނަ ނުހޮރުވާތި. ހަމައެކަނި އުފާވެރިކަމުގެ ކަރުނަ. އަބަދުވެސް އެންމެ ކައިރީ ހުންނާނަން. އަބަދުވެސް މިހަށިގަނޑުގެ އެއްބައި ކަމުގައި ވާނަން..................."

"ދުވަހަކު ދުރަށް ނުދައްޗޭ..." ޖަޒުބާތުގެ އޮއިވަރުގާ ޖެހިގެން ކެމީލާއަށް ނާޔަލްއާއި ކައިރިވެވުނެވެ. ނާޔަލް ބަލިކަންވެސް ހަދާން ނެތުނެވެ. ނާޔަލްއަށްވެސް މިހުރިހާ ދުވަހު ނުލިބުނު ބާރެއް ލބުނުފަދައެވެ. ލޯބީގެ ބާރުގަދައީއެވެ. ނާޔަލް ކެމީލާގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ. އެތައް ފަހަރު ލޯބިވާ ވާހަކަ ބުނެލިއެވެ. އެތައް ވާހަކައެއް ދެއްކުމުގެ ހިތްވަރުވެސް ލިބުނެވެ. މިއީ ވަދާއުގެ ސަލާމްކަން ނާޔަލްއަށް ރޭކާ ލީ މާ ބޮޑަށް ވަރުބަލިވެ ހަކަތަ ހުސްވާންފެށުމުންނެވެ. މޫނު ދަލުން ފެންވެރުނެވެ. ނާޔަލް އެދުނީ ހޫނުފެނުން ފެންވަރުވާލަދިނުމަށެވެ. އޭރުން ތަންކޮޅެއް ވަރުޖެހިދާނެކަމުގައި ބުނެލިއެވެ. ނަމަވެސް ފާޚާނާއަށް ގެންދާނީ ކިހިނެއްހެއްޔެވެ؟ ހަށިގަނޑުގެ އެއްފަޅި ހަރަކާތްކުރަނީއެއް ނޫނެވެ. އަދި މިރޭ ވަރުދެރަކަމުން އެންމެފަހުން ލޯ ހުޅުވައިލާނެ ވަރެއްނެތެވެ. ރަގަޅުވަނީހެން ހީވެފައި މިވާން އުޅެނީ ކިހިނެއްހެއްޔެވެ. ކެމީލާ ހޫނުފެނުން ސްޕޮންޖްކޮށް ދިނެވެ. ތުންފަތުގައި ލިޕްބާމްލާފައި އިސްތަށިގަނޑުގައި ފުނާ އަޅުވާދިނެވެ. އެހުރިހާ ކަމެއްކޮށްދިންއިރު ކެމީލާގެ ހިތަށް ވެފައިވާވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. ހިތުގައިވާ ރިހުން ކިތަންމެހާވެސް ގަދައެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައިވާ ނާޔަލްގެ އެކި ޖުމްލަތައް ތަކުރާރުކޮށް ހަދާންކޮށްދެނީ ނުރުއިމަށެވެ. ކެތްކުރުމަށެވެ. ނާޔަލް އަބަދުވެސް އޭނައާއިއެކު ވާނެއެވެ. އެ ހަނދާންތައް އޭނައާއިއެކު ވާނެއެވެ. ނާޔަލް ނެތް ދުނިޔެއެއްގައި އޭނައަކަށްވެސް ނޫޅެވޭނެއެވެ.

"މަންމާ. ނާޔަލް. ހީޒް ސިކް........." ކެމީލާ ނަތާލީއަށް ގުޅިއެވެ. ފަސްމިނިޓްވެސް ނުވަނީސް ނަތާލީ އައީ ނިދަން ލައިގެން ހުރި ގައުނާއެކުގައެވެ. މޭކަޕް ކޮށްފައި ނެތަސް ނަތާލީގެ ރީތިކަން ފާޅުވާން ހުއްޓެވެ. މިނޫނީ މޭކަޕަކާއި ނުލައި ކެމީލާ އޭނަގެ މައިދައިތަ ދެކުނު ހަދާނެއްނުވެއެވެ. ނާޔަލް ދެލޯ މަރާލައިގެން އޮތްއިރު ނިދާފައިކަމުގައި ނަތާލީއަށް ހީކުރެވުނެވެ. ރީތިކޮށް ނިދާފައެވެ. ދުވާ މީރުވަހުން ސިކުނޑި ތާޒާވިއެވެ. ނާޔަލް އަބަދު ބޭނުންކުރާ އަގުބޮޑު ސެންޓުގެ ހިތްގައިމު ވަސް ކޮޓަރީގައި ހިފާލާފައިވިއެވެ. ނާޔަލްގެ އަތުގައި އަތްލިއިރު ގަނޑުފެންކޮޅެއްފަދައެވެ. ނަތާލީއަށްވެސް އެހެންގޮތެއް ހީކުރެވުނެވެ.

"މަންމަގެ ނާޔަލް...." ނަތާލީއަށް ރޮވެންފެށުނެވެ.

"ޑޯންޓް ކްރައި މަމް...." ނާޔަލް ދެލޯ ހުޅުވާލާފައި މަންމަގެ ކޯތާފަތް ފޮހެދިނެވެ. ނަތާލީ ރޯ ކޮންމެފަހަރަކު ތަކުރާރުކޮށް ނާޔަލްވަނީ މަންމަ ގާތު ނުރުއިމަށް އެދިފައެވެ. ނަމަވެސް ނަތާލީއަށް ނުރޮއި ހުރެވޭހެއްޔެވެ؟ ނާޔަލްގެ ހާލުދަށަށް ދާތަން މިފެންނަނީ ލޮލުގެ ކުރިމަތީގައެވެ. ވާހަކަދައްކަމުންގޮސް ނާޔަލްގެ ދެލޯ މެރި ޚަބަރު ހުސްވުމުން ކެމީލާ އަވަހަށް ޑޮކްޓަރުންނަށް ގުޅިއެވެ. ނާޔަލް ހޭނެތިފައި އޮތުމުން ވަގުތުން ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށިއެވެ. އެއް ދުވަސްވާންދެން ނާޔަލް އެގޮތަށް ޚަބަރުހުސްވެފައި އޮތެވެ. ކެމީލާ ބޭނުންވީ އެންމެފަހު ވަގުތުވެސް ނާޔާލްގެ އަތުގައި ހިފައިގެން އިނުމަށެވެ. ބޭސްކާކަށްވެސް ހަދާނެއްނެތެވެ. ފަރުވާކުޑަކޮށްލެވުނިއެވެ. ހިތް އެކިގޮތްގޮތަށް ތެޅޭގޮތުން ހުއްޓިދާނެހެން ހީވިއެވެ. ހިތަށް އުދަގޫވާ ހާލު ބެލުނީ ނާޔަލް ގުޅާފައިވާ މެޝިނަށެވެ. އެލާޓް އަޅާވަރުން ހިތަށް ވަންނަ ބިރުވެރިކަން އެހެން މީހަކަށް ނޭގޭނެއެވެ. އެންމެފަހުން ކެމީލާ ޚަބަރު ހުސްވެގެން ވެއްޓުނީއެވެ.

ކެމީލާ އެޑްމިޓްކުރީ އައިސީޔޫގައި ޖެހިގެން ހުރި އެނދުގައެވެ. ކެމީލާ ބޭނުންވީ އޭނައަށް ފެންނަ ހިސާބުގައި ނާޔަލް އޮތުމަށެވެ. އެންމެ ފަހު ވަގުތުވެސް ނާޔަލްގެ މޫނު ފެންނާން އެދުނެވެ.

މެޝިންތަކާއި ގުޅާފައި އޮތްއިރު ކެމިލާއަށް އޭނަގެ ހާލު ރަގަޅުނޫންކަން އިހުސާސްކުރެވެއެވެ. އޭނަގެ ހިތްވެސް ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ވަރުބަލިކަމުގެ އިންތިހާއެވެ. ދެމީހުން އެއްކޮށް މަރުވެގެން ދަނީ ބާވައޭވެސް ހިތަށް އެރިއެވެ. ނާޔަލްގެ އާއިލާ މީހުންނާއި އެކުވެރިންތައް ފަހަރަކު މީހަކު ވަންނަމުން ދިޔަ މަންޒަރު ބަލަން އޮތްއިރު ކެމީލާގެ ލޮލުން ކަރުނަ ފާއްދާލައެވެ. ހަގީގަތުގައި ޑޮކްޓަރުން އުއްމިދުކަނޑާލީހެއްޔެވެ؟ ދޭނެ އިތުރު ފަރުވާއެއް ނެތީ ހެއްޔެވެ؟ ނާޔަލް އަބަދަށްޓަކާ ލޯ މަރައިލީހެއްޔެވެ؟

"ޑޮކްޓަރ. ކެން އައި ހޯލްޑް ހިޒް ހޭންޑް...ޕްލީޒް ލެޓް މީ.....ޖަސްޓް ވަން ލާސްޓް ޓައިމް.." ކެމީލާ އާދޭހާއިއެކު ޑޮކްޓަރ ދާނިޔަލް ކައިރީ އެދުނެވެ. ދާނިޔަލް އެންމެފަހުން ކެމީލާ އޮތް އެނދު ގެންގޮސް ނާޔަލްގެ އެނދާއި ކައިރިކޮށްލަދިނެވެ. އިންސާނާގެ ހިއްސުތަކުގެ ތެރެއިން އެންމެފަހުން ދާނީ އިވުމުގެ ހިއްސެވެ. އަނގައިން ނުބުނެވި ފެނުން ދިޔަސް ލޯބިވާ ވާހަކަ އެންމެފަހު ވަގުތުވެސް ބުނަންވާނެއެވެ. ވާހަކަދައްކަންވާނެއެވެ. ކިޔާ އެއްޗެއް ލޯބިވާ ފަރާތަށް އަޑުއިވޭނެއެވެ. ކެމީލާއާއި ނާޔަލްގެ އަތް ގުޅުވައިލަދިނީ ނަތާލީއެވެ. ހިފެހެއްޓުމެއްނެތި ނަތާލީގެ ލޮލުން ކަރުނަ އޮހެމުންދިޔައެވެ. ޒުވާން ފިރިހެންދަރިފުޅު އެންމެ ފަހުގެ ނޭވާތައް ގުނަމުންދާއިރު ކެމިލާވެސް އެހާ ބައްޔެވެ.

"އައި ވޯންޓް ކްރައި ނާޔަލް އައި ވިލް ބީ ސްޓްރޯންގް. ވަރަށް ލޯބިވޭ......" ކެމީލާ މަޑުމަޑުން ބުނެލިއެވެ.

ނާޔަލްގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ބާލީހަށް ފޭދިގެން ދިޔައެވެ. އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް ނާޔަލްއަށް އަނގައަކުން ނުބުނެވުނެވެ. ކެމީލާގެ ހިތް ކުދިކުދިވިހެން ހީވިއެވެ. ނާޔަލްގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާފައި ނާޔަލްއަށް ގޮވަންފެށިއެވެ. އަލުން ލޯ ހުޅުވަން ތަކުރާރުކޮށް އެދުނެވެ. ނާޔަލް ޖަވާބެއް ނުދިނުމުން ޑޮކްޓަރަށް ގޮވާލިއެވެ. އަހުމަދު މައިކަލްވެސް އެންމެފަހު ވަގުތު ނާޔަލްގެ ނިތްކުރީގައި ބޮސްދިންއިރު ދެލޯ ފެންކަޅިވިއެވެ. ކޮއްކޮ ދުނިޔެއަށް ދޫކޮށްފައި ދިޔަ ނިޝާނަކީ ހަމައެކަނި ނާޔަލްއެވެ. ހަޔާތުގެ އެންމެ ފަހު ހުޅުކޮޅު ނިވިގެން އެދަނީއެވެ.

"ޕްލީޒް ޑޫ ސަމްތިން. ޕްލީޒް ޕްލީޒް.." ނަތާލީ ޑޮކްޓަރ ޒެވިއެލްގެ އަތުގައި ހިފާ ދަމަންފެށިއެވެ. " ހީޒް ޑައިން. ޕްލީޒް ޑޯންޓް ލެޓް ހިމް ޑައި........"

"ޑޯންޓް ލެޓް........" ނަތާލީއަށް ރޮވި ވާހަކަ ނުދެއްކޭވަރުވިއެވެ. ނާޔަލްގެ އޮކްސިޖަން ދަށަށް ދާންފެށިއެވެ. އޮކްސިޖަން ތިރީހަށް ވެއްޓުމުން އެންމެނަށްވެސް ނާޔަލްގެ ހާލު ސީރިޔަސްވިކަން އެނގުނެވެ. ނަމަވެސް ނޭވާގެ މަޑުކަމާއިއެކު އުދަގޫކަމެއް ނާޔަލްގެ ފަރާތަކުން ނުފެނުނެވެ. މަޑުމަޑުންގޮސް ރީތިކޮށް ނިދާލަނީފަދައެވެ. ނޭވާލުން މަޑުވެ ލަސްވާންފެށިއެވެ. މެޝިނުގައިވާ ހިތުގެ ހަރަކާތްތައް ދައްކުވައިދޭ ރޮގު ސީދާވިތަން ފެނިފާ ނަތާލީއާއި އާއިލާ މީހުންގެ ރުއިމުގެ އަޑުގަދަވިއެވެ. ނާޔަލްގެ މޭމަތީގައި ތަތްކޮށްފައިވާ ބައިތައް ނައްޓަންފެށުމުން ނަތާލީ މަންމަގެ ދަރިފުޅާއޭ ކިޔާފައި ނާޔަލްގެ ގައި މައްޗަށް ވެއްޓިގަނެގްނ ހިތްފަޅައިގެން ދާހާ ބާރަށް ރޮއެގަތް އަޑު މުޅި ހޮސްޕިޓަލުގައި ގުގުމައިލިއެވެ. ނަތާލީގެ އެ އަސަރުން ފުރުފައިވާ ހަރަކާތްތައް ދެކުނު ހުރިހާލޯތައް ފެންކަޅިކޮށްލައިފިއެވެ.

އަހުމަދު މައިކަލްއާއި އާއިލާ އެހެން މިހަކު ވެގެން ނަތާލީ ނާޔަލްއާއި ގަދަކަމުން ވަކިކޮށްލިއެވެ.

އެހުރިހާ މަންޒަރެއް ދެކެން އޮތް ކެމީލާއަށް ރޯންވީކަމެއް ނޭގުނެވެ. ޝޮކެއްގައި އޮތް ކުއްޖެއް ފަދައިން އެސްފިޔަ ޖަހައިލަންވެސް ނޭގިފައި ނާޔަލްގެ މޫނަށް ބަލަން އޮވެވުނީއެވެ. ކެމިލާއަށް ނާޔަލްގެ މޫނު ފުސްވާންފެށިއެވެ. ހުރިހާތަނެއް އަނދިރިވާންފެށިއެވެ. ހޭއެރިއިރު އޮވެވުނީ އައިސީޔޫގައެވެ. އެތައް މެޝިންތަކަށް ގުޅާފައެވެ. ވަށައިގެން ހޯދާ ބަލައިލުމުން ފެންނަނީ މާސްކް އަޅާފައި ތިބި މީހުންނެވެ. މަޑުމަޑުންގޮސް ހުރިހާ ކަމެއް ހަނދާންވާގޮތްވިއެވެ. އޭނަގެ ނާޔަލް މިދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. އެތައް ބޭހެއްގެ ސަބަބުން ސިކުނޑި ރަގަޅަށް މަސައްކަތްނުކުރާތީ އެހާ ބޮޑަށް ހިތަށް ދަތިކަމެއް ނުލިބުނެވެ. ބަޑުހައިކަމުގެ އިހުސާސްކުރެވެންފެށިއެވެ.

ޑޮކްޓަރ ދާނިޔާލްއާއި ޒަހުރާން އަދި ޒެފަން ކައިރިއަށް ޖެހިލިއެވެ.

"ޔޫ ހޭޑް އެ ހާޓް ޓްރާންސްޕްލާންޓް....."

"ވަޓް؟ "

"ޔަޕް......"

"ޑިޑް ދޭ......ނާޔަލް..." ކެމީލާ ހިންދިރުވައިލިއެވެ.

"ރިލެކްސް ކެމް. ހީޒް ވިތް ގޯޑް. ކެމްއަށް އެކަން އެނގެއެއްނު. ނާޔަލް ބުނި ދޯ ސްޓްރޯންގްވާށޭ. ނާޔަލްއަށްޓަކާ. އެނޑް ހީ ޑިޑް ސަމްތިން ބްރޭވް. އެކަން އެނގެން ބޭނުންތަ؟ ލޯބިވާ އަންހެންކުއްޖަކަށްޓަކާ ވަރަށް އަގުހުރި ހަދިޔާއެއް ދީފައި ނާޔަލް އެދިޔައީ. "

"ނާޔަލްގެ ހިތް ޓްރާންސްޕްލާންޓްކުރަން ދީފައި. އެންމެ ލޯބިވާ ފަރާތުގެ ހިތަށް ފަރުވާތެރިވެ ބަލައިގެން ކެމް އުޅޭނެކަން އަހަރެމެންނަށް ޔަގީން. އެނގޭތަ؟ ނާޔަލް އެންމެފަހު ވަސިއްޔަތަކަށްވީ އޭނަގެ ހިތް ކެމްއަށް ދިނުން. އޭނަގެ ހިތް ކެމްއަށް ޓްރާންސްޕްލާންޓްކޮށް ދިނުން. ކެމް އޭނައަށްޓަކާ އުފަލުގައި ހުރެދިނުން. ކެމް ސިއްހަތު ރަގަޅު އަންހެންކުއްޖެއްގެ ގޮތުގައި ދުނިޔޭގައި ހުރުމަކީ ކެމް ދެކެ އެންމެ ލޯބިވި ޒުވާނާގެ އެންމެ ބޮޑު އެދުން. އަންހެންކުއްޖެއްދެކެ އެހާ ލޯބިވާ މީހަކު ހުރިކަމީ އެކުއްޖެއްގެ ނަސީބު. ކެމްއަށްޓަކާ ނާޔަލްގެ ހިތް ދިންކަމީ އަބަދަށްޓަކާ ކެމްއާއިއެކު ނާޔަލް ވާނެކަމުގެ ހެއްކެއް. އެލޯބި ނާޔަލް ސާބިތުކޮށްދީފި. ނާޔަލްއަށްޓަކާވެސް އުފަލުގައި ހުނަންނަން ވާނެ އިނގޭ..."

ކެމީލާއަށް މަޑުމަޑުން މޭގައި އަތް ޖައްސައިލެވުނެވެ. ހަގީގަތުގައިވެސް އޭނަގެ މޭގެ ތެރޭ ވިންދު މިޖަހާ ހިތަކީ އޭނަގެ ލޯބިވާ ނާޔަލްގެ ހިތް ހެއްޔެވެ؟ ނާޔަލްގެ ފަރާތުން މިދިނީ ކޮންފަދަ އަގުހުރި ހަދިޔާއެއް ހެއްޔެވެ؟ ކޮންފަދަ ލޯބި ކޮންފަދަ ފުރިހަމަ ހަދިޔާއެއްހެއްޔެވެ؟ ހިތުގެ ބަލިމީހަކަށްޓަކާ މިއަށް ވުރެ ރަގަޅު ހަދިޔާއެއް ނުވާނެއެވެ. ނާޔަލް ދުނިޔެ ދޫކޮށްފައި އެދިޔައީ އަބަދަށްޓަކާ އޭނަގެ ހިތް ކެމީލާއަށް ދީފައެވެ. ކެމީލާއަށް ދެލޯ މަރައިލެވުނެވެ. ކަރުނަތިއްކެއް ވެއްޓިގެން ދިޔުމުން އަވަހަށް ފޮހެލާފައި ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

"ތެންކިއު ބޭބީ....އަބަދަށްޓަކާ އަހަންނާއިއެކުވީ ކަމަށްޓަކާ...." ކެމީލާއަށް ހިތާހިތުން ބުނެވުނެވެ.

މިފަދަ ސަޕްރައިޒެއް ހަދިޔާއެއް ދެވޭނީ މަދު މީހަކަށެވެ. ނަސީބުވެރިއަކަށެވެ. އެންމެ ލޯބިވާ ފަރާތުގެ ހިތް އެމީހެއްގެ ހަށިގަނޑުގައިވާއިރު ހަމަ ނާޔަލް ބުނިހެން އަބަދަށްޓަކާ ނާޔަލް އޭނައާއިއެކު ވާހެން ހީވިއެވެ. ކިތަންމެ ވަރަކަށް ނޯމަލް ވާން އުޅުނަސް ޖަޒުބާތީ ނުވާން އުޅުނަސް ކުރެވެމުން ދިޔައީ ތަފާތު އިހުސާސްތަކެވެ. އެ އިހުސާސްތަކުގައި ގެނބެމުން ދިޔަވަރަކަށް ނާޔަލްގެ ހިތަށް ގެއްލުމެއްވެދާނެތީ އުފާވާންވެސް ބޭނުންވިއެވެ. މުޅިންވެސް ވިސްނެނީ އެކަމާމެދުގައެވެ. އަބަދުހެން ހިތަށް އަރަނީ ނާޔަލްގެ ޖުމްލަތަކެވެ. އެތައްފަހަރު މޭގައި އަތް ފިރުމާލަން އަތް ނެގެއެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ނާޔަލް ވަކިވެގެން ދިޔައިރުވެސް އޭނައާއެކު ނާޔަލްގެ ބަޔެއް ވުމުގެ ނަސީބު ދެއްވިކަމަށްޓަކައެވެ. ނަމަވެސް ލޯ ކަރުނުން ފުރުނެވެ. ނުރޯން ހިތްވަރުކުރިއިރުވެސް ރޮވުނެވެ.

'ބީ ސްޓްރޯންގް... އޭރުން ފާސްޓްކޮށް ރިކަވާ ވާނީ..." ޑޮކްޓަރ އޯގާތެރިކޮށް ބުނެލިއެވެ.

"އައި ވޯންޓް......."ކެމީލާ ކަރުނަތައް ފޮހެލަމުން ހިނިތުންވެލިއެވެ.

ގްލިއޯބްލާސްޓޯމާއިން ހަށިގަނޑުގެ އެހެން ތަންތަނަށް ކެންސަރު ނުފެތުރޭތީ ގުނަވަން ހަދިޔާކުރުން މައްސަލައަކަށް ނުވީއެވެ. ނާޔަލް ވަސިއްޔަތްކޮށްފައިވާގޮތަށް އޭނަ ދުނިޔެއަށް އެންމެ ފަހު ނޭވާލުމާއިއެކު ޑޮކްޓަރުންގެ ޓީމުން ވަގުތުން މަސައްކަތްފެށީ ނާޔަލްގެ ހިތް ނަގާފައި ކެމީލާގެ ހަށިގަނޑަށް ލެއްވުމަށެވެ. ހީނުކުރާހާ ކާމިޔާބު އޮޕަރޭޝަނަކަށްވިއެވެ. އެއްވެސް މައްސަލައެއްނުޖެހި އޮޕަރޭޝަން ކުރެވި ނާޔަލްގެ ހިތް ކެމީލާގެ ހަށިގަނޑުގައި ވިންދުޖަހަންފެށުމުން މުޅި ޓީމަށް ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން ބަޔާންކުރަން ދަތްޗެވެ. ހިތް ބަދަލުކުރުމަށްފަހު ވިއްސަކަށް އަހަރުވާންދެންވެސް މައްސަލައެއްނެތި ދުނިޔޭގައި ހުރެވިދާނެއެވެ. ހުރިހާކަމަކަށްވުރެ ކުޅަދުންވަންތަކަން ބޮޑެވެ. އެގޮތުގައި ކެމީލާވެސް މުސްކުޅިވެ އަޖޫޒަކަށްވެ މުނިމާމަ ދަރިން ލިބެންދެން ނޫޅެވޭނެކަން އެނގެނި ކާކަށް ހެއްޔެވެ؟

ކެމީލާ ދެ ހަފްތާވަންދެން ހޮސްޕިޓަލުގައި އޮތްއިރު އާއިލާގެ އެންމެން ގެފަރާތުން ހިފެހެއްޓުމެއްނެތް ލޯތްބާއި އަޅާލުން ލިބުނެވެ. ސޯފިއާއި ޔާސިރު އަދި މާކަސް އުލާ ނާއީ ނޯޔާވެސް އެހާ ހެވެވެ. ޚާއްސަކޮށް ނަތާލީއަށް ނާޔަލްގެ ހިތް ކެމީލާއަށް ހަދިޔާކުރިކަން އެނގުމުން ޖަޒުބާތީ ވެވުނުވަރުން ރޮއިރޮއި ހަލާކުވާވަރުވިއެވެ. ކެމީލާދެކެން އެންމެ ލަހުން އާދެވުނީވެސް ނަތާލީއަށެވެ. ކެމީލާގެ މޭގައި އޮތީ ނާޔަލްގެ ހިތްކަން އެނގުމަށްފަހު ނަތާލީ ކެމީލާ އަމިއްލަ ދަރިއެއްފަދަ ލޯތްބެއްޖެހުނީއެވެ. ނާޔަލްއަކީ ކެމީލާކަމުގައި ދެކެވުނެވެ. ކެމިލާ ދެކެން ގޮއްސިއްޔާ އޭނައަށް ކެތެއްނުކުރެވޭނެއެވެ. އޭރުން ކެމީލާ ބަލިވެސް ވެދާނެ ނޫންހެއްޔެވެ. ދެހަފްތާވަންދެން ނަތާލީ ނުކައި ނުބޮއި ކަރުނަ އޮއްސަން ހަދައިގެން ހާލު ދެރަވެ އެޑްމިޓް ކުރާން ޖެހުނެވެ. ނަތާޝާއާއި އަހުމަދު މައިކަލް އަދި އާއިލާމީހުންނާއި އެކުވެރިންގެ ފަރާތުން ހިތްވަރު ހޯދައިގެން ތެދުވެ އުޅެވޭވަރު ވުމަށްފަހު އެންމެ ކުރިން ޒިޔާރަތްކުރީ ނާޔަލްގެ މަހާނަ ދޮށަށެވެ. ނާޔަލްގެ ބައްޕަގެ މަހާނައާއި އަދި އިއްބާން ރައްހާލް ފަދަ އާއިލާއިން ނިޔާވެފައިވާ ޒުވާނުންނާއިއެކު އަބަދަށްޓަކާ ނިދާލާފައިވާއިރު އަލުން ދުވަހަކު ނުފެންނާނެކަން އެނގި ނަތާލީ އަނެއްކާ ރޮއްވައިލިއެވެ. މަހާނައިގާ ބޯ އަޅާލައިގެން އިދެ ތަކުރާރުކޮށް އެދުނީ މާފުކުރުމަށެވެ. އަނގައިން ނުބުނެ ދުވަސްކޮޅެއްވީކަމަށްޓަކައެވެ. ދަރިފުޅުގެ ބަދަލުގައި ކެމީލާދެކެ ލޯބިވާނެކަމުގައެވެ.

ނަތާލީއަށް އާދެވުނުއިރު ކެމީލާ ގެއަށް ފޮނުވާލުމުން ދާންވެގެން ތައްޔާރުވަނީއެވެ. އެނދުގައި އިށީދެލައިގެން އިން ކެމިލާގެ މޫނުމަތި ފެންނަނީ ތާޒާކޮށެވެ. ވަރުބަލިކަމުގެ އަސަރެއްނުފެނެއެވެ. ނަތާލީއަށް ގޮސް ކެމީލާގެ ގައިގާ ބައްދައިލެވުނެވެ.

"ދަރިފުޅާ ކެމް. މަންމައަށް އިތުރު އަންހެން ދަރިއެއް މާތް ﷲ ދެއްވައިފި. ނޯޔާއެކޭ ކެމްއެކޭ އެއްވެސް ތަފާތެއްނެތް.........." ނަތާލީ ގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ނަތާލީ ކެމިލާގެ މޭގައި އަތް ޖައްސައިލިއެވެ. ދަރިފުޅުގެ ހިތުގެ އިހުސާސްވެލުމުން ވަކިން ގަދަޔަށް ލޮލުން ކަރުނަ އަންނާންފެށިއެވެ.

"މަންމާ ނާޔަލްގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ. މަންމަ ރުއީމައޯ އެންމެ ދެރަވަނީ ކެންސަރުގެ އުދަގޫތަކަށް ކެތްވާނެއޭ އެކަމަކު މަންމަ ރޯތަން ދެކެންކެތް ނުވާނެއޭ ނާޔަލް ބުނި. އިޓް ވިލް ހާޓް ހިމް. ޕްލީޒް ނުރޮއި. ނާޔަލް ދުނިޔޭގައި ނެތަސް ހިޒް ހާޓް ވިލް ކީޕް ބީޓިން އިންޝާﷲ. ނާޔަލްއަށްޓަކާ ހެޔޮ ދުއާކޮށް އެންމެން އެކީ ސުވަރުގޭގައި ބައްދަލުކުރުމަށް މަސައްކަތްކުރަން އެންމެން ވީ. ހުރިހާ ލޯބިވާ ފަރާތްތަކަށް އަބަދަށް އެކީ އުޅެވޭނީ ހަމަ އެކަނި ސުވަރުގޭގައި ނޮޓް ހިއާ. މަންމާ ހީ ވޯޒް ހެޕީ ދެޓް ހީޒް މީޓިން ހިޒް ކްރިއޭޓާ.....ހީ ވިލް ބީ ވެއިޓިން ފޯ އަސް........." ކެމީލާ ނަތާލީގެ ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ. އޭނަ ކިތަންމެ ދެރަވިޔަސް ވިސްނަނީ ޕޮޒިޓިވްކޮށެވެ. ނާޔަލްގެ ހިތަށް ކުޑަނަމަވެސް ގެއްލުމެއް ވެދާނެގޮތަކަށް ނޫޅެން އޭނަވަނީ އަޒުމް ކަނޑައަޅާފައެވެ. ނާޔަލްގެ ވަސިއްޔަތް އޭނަ ހަދާންނައްތައެއްނުލާނެއެވެ. ނާޔަލްއަށްޓަކާ އޭނަ ހިނިތުންވާނެއެވެ. އޭނަވަނީ ނާޔަލް ދުނިޔޭގައި ހުރިއިރު އެތައް އަހަރަކަށްވާވަރަށް ހިތާމަކޮށްފައެވެ. ޑޮކްޓަރުން ބުނިގޮތުން އޭނަގެ ހިތް ހަލާކުވީ އެހާ ހިތާމަ ބޮޑުވީމައެވެ. ނާޔަލްގެ ހަދިޔާ އަދި ހަނދާން އޭނަ ގެންގުޅޭނީ ހުރިހާ އެއްޗަކަށްވުރެ ލޯބިންނެވެ.

ކެމީލާވެސް އެންމެ ކުރިން ޒިޔާރަތްކުރީ ގަބުރުސްތާނަށެވެ. ޚަރީފު މޫސުމްގައި އޭނަވަނީ ނާޔަލްއައިއެކު ނާޔަލްގެ ބައްޕަގެ މަހާނައަށް ޒިޔާރަތްކޮށްފައެވެ. މެގްނޯލިއާ ގަހުގެ ފަތްތައް އެހިސާބަށް ވެރިފައިވާއިރު މަންޒަރު ނިކަން ހިތްގައިމެވެ. ގަބުރުސްތާނަކަށްވުރެ ސިފަވީ ރީތި ބަގީޗާއެކެވެ. މިފަހަރު އެތަންވަނީ ސްނޯއިން ފުރިފައެވެ. ކެމީލާ ހެޔޮ ދުޢާކުރިއެވެ. ކިތަންމެ ކެތްކުރިނަމަވެސް އެވަގުތު ލޮލުން އޮހިގަތް ކަރުނަތައް ނުހިފެހެއްޓުނެވެ. ނަމަވެސް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. ނާޔަލްއާއި ވާހަކަދެއްކިއެވެ. ލޯބިވާވަރު ބުނެދިނެވެ. ދުވަސްކޮޅަކަށް ނަމަވެސް އޭނައާއިއެކު ހުރެ ދުވަހަކު ޚިޔާލަށް ނުގެނެވޭނެހާ ލޯތްބާއި އުފާތައް ގެނެސްދިންކަމަށްޓަކާ ޝުކުރުކުރިއެވެ. އަދި ހިތަކީ ކެމިލާ އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވާ ހަދިޔާއެއްކަމުގައި ބުނެލީ ފެންކަޅިވެފައެވެ.

ގެއަށް ދިޔުމާއެކުހެން ނާޔަލްގެ ވިލްއާއި ބެހޭގޮތުން އެނގުމުން އިތުރަށް ޖަޒުބާތީވެވުނެވެ. ނާޔަލްގެ ހުރިހާ ގެތަކާއި އަގުބޮޑު ކާރުތައް އޮތީ ކެމިލާގެ ނަމަށް ބަދަލުކޮށްފައެވެ. ނިއުޔޯކްގައި ހުރި ޕެންޓްހައުސްއާއި ސްވިޒަލޭންޑް އަދި ފްރާންސްގައި ހުރި ގެވެސް މެއެވެ. ނާޔަލްގެ ކުންފުނީގެ ހިއްސާދާރަކަށްވެސް ކެމީލާ ވީއެވެ. ކެމީލާ މުއްސަދި ބިލިއަނަރަކަށްވުމަށްފަހު ކެންސަރާއިބެހޭ ކަންތައްތަކަށް ފަންޑުކުރުމުގެ އިތުރުން ފަގީރު ގައުމުތަކުގައި މިސްކިތްތަކާއި ސްކޫލް ހޮސްޕިޓަލްތައް އިމާރާތްކުރުމަށް އެހީތެރިވެދެއެވެ. ޚާއްސަކޮށް އިސްލާމީކަންތައްތަކަށް ވަކިން ޚާއްސަ ސަމާލުކަމެއްދެއެވެ. ޔަތީމްކުދިންނާއި ފަގީރުކުދިން އަދި މުސްކުޅިންނަށްޓަކާ ގެތައް އަޅަން އެހާ ފައިސާ ޚަރަދުކުރެއެވެ. ދިރިއުޅުމަށް އެހާ ބޮޑު ބަދަލެއް އައިއިރު އޭނަގެ މަންމަ ސޯފިއާއާއި ބައްޕަ ޔާސިރު ވަނީ އަލުން ކައިވެނިކޮށްފައެވެ. ނަތާލީ ޚިޔާރުކުރީ ކެމީލާ ފަދައިން އެކަނި ދިރިއުޅުމަށެވެ. އެންމެ ލޯބިވި އަލީ މައިކަލްއަށްޓަކައެވެ.

ތިން އަހަރު ފަސް

ޚަރީފު މޫސުމްގެ އެންމެ ނަލަ ދުވަހެކެވެ. ރަންކުލަ ރީދޫ އަދި ރަތްކުލައިގެ ފަތްތައް މެދުނުކެނޑި ވާރޭފަދައިން ވެހި މުޅި ބަގީޗާތެރެ ދޫލަ އަޅާލައިފިއެވެ. ފަޒާގައި ދުންފިނީގެ އަސަރު ކޮންމެވެސް ވަރަކަށް ހިފާލާފައި އޮތެވެ. ކެމީލާގެ އެއްމާ ބަނޑު ތިން ކުދިންކަމަށްވާ ލައުން ލިލީ އަދި ލިއަމްގެ ދެވަނަ އުފަން ދުވަހެވެ. އެކުދިން ނަލަ ހައްދާލައިގެން ބޭރަށް ގެނައިއިރު ސޯފިއާއާއި ނަތާލީ އެކުދިންގެ އިސްތިގުބާލުގައި މަޑުކޮށްލައިގެން ތިއްބެވެ. ސަލާމް ގޮވާލީ ނިކަން ޅަ އަޑަކުންނެވެ. ލައުންއާއި ލިއަމް ނާޔަލްގެ ކާބަން ކޮޕީއެއްފަދައެވެ. އެވަރުގަދަ ބުމައާއި ރީތި އަޅި ދެލޮލެވެ. ކުޑައިރުވެސް ތޫނުކަމެއް ލިބިފައިވެއެވެ. އެންމެވެސް އުރާ ބައްދާލާ ހެދީ ނިކަން ލޯބިންނެވެ. އަދި އެކުދިންގެ ބޮޑުބޭބެ މާކަސްއާއި ނާއީ އަދި ނޯޔާއާއި އުލާގެ އިތުރުން މާމައާއި ޔާސިރުވެސް އެކުދިން ގައިގާ ބައްދާލާ އުރާލާހަދަން ކިއޫގައި ތިއްބެވެ. ނަތާޝާއާއި އަހުމަދު މައިކަލް އަދި އާއިލާގެ މެމްބަރުން ތައް މަޑުމަޑުން ގިނަވާންފެށިއެވެ. އެންމެން އެކުދިންނާއިއެކު ފޮޓޯތައް ނެގިއެވެ. އުފާވެރި ޕާޓީއެކެވެ.

ނާޔަލްއާއި ކެމީލާގެ ތިން ކުދިންނަކީ "މިރެކްލް"އެކެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނާޔަލް ގެ ލޯބީގެ ނިޝާންތަކެއް މިގޮތަށް ދުނިޔެއަށް ދޫކޮށްފައި ގޮސްދާނެކަމަށް އެއްވެސް ބަޔަކުހީކޮށްފައި ނެތެވެ. ކެމީލާވެސް އެފަދަ ކަމަކަށް އުއްމީދެއްނުކުރެއެވެ. ނާޔަލް އެންމެ ބޮޑަށް ބަލިވި ރޭ ކުއްލިއަކަށް ރަގަޅުވެ ވާހަކަދައްކާ ކެމީލާއާއިއެކު ހޭދަކުރި އުފާވެރި ވަގުތުތަކުގެ ފޮނި މޭވާ މިގޮތަށް ފެނިދާނެކަމަށް ކެމިލާ ހިޔެއްނުކުރެއެވެ. އެ ރީތި ހަދާންތަކުގެ ނިޝާންތައް ދުނިޔެއަށް އަންނަން އުޅޭކަން އެނގުނީ ހިތުގެ ޓްރާންސްޕްލާންޓަށްފަހު ކެމީލާ ޕީރިއެޑް މިސްވެ ގޮތްގޮތްވާން ފެށުމުން ޓެސްޓް ހެދުމުންނެވެ.

"އިޓްސް ޕޮޒިޓިވް....." ކެމީލާއަށް އެދުވަހު އުފަލުން ރޮއިގަނެވުނެވެ. ވަގުތުން ހުރި ތަނަށް ޝުކުރުގެ ސަޖިދައަށް ތިރިވިއެވެ. ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ހިއްސާކުރަން ނާޔަލް ހުރިނަމައޭ ހިތަށް އެރިއެވެ. ނޫނެކެވެ. ނާޔަލްވަނީ އޭނައާއި އެންމެ ކައިރީގައެވެ. އަބަދަށްޓަކާ ހިތުގައި ފޮރުވާފައެވެ. އޭނަ ދިރިހުރިހާ ހިނދަކު ނާޔަލްވެސް އޭނައާއެކު ވާނެއެވެ. ކެމީލާ މޭގައި ފިރުމައިލަމުން ހިނިތުންވެލީ ނިކަން ލޯބިންނެވެ. ނާޔަލް ދުނިޔޭގައި ހުރިނަމަވެސް ވާހަކަދައްކާހާ ލޯބިން ވާހަކަދެއްކިއެވެ. އެ ޚަބަރުދޭހިތުން ވަގުތުން ނާޔަލްގެ މަހާނައަށް ޒިޔާރަތްކުރިއެވެ.

ކެމީލާ ހީކުރީ މުޅި އުމުރަށް އެކަމާ ރިގްރެޓްކުރަން ޖެހޭނެކަމަށެވެ. ބޭސްކައިގެން ދޭތެރެ ދުރުކުރުމުން ނާޔަލް އެކިފަހަރު މަތިން ދަރިން ހޯދަން ބޭނުންވެގެން ދެއްކި ހުރިހާ ވާހަކަތަކެއް އޭނަގެ ހިތުގައި ވެއެވެ. އެކަމާއި އަސަރުކުރާގޮތްވެއެވެ. އެހެން ހުއްޓާ މިލިބުނީ ރަހުމަތެކެވެ. ކުދިންގެ ބައްޕަ ދުނިޔޭގައި ނެތަސް އެކުދިންނަށްޓަކާ ކެމީލާ މިހުރީ ގުރުބާން ވާން ތައްޔާރަށެވެ. ބައްޕަގެ ފޮޓޯތަކާއި ވީޑިއޯތައް ދައްކާ އެކުދިންނަށް ބައްޕައަކީ ކާކުކަން ކެމީލާވަނީ ރަގަޅަށް އޮޅުން ފިލުވާދީފައެވެ. ބައެއްފަހަރު ރަގަޅު މުއުމިނުންނަށް ތެދު ހުވަފެން ފެނެއެވެ. އެފަދަ ކަމެއް ނާޔަލްއަށް ތަޖުރިބާކުރެވުނުކަން އެނގުނީ ބަނޑުބޮޑުކަން އެނގުނުފަހުންނެވެ. އަލަމާރި ހާވަނިކޮށް ފެނުނު ސިޓީއެއްގައެވެ. ނާޔަލްގެ ސިޓީގައި އޮތީ އޭނައަށް ލޯބި ކުދިންކޮޅެއް ލިބެން އުޅޭކަމަށް ހުވަފެނުން ފެނިފައިވާ ކަމަށާއި ކުދިން ރަގަޅަށް ތަރުބިއްޔަތުކޮށް ބަލާބޮޑުކޮށް ދިނުމަށެވެ.

ޕާޓީ ނިމުމަށްފަހު ކެމީލާ ކުދިންކޮޅު ގޮވައިގެން މިސްރާބުޖެހީ ގަބުރުސްތާނަށެވެ. މެގްނޯލިއާ ގަސްތަކުން ވެރިފައިވާ އެތައް ހާސް ފަތްތަކުގެ ދޫލައިން ބިންގަނޑު ފޮރުވާލާފައިވާއިރު ޕާކެއްފަދައެވެ. ނާޔަލްގެ މަހާނަމަތީގައިވެސް ފަތްތަކެވެ. ކެމިލާ އެކުދިންނާއެކު ފޮޓޯތައް ނެގިއެވެ. ވީޑިއޯވެސް ކުރިއެވެ. ލިލީ މަހާނަ މަތީ މޫނު ކޮޅު ޖައްސާލަމުން ރޮވިފައި "ޑޭޑީ އައި ލަވް ޔޫ" އޭ ބުނިވަގުތު ކެމީލާގެ ލޯ ފެންކަޅިވިއެވެ. ކޮންމެ ކުއްޖަކު ގެނެސް މޭގައި ޖައްސާލާފައި ހިތުގެ ތެޅުމުގެ އަޑު އިވޭހެއްޔޭ ކެމީލާ އެހިއެވެ. ކެމީލާ ބުނީ އެއީ ބައްޕަގެ ހިތުގެ އަޑުކަމުގައެވެ. އަބަދަށްވެސް ބައްޕަ އެކުދިންނާއިއެކު ވާނެކަމުގައެވެ. އެންމެފަހުން ކެމީލާ ނާޔަލްގެ މަހާނަ ކައިރީ ކުޑަކަކޫ ޖައްސާލައިގެން އިށީނެވެ.

"ހަނީ. ކޮންފަދަ ތަފާތު ލޯތްބެއް ތިވީ. މިއީ ދުނިޔޭގައި މަދުން ނޫނީ ހިނގާނެކަމެއްނޫން. އެހާވެސް ރެއާ. އެންމެންވެސް ހިތްދީފީމޭ ބުނާނެ. އެކަމަކު އެއީ ހަގީގަތެއްނޫން. އަނގައިން ބުނެލިކަމުގައިވިޔަސް ހިތް ނަގާފައެއް ނުދެވޭނެ. އަހަރެންގެ ނާޔަލްއަށް އެކަނި އެކަން ސާބިތުކޮށްދެވުނީ. ހިތް ދީފައި ދެވުނީ. ޔޫ ގޭވް ޔޯ ހާޓް ޓު މީ. އިޓްސް ސޯ ޕްރެޝަސް ބޭބީ. ދުނިޔޭގައިވާހާ އެއްޗަކަށްވުރެ އަގު ބޮޑު. ދެން އެންމެ ޕްރެޝަސް ހަދިޔާއަކީ މި ލޯބިލޯބި ތިންކުދިން. އެއީ ރަހުމަތެއް. ކޮންފަދަ ރީތި ހަދިޔާތަކެއް. ލަވް ޔޫ ސޯ މަޗް. ވިލް ލަވް ޔޫ ފޯ އެވާ މައި ޕްރެޝަސް ޑާލިން. ޔޫ ގޭވް މީ ސޯ މަޗް ހެޕިނަސް އެންޑް ލަވް. ވިލް ލާސްޓް ފޯ އެ ލައިފް ޓައިމް. ގިޔާމަތާއި ހަމަޔަށްވެސް މި ލޯތްބަށް ފަނޑުކަމެއް ނާންނާނެ. އެކަމަކު އަހަރެންގެ ހިތުގައި އަބަދަށްޓަކައިވަނީ ނާޔަލްއޭ ނުބުނެވޭނެ. ސަބަބަކީ މިހާރު އަހަރެންގެ މޭގައި މިވަނީ އަހަރެންގެ ހިތެއްނޫން. އަހަރެންގެ ހިތްވަނީ ނާޔަލްއާއިއެކު ގޮސްފައި. އައި ޕްރޮމިސް ޔޫ ދިސް. ދެން އިތުރު އެއްވެސް މީހަކަށް ކެމް ނުލިބޭނެ. އަބަދަށްޓަކާ އިންތިޒާރުކުރާނީ މަރުވެގެން އަހަރެންގެ ލޯބިވާ ނާޔަލްއާއިއެކު ވާނެ ދުވަހަކަށް. އައިމް އޮންލީ ޔޯސް. އިރާދަކުރެއްވިއްޔާ ގިޔާމަތްދުވަހުވެސް އައި ވިލް ބީ ވިތު ޔޫ...........ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ....." ކެމީލާ ނާޔަލްއަށް ހެޔޮ ދުޢާކުރިއެވެ. އާއިލާގެ އެހެން މެމްބަރުންނަށްވެސް މެއެވެ. އެންމެފަހުން ތިންކުދިން ގޮވައިގެން ދާން ހިނގައިގަންނަމުންވެސް ކެމީލާ މޭގައި އަތް ޖައްސައިލަމުން ހިނިތުންވެލިއެވެ. ނާޔަލްގެ މޭގައިވެސް އަތް ޖައްސައިލާނެހާ ލޯބިންނެވެ. މިއީ ތަފާތު ލޯތްބެކެވެ. އެހެން އެއްވެސް ލޯބިވެރިޔަކަށް ލޯބިވެރިޔާގެ ހިތް މިގޮތަށް ހާސިލެއް ނުކުރެވޭނެއެވެ.

އޭނަ ދިރިހުރިހާ ހިނދަކު އޭނަގެ ލޯބިވެރިޔާގެ ހިތް އޭނަގެ މޭގައި ވިންދު ޖަހަމުންދާނެއެވެ. އުފަލަކީ އެއީއެވެ.

- ނިމުނީ -

comment ކޮމެންޓް