ނިއު ކެލެޑޯނިޔާ ފަރަންސޭސިވިލާތުގެ ވެރިކަމުގެ ދަށުން މިނިވަންވާނީތޯ ކަނޑައެޅުމަށް ވޯޓު ނަގަނީ

ނިއު ކެލެޑޯނިޔާގެ ވެރިރަށް ނޫމިޔާގައި ވޯޓުލުން ކުރިޔަށް ދަނީ - ފޮޓޯ: އޭއެފްޕީ

ޕެސިފިކް ކަނޑުގެ ހުޅަނގުދެކުނުގައި އަދި އޮސްޓްރޭލިޔާގެ އިރުން އޮންނަ ނިއު ކެލެޑޯނިޔާ ފަރަންސޭސިވިލާތުގެ ވެރިކަމުގެ ދަށުން މިނިވަންވެ ވަކި ގައުމަކަށް ވާނީތޯ ކަނޑައެޅުމަށް ނަގާ ވޯޓުގެ ކަންތައް މިއަދު ކުރިޔަށް އެބަ ދެއެވެ.

"ފްރެންޗް ޕެސިފިކް ޓެރިޓަރީ"އެއްގެ ގޮތުގައި އޮތް ނިއު ކެލެޑޯނިޔާގައި މިއަދު ކުރިޔަށް ދާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ދުނިޔޭގެ މިނިވަން ގައުމުތަކުގެ ލިސްޓަށް އެރުމުގެ ފުރުސަތު ނިއު ކެލިޑޯނިޔާއަށް ލިބިގެން ދާނެއެވެ.

ނިއު ކެލެޑޯނިޔާގެ މިނިވަންކަމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވެވުނީ މީގެ ވިއްސަކަށް އަހަރު ކުރީން ހިނގި ހަމަ ނުޖެހުންތަކަކާ ގުޅިގެން އެކަން ހައްލު ކުރުމަށް ޓަކައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގެ ތެރޭގައެވެ.

މިނިވަންކަމަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އިސްތިއުމާރީ ވެރިކަމަށް ނޫނެކޭ ބުނަން ލިބުނު މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައްޔިތުންނަށް ގޮވާލައި ކެންޕޭނު ކުރަމުންނެވެ. އެހެން ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ގިނަ ބަޔަކު ވޯޓު ދޭނީ ފަރަންސޭސިވިލާތުގެ ވެރިކަމުގެ ދަށުގައި ތިބުމަށެވެ.

comment ކޮމެންޓް