13 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ހުޅުމާލެ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ. ހާދިސާ ހިނގާފައި ވަނީ އެރޭ 11 ޖަހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ނެއިބާހޫޑް އެކެއްގައި ހުންނަ މިސްކިތު ފުރަގަހަށްވާ ގޮތަށް ހަދަމުންދާ ޕާކުތެރޭ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.

އެ ޕާކު ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައިވާ އިރު، އެތަނުގައި ރޭގަނޑު ވަގުތު އެއްވެސް އަލިކަމެއް ނުހުރެ އެވެ. ހުޅުމާލޭގެ ރޭގަނޑު ވަގުތު އަނދިރިކަމަށް ބުނެ އެ އަވަށުގައި ދިރިއުޅޭ އާންމުން ޝަކުވާކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް މިހާރު މަގު ބައްތި ހުންނަ ދުރުމިނަށް ވުރެ ކައިރި ކައިރީ މަގު ބައްތި ހަރުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް