ފްލެޓް ލިބުނު މީހުންނަށް ފްލެޓް ހަވާލު ކުރާނެ ކަމަށް އުންމީދު ކުރަން: ޑރ.މުއިއްޒު

ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަންފޮޓޯ/ފަޔާޒު މޫސާ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީން ފްލެޓް ލިބުނު ހައްގު ވެރިންނަށް އާ ސަރުކާރުން އަމާނާތްތެރިކަމާ އެކު ފްލެޓް ދޫކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ދޫކުރާ ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ރޭ ވަނީ އިއުލާންކޮށްފަ އެވެ.

މިނިސްޓަރު ޑރ. މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ބޭފުޅުން ލިސްޓް އެކުލާވާލީ ވަރަށް އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި މި މަހު 17 ވަނަ ދުވަހު ހުވާ ކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުލެޓް ލިބުނު ހައްގު ވެރިންނަށް އަމާނާތްތެރި ކަމާ އެކު އެފުލެޓްތައް ދޫކޮށް، އަދި ހިޔާ މަޝްރޫއުގައި ނުނި މިހުރި ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި 7000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަންނަ އަހަރު ޖޫން ނުވަތަ ޖުލައި ހިސާބު ނިމޭނެ ކަމަށާއި އަދި 2500 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް އަންނަ ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑާއި ސަރުކާރާ ދިމާލަށް އެ އަންނަ ކޮމެންޓްސްތަކަކީ ހަގީގަތެއް ހިމެނޭ ކަމެއް ނޫން، ވަކި ފަރާތަކަށް ފުލެޓް ދިނުމަށް އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،"

"މީގަ [ޝަރުތުދޭ މިންގަނޑު ނޫން] އެހެން އެއްވެސް ކަމަކަށް ނުބަލަން، އެ މީހާ ނިސްބަތްވާ ޕާޓީ އަކަށް، އެމީހާ ކޮށްފައިވާ ސިޔާސީ މަސައްކަތަކަށް އަޅުގަނޑުމެން މީގައި ނުބަލަން،" ފުލެޓް ދިނީ އޭގެ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވަގުތީ ލިސްޓަށް 3500 ފަރާތަކުން ޝަކުވާ ހުށައަޅާފައިވާ ކަމަށާއި އެއިން ކޮންމެ ޝަކުވާ އެއް ދެ މުވައްޒިފަކު ލައްވާ ދެ ފަހަރަށް ޗެކް ކުރި ކަމަށެވެ. ހައުސިން މިނިސްޓްރީއަށް ހުށަހެޅި ބައެއް ޝަކުވާތަކުގެ ތަފްސީލް ދެއްވަމުން މުއިއްޒު ވިދާޅުވީ ވަގުތީ ލިސްޓުގައި ހިމެނިފައި ތިބި ބައެއް މީހުންގެ ނަން ދާއިމީ ލިސްޓު އިއުލާން ކުރިއިރު އުނިކޮށްފައިވާ ކަމަށެވެ.

އަދި މިހާރު އޮތް ދާއިމީ ލިސްޓުން އުނި ކޮށްފައިވާނީ މައުލޫމަތު ސައްހަ ނޫން މީހުންނާއި ސަރުކާރުގެ ސޯޝަލް ސްކީމްގެ ދަށުން ކުރިން ފުލެޓް ލިބިފައިވާ މީހުން ކަމަށެވެ. އަދި މީގެ އިތުރުން ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ނަމަ، ދެމީހުންގެ ތެރެއިން ކޮންމެ ވެސް އެކަކުގެ ނަން އުނި ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މައުލޫމަތު ނުބައި ކޮށް ހުށައަޅާފައިވާ 18 އަހަރާއި 40 އަހަރުގެ ކެޓަގަރީން 46 މީހަކު އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އަދި މި މަޝްރޫއުގެ ދަށުން 11،000 މީހަކަށް ވަނީ ފްލެޓު ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް