ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) އަށް ބަޖެޓުން ލިބެން ޖެހޭ ބައެއް ފައިސާ ނުލިބިވާތީ އެ ކުންފުންޏަށް ލިބެންޖެހޭ 10 މިލިއަން ރުފިޔާ ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރޭޖު ހެދުމަށް ޕީއެސްއެމް އިން ކުރި އެކި މަސައްކަތުގެ ބިލްތައް ދެއްކުމަށްް އެކުންފުންޏަށް 10،629،745 ރުފިޔާ ޕީއެސްއެމްގެ ބަޖެޓަށް އިތުރުކޮށްދިނުމަށް އެދޭ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި ކެޕިޓަލް އިންވެސްޓުމެންޓުގެ ގޮތުގައި ޕީއެސްއެމް އަށް 20 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ އިރު އެ ފައިސާގެ މައްޗަށް ބަރޯސާވެ ޓީވީއެމް ހިންގާ އިމާރާތުގެ އާބާތުރަ ފިލުވައި ޓީވީ އާއި އަޑުގެ ހިދުމަތް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތަކުގެ އިތުރުން ބައެއް އިކުއިޕްމެންޓާއި ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތްތައް ޕީއެސްއެމް އިން ކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން، މުހައްމަދު ލުވޭޒު ސޮއިކުރައްވާ މި މަހުގެ ހަތަރު ވަނަ ދުވަހު ފިނޭންސް އަށް ފޮނުވި އެ ސިޓީގައި ވަނީ ޕީއެސްއެމް އިން ކޮށްފައިވާ ހަރަދުތައް ދެނެގަނެ ބަޖެޓުގައި ޕީއެސްއަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ހަމަޖެއްސޭތޯ ބަލާ، އެ ކަމާ މެދު ނިންމާ ގޮތެއް ރައީސް އޮފީހަށް އަންގައި ދިނުމަށް އެދިފަ އެވެ.